ފަތުޙުﷲ އަޙްމަދު (2009)
ރައްދު ޖަވާބު ޖޯޑަކީ
ކޮބާ؟
ރައްދު ޖަވާބު ޖޯޑަކީ
ދެކެވޭ ވާހަކައިގައި ބައިވެރިވާ މީހުންގެ ތެރެއިން ދެމީހަކު ބައިވެރިވާ
"ޢިބާރާތް ޖޯޑެއް" ކަމަށް ސްޓެފަންސީ ލެވިންސް (2002)
ހާމަކުރައްވާފައިވެއެވެ. މިގޮތަށް، ދެމީހެއްގެ ދެމެދުގައި
މުޢާމަލާތެއް ކުރާއިރު ބޭނުން ކުރާ ނުވަތަ ކުރެވޭ ވަކިކަހަލަ ބަސް ޖޯޑުތަކެއް
ހުރެއެވެ.
މަންމަ: އެފޮޓޯއަށް ހެދީ
އެހެންވެސް ބޭނުންނެތް ބާއެއްޗެއްސަށް ހަދާގޮތް.
މިސާލަކަށް:
Anna: Hello
Bill: Hi. (ޖޯޑު؛ 1)
Anna: How are you? Bill:
Fine. (ޖޯޑު: 2)
Anna: See ya! Bill:
Bye. (ޖޯޑު: 3)
= ޖޯރޖް ޔޫލޭ
(2000)، ޞ.77=
ދެމީހެއްގެ ދެމެދުގައި ކުރެވޭ މުވާޞަލާތުގައި
ވާހަކަތައް ބައްޓަންވެފައިވަނީ މިފަދަ ގޮތަކަށް ކަމަށްވާނަމަ އެއީ ރައްދު ޖަވާބު ޖޯޑުކަމުގައި
ބެލެވޭކަމަށް ޖޯޖް ޔޫލޭ (2000) ހާމަކުރައްވައެވެ. މިގޮތުން، ވާހަކަ ދެއްކުމުގެ
ރައްދުޖަވާބު ޖޯޑު ހިމެނޭ ބައިތަކުގެ ތެރޭގައި:
- ސުވާލަކަށް ޖަވާބެއް
- ސަލާމަކަށް ސަލާމެއް
- ދަޢުވަތަކަށް ޤަބޫލުކުރުން ނުވަތަ ނުކުރުން
ރައްދު ޖަވާބު ޖޯޑަކަށް ވަނީ ދެމީހެއްގެ ވާހަކަތައް ނުވަތަ
ބުނުންތައް އޭގައި އެކުލެވިފައިވާނަމައެވެ. އެހެންކަމުން، ރައްދު ޖަވާބު ޖޯޑެއްނަމަ
ތާވަލު 1 ގައިވާ ކަންތައްތައް ހިމެނެން ޖެހޭނެކަމަށް ސްޓެގޮލްފް (1973) އަށް
ޙަވާލާދެއްވާ ސްޓެފެންސީ ލެވިންސް (2002) ހާމަކުރައްވައެވެ.
ތާވަލު 1: ރައްދު ޖަވާބު
ޖޯޑެއް ނަމަ ހިމެނެން ޖެހޭ ބައިތައް
1. ދެމީހެއްގެ ބުނުން
އެކުލެވިފައިވުން.
2. ތަރުތީބުން އެކެއްގެ
ބުނުމަށް ފަހު އަނެއްކެއްގެ ބުނުން އޮތުން.
3. ފުރަތަމަ ބަޔާއި ދެވަނަ ބަޔާދެމެދު ގުޅުމެއްވުން، މިއާ
ޚިލާފަށް؛
ހ)
ސުވާލެއްގެ ކުރިން ޖަވާބެއް ނުދެވޭނެ.
ށ) ދަޢުވަތެއް
ދިނުމުގެ ކުރިން ޤަބޫލެއް ނުކުރެވޭނެ.
ނ) ކުށެއް
ކުރުމުގެ ކުރިން މަޢާފެއް ނުކުރެވޭނެ.
ސޯސް: ސްޓެފެންސީ ލެވިންސް. (2002). ޕްރެގްމެޓިކްސް. (12th ed). ޔޫކޭ. ކޭމްބްރިޖް ޔުނިވަރސިޓީ.
