ފަތުޙުﷲ އަޙްމަދު
ރަޝީދު/ މޫރިތިގެ، ހއ. އިހަވަންދޫ (2012)
ބަހަކީ އިންސާނީ ވަންތަކަން ދައްކުވައިދޭ އެއްމެ މުހިއްމު އެއް ބަހާއެވެ.
އެއް އިންސާނަކާ އަނެއް އިންސާނެއް ގުޅުވައިދޭ ވާސިތާއެވެ. އެކެއްގެ ޖަޒުބާތުތަކާއި
ޝުޢޫރުތައް އަނެއްކާއަށް ހާމަކޮށްދޭ މާލިމީއެވެ. ބަހުގައި ހިމެނޭ ބަސްކޮށާރަކީ މި
ހުރިހާ ކަމެއް ކުރުމުގެ އާރުކާޓީއެވެ. އެހެންކަމުން، ބަހަށް ދިރުން ގެނެސްދީ
ބަހެއް ތަރައްޤީކޮށް ނެގެހެއްޓުމަށްޓަކައި އެންމެ އިސްދައުރެއް އަދާކުރާނީ
ބަސްކޮށާރުންނެވެ. ބަސްކޮށާރު މުއްސަނދިކުރުމަކީ ބަސްދިރުވުމަށް ލިބިގެންދާ
ބާރަކަށްވަނީ އެހެންވީމައެވެ. ދުނިޔޭގެ މަޝްހޫރު ބަސްބަހަށް ނަޒަރު ހިންގާލާއިރު
ބަސްކޮށާރަށް ލަފުޒު އިތުރުކުރުމަށް ތަފާތު އުޞޫލުތައް ބޭނުންކޮށްފައިވާތީ
ފެނެއެވެ. މިގޮތުން، ދިގުނަމަށް ކުރު ނަންނަން ދިނުން ނުވަތަ ކުރުކޮށްލުމާއި،
ތަރުޖަމާކުރުމާއި، ދުލަށް ފަސޭހަ އުޞޫލަށް ޤަދީމީ ލަފުޒުތައް ބަދަލުކުރުމާއި
ލަހުޖާތަކަށް ރަސްމީ ހައިސިއްޔަތު ދިނުން ފަދަ ކަންތައްތައް ފާހަގަކުރެވެއެވެ.