ރައްދު ޖަވާބު ޖޯޑުގެ
ވައްތަރުތައް
ރައްދު ޖަވާބު ޖޯޑުގެ
މުޙިއްމު އެއް ސިފައަކީ ޖަވާބެއް އައުމެވެ. ކުރެވޭ ސުވާލަށް ނުވަތަ ބުނާބުނުމަށް
ރައްދުގައި ދެވޭ ޖަވާބުގެ ޖޯޑު ތަކުގެ ތެރޭގައި ތަފާތު ވައްތަރުތައް ހުންނަކަމަށް
އެޑްވަޑް ފިނެގަން (1999) ހާމަކުރައްވައެވެ. އެއީ:
- ސުވާލާއި ޖަވާބު (Question and answer)މިއީ ކަމަކާ ބެހޭ ގޮތުން ކުރެވޭ ސުވާލަށް ދޭ ޖަވާބެެވެ. ޔުމުނާ މަޢުމޫން (2009) ހާމަކުރައްވާ ގޮތުގައި މިއީ އެކަކު ސުވާލެއް ކުރުމުން އަނެކަކު އެއަށް އަނގަބަހުން ދޭ ޖަވާބެވެ. އެހެންކަމުން، ޖަވާބު ދިނުމުގެ ގޮތުން ހަމައެކަނި ނިތް އަރުވާލުން ބޯޖަހާލުން ނުވަތަ ބޯހޫރުވާލުން ފަދަ ޙަރަކާތްތަކުން ދެވޭ ޖަވާބުތައް މިބަޔަކު ނުހިމެނެއެވެ. (މި ބައިގެ މިސާލު އެޕެންޑިކްސް (ހ) ގައިވާނެއެވެ.)
- ދަޢުވަތު ދިނުމާއި ޤަބޫލުކުރުން ނުވަތަ ނުކުރުން (Invitation and Acceptation)ދަޢުވަތެއް ލިބުމުން އެއަށް ދެވޭ ޖަވާބު ރައްދު ޖަވާބު ޖޯޑުގެ ތެރޭގައި ހިމެނެއެވެ. މިގޮތުން ދަޢުވަތު ޤަބޫލުކުރުމާއި ނުކުރުން ވެސް މިބައިގައި ހިމެނެއެވެ. ޔުމުނާ މައުުމޫން (2009) ހާމަ ކުރައްވާ ގޮތުގައި މިއީ ކަމެއް ކުރުމަށް ނުވަތަ ތަނަކަށް ދިއުމަށް ދެވޭ ދަޢުވަތާއި، އެދަޢުވަތެއް ދިނުމުން އެކަންތައް ކުރާ ކަމާއި ނުކުރާކަން އެންގުމަށް ބުނާ ބަހަކާ ގުޅިގެން އުފެދޭ ޖޯޑެވެ. (މި ބައިގެ މިސާލު އެޕެންޑިކްސް (ށ) ގައިވާނެއެވެ.)
- ކަމެއް އޮތްގޮތް ބަޔާންކޮށްދިނުން (Assessment and disagreement)މިވައްތަރުގެ ރައްދު ޖަވާބުގެ ތެރޭގައި ކަމެއް އޮތްގޮތް ބުނެދިނުމާއި ކަމެއްގެ ހައްލުވެސް ހިމެނެއެވެ. މިއީ ދެމީހެއްގެ ވާހަކައިން ކަމެއް އޮތްގޮތް ނުވަތަ މީހެއްގެ ގޮތާއި ފާޑު އަންގައިދޭ ބުނުމުގެ ޖޯޑު ކަމަށް ޔުމުނާ މައުމޫން (2009) ހާމަ ކުރައްވައެވެ. (މި ބައިގެ މިސާލު އެޕެންޑިކްސް (ނ) ގައިވާނެއެވެ.)
- ކަމަކަށް އެދުން - އެދުނު އެދުން ފުއްދައިދިނުން ނުވަތަ ނުދިނުން (Request for favor and granting )މިއީ މީހަކު ކަމަކަށް އެދުމުން، އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ބުނެވޭ ބުނުންތަކެވެ. މިގޮތުން، އެކަކު ކަމަކަށް އެދުމުން އަނެކާ އެކަން ފުއްދައިދިނުމަށް ނުވަތަ ނުދިނުމަށްޓަކައި ބުނާބުނުމުގެ ޖޯޑުތައް މިބައިގައި ހިމެނޭނެކަމަށް އެޑްވަރޑް ފިނެގަން (1999) ބަޔާންކުރައްވައެވެ. (މި ބައިގެ މިސާލު އެޕެންޑިކްސް (ރ) ގައިވާނެއެވެ.)
- މަޢާފަށް އެދުން / މަޢާފު ޤަބޫލުކުރުން ނުވަތަ ނުކުރުން (Apology and acceptance)ކުށެއް ކުރެވިގެން އެކުށަށް އަނެކާގެ ކިބައިން މަޢާފަށް އެދުމަށް ބުނާ ބުނުމާއި، އަނެކާ މަޢާފު ޤަބޫލު ކުރުމަށް ނުވަތަ ނުކުރުމަށް ބުނާބުނުން ހިމެނޭ ޖޯޑު ހިމެނޭނީ މިބާވަތުގެ ޖޯޑުގެ ތެރޭގައެވެ (ޔުމުނާ މައުމޫން، 2009). (މި ބައިގެ މިސާލު އެޕެންޑިކްސް (ބ) ގައިވާނެއެވެ.)
- ގޮވާލުމަށް އިޖާބަ ދިނުން (Summon and acknowledgement)މިއީ މީހަކު ގޮވާލުމުން އަނެކާ ޢިޖާބަ ދިނުމަށްޓަކައި އަނގައިން ބުނާ ބުނުން ނިސްބަތްބާ ޖޯޑެވެ (އެޑްވަރޑް ފިނެގަން، 1999). އެހެންކަމުން، އެކަކު އަނެއްކަކަށް ގޮވާލުމުން އަނެކާގެ ފަރާތުން އަނގަބަހުން އެއްވެސް ޖަވާބެއް ނުލިބިއްޖެ ނަމަ ރައްދު ޖަވާބު ޖޯޑަކަށް ނުވާނެއެވެ. ހަމައެހެންމެ، ހަމައެކަނި ނިތް އަރުވާލާއި ހިނތުންވުން ފަދަ ޙަރަކާތްތައް ގެނައުމުންވެސް އެއީ ރައްދު ޖަވާބު ޖޯޑު ތެރޭގައި ނުހިމެނޭނެއެވެ. (މިބައިގެ މިސާލު އެޕެންޑިކްސް (ޅ) ގައިވާނެއެވެ.)
- ސުވާލަށް އިތުރުކޮށްގެން ބުނުން (Insertion sequences)މިއީ، ކަމަކާ ގުޅޭގޮތުން ސުވާލެއް ކުރުމުން އެއަށް އިތުރު ތަފްޞީލު ހޯދުމަށްޓަކައި އިތުރު ސުވާލެއްކޮށް އެސުވާލުގެ ޖަވާބު ހޯދުމަށްފަހު، ފުރަތަމަ ކުރެވުނު ސުވާލަށް ޖަވާބުދާރީ ވާ ވައްތަރުގެ ޖޯޑު ކަމަށް އެޑްވަޑު ފިނެގަން (1989) ހާމަކުރައްވައެެވެ. (މި ބައިގެ މިސާލު އެޕެންޑިކްސް (ކ) ގައިވާނެއެވެ.)
- ބޭނުން އަދި ބޭނުން ނޫން ޖަވާބު (Preferred and dispreferred)އެޑްވަޑް ފިނެގަން (1989) ބަޔާންކުރައްވާ ގޮތުގައި ބައެއްކަހަލަ ވާހަކަ ދެއްކުމުގެ ޖޯޑުތަކަކީ ފުރަތަމަ ވާހަކަ ދައްކާ މީހާ ނުވަތަ ސުވާލުކުރާ މީހާ ނުވަތަ ސުވާލުކުރާ މީހާ ބޭނުންވާ ޖަވާބު އަނެކާގެ ކިބައިން ލިބޭފަދަ ޖޯޑުތަކެވެ. (މި ބައިގެ މިސާލު އެޕެންޑިކްސް (އ) ގައިވާނެއެވެ.) ޖޯޖް ޔޫލޭ (2000) ހާމަކުރައްވާ ގޮތުގައި ބައެއް ކަހަލަ ޖޯޑުތަކަކީ ފުރަތަމަ ވާހަކަ ދައްކާ މީހާ ނުވަތަ ސުވާލުކުރާ މީހާ ބޭނުންވާ ޖަވާބާ އިދިކޮޅު ޖަވާބު އަނެކާގެ ކިބައިން ލިބޭފަދަ ޖޯޑުތަކެވެ. މިފަދަ ޖޯޑު ތަކަށް ކިޔާނީ ބޭނުން ނޫން ޖަވާބު ނުވަތަ ޑިސްޕްރިފާޑް އެވެ. ސްޓްފަންސީ ލެވިންސް (2003) ހާމަކުރައްވާ ގޮތުގައި މިފަދަ ޖޯޑުތައް އާއްމު ގޮތެއްގައި މައިގަނޑު ތިން ބަޔަކަށް ބެހެއެވެ. އެއީ:
- ކަމަކަށް އެދުމުގެ ގޮތުން ބުނާ ބުނުން:މިސާލު: ވާހިދު:މި ސިޓީ މާދަމާއަށް ޓައިޕްކޮށްލަދީބަލަ!އާންތު: އާނ! މިތާ ބާއްވަ.(ޕްރިފަރޑް)
- ސުވާލެއް ކުރުމުގެ ގޮތުން ބުނާ ބުނުން:މިސާލު: ފާތުން: ތިޔަ ދަބަސް ދީފާނަންތަ؟މާޖިދާ: އާނ! ގެންދޭ! (ޕްރިފަރޑް)މާޖިދާ: ތިއީ މަގޭ އެއްޗެއް ނޫން. ޝިމްލާ އެއްޗެއް. (ޑިސްޕްރިފަރޑް)
- ދަޢުވަތު ދިނުމުގެ ގޮތުން ބުނާ ބުނުން:މިސާލު:ޝިމްލާ: މާދަމާރޭ 930 އަށް އަހަރުމެންގެއަށް ތަރާވީޙަށް އަންނާތި.ޝާޑް: މައްސަލައެއް ނޯންނާނެ! (ޕްރިފަރޑް)ޝާޑް: ސޮރީ. ޝިމޫ. މާދަމާރޭ އެބަޖެހޭ ސާމިޔާ ކައިރިއަށް ދާން! (ޑިސްޕްރިފަރޑް)
ނިންމުން
ރައްދު ޖަވާބު
ޖޯޑަކީ ދެމީހެއްގެ ދެމެދުގައި ދެކެވޭ ވާހަކައިން ދެމީހަކު ބައިވެރިވާ ޢިބާރާތް
ޖޯޑެވެ. މިގޮތުން ވާހަކަދެއްކުމުގައި ދެމީހުން އަނގަބަހުން ބުނާ ޢިބާރާތް ފިޔަވައި
އެހެނިހެން ބައިތައް؛ މޫނުމަތީގެ ހަރަކާތްތަކާއި ހަށިގަނޑުގެ ހަރަކާތްތަކަކީ
ރައްދު ޖަވާބު ޖޯޑުގައި ހިމެނޭ ބައިތަކެއް ނޫނެވެ. ރައްދު ޖަވާބު ޖޯޑުގެ ގޮތުގައި
ތަފާތު 8 ވައްތަރެއްގެ ޖޯޑުތައް ހިމެނެއެވެ. މިބައިތައް ބަހާލެވިފައިވަނީ ސުވާލާއި ޖަވާބު،
ސަލާމް ކުރުމާއި ބަލައިގަތުން އަދި ދަޢުވަތު ދިނުމާއި ޤަބޫލުކުރުމުގެ މައްޗަށެވެ.
މިއިން ކޮންމެ ބައެއްގައިވެސް ޤަބޫލުކުރުމާއި ނުކުރުން (ޕްރެފަރޑް އަދި
ޑިސްޕްރެފަރޑް) ހިމެނެއެވެ.
އެޕެންޑިކްސް
(ހ). ދޮންމަނިކު: މިމާވަހަރުގެ އަގު ކިހާވަރެއްވާނެ؟
ބޮޑު ހުސޭނު: މަދުވެގެން ވިއްސަކަށް ލައްކަވަރުވާނެ!
=މާވަހަރު/އިބުރާހިމް ހުސައިން
މަނިކުގެ ކުރުވާހަކަތައް 2. ޞ.8=
(ށ)1: (ދަޢުވަތު ޤަބޫލުކުރުން)
އަޤީލު: މާދަންރޭން ތިގެއަށް ޖައްސާލާނަން! މަންމަވެސް ދެކިލަންވާނެއްނު!
އައްބެ: އައިސްބަލަ. އައިސްބަލަ. މަންމަމެންވެސް ވަރަށް އުފާވާނެ...
=ބިލެތާއެކު.
އިބުރާހިމް ހުސައިން މަނިކުގެ ކުރުވާހަކަތައް 2. ޞ.123=
(ށ) 2: (ދަޢުވަތު ޤަބޫލު ނުކުރުން)
ނަސްރިއްޔާ:
ހަމީދު ހިނގާ ސައިބޯން!
ހަމީދު: ސައެއް ނުބޯނަން. މިއައީ ހޮޓަލުން ސައިބޯގެން.
=ހެނދުނުގެ މެހެމާނު/އިބުރާހިމް ހުސައިން
މަނިކުގެ ކުރުވާހަކަތައް 2. ޞ112=
(ނ): ދާއިން: ކޮބާތަ މަށަށް ކުރެވުނު
ފާފައަކީ؟
އުލްފާ:
ކުށަކީ ލަދެއް ޙަޔާތެއް ނެތިގެން މަގޭ ދައްތަގެ ޢިއްޒަތް ލޫޓްވާލަން މަސައްކަތް
ކުރުން.
(ޙާލަތު: ދާއިން(ގެ ސިފާގައި އުޅޭ ޖިންނިއެއް)
އުލްފާގެ ދައްތަގެ ޢިއްޒަތާ އަބުރަށްއަރާ ވާހަކަތައް އުލްފާއަށް ކިޔާދިނުމުން
ހަޤީގަތް ނުބަލާ ދާއިންއަށް އެއްޗެހިގޮވުން)
= ގިލަން/
މުޙައްމަދު ޤާސިމް. ޞ. 257=
(ރ) 1: (އެދުނު އެދުން
ފުއްދައިދިނުން)
އައިރީން: ދާއިން އަހަރެން ކުރާ ދެތިން ސުވާލަކަށް ޖަވާބު ދީފާނަންތަ؟
ދާއިން: އާނ! މައްސަލައެއް ނޯންނާނެ! ޖަވާބު ދެވޭވަރުގެ ސުވާލެއް
ވެއްޖެއްޔާ ދޭނަން.
= ގިލަން/
މުޙައްމަދު ޤާސިމް. ޞ. 95=
(ރ) 2: (އެދުނު އެދުން ފުއްދައި ނުދިނުން)
ޠާހިރާ: މާބޮޑަށް ބޮލުގައި ރިއްސަންޏާ ހޮސްޕިޓަލަށް ދާން މަންމައަށް
ފެންނަނީ!
ނަދުވާ: ނޫން މަންމާ! ނޫން!
= ގިލަން/
މުޙައްމަދު ޤާސިމް. ޞ. 167-168=
(ބ) 1: (މަޢާފު ޤަބޫލުކުރުން)
ހަމީދު؛ ކޮއްކޯ! މިއީ ކޮއްކޮގެ ލޯބިވާ
ބޭބެ، ތިޔައީ ބޭބެގެ އެންމެ ލޯބިވާ ކޮއްކޮ. ބޭބެއަށް މާފުކުރޭ!
ދާއިން: ބޭބޭ! ތިޔައީ އަހަރެން އެންމެ
ލޯބިވާ ބޭބެ. އަހަރެން ބޭބެއަށް މާފުކޮށްފިން.
= ގިލަން/ މުޙައްމަދު
ޤާސިމް. ޞ. 317=
(ބ) 2: (މަޢާފު
ޤަބޫލުނުކުރުން)
ޝަރީފް: ޝެހެނާޒް
އަހަރެންނާއި ނާޒްއަށް މަޢާފްކުރޭ!
ޝެހެނާޒް: ޝަރީފަށް މާފު
ކުރިޔަސް ނާޒް އަށް މާފެއް ނުކުރާނަން!
= ދިވެހިފިލްމް އުދާސް=
(ޅ) 1: އިޖާޒު: މަންމާ މަންމާ!
(ކޮޓަރިތެރެއަށް ވަދެ)
މަންމަ: އޯތް ދަރިފުޅާ!
(ދޮރުހުޅުވާލަމުން)
=ރީތި ފޮޓޯ/ އިބުރާހިމް
ޙުސައިން މަނިކުގެ ކުރުވާހަކަތައް 2. ޞ 86=
(ޅ) 2: އައިރީން: އޭތް!
ޝަފީޤާ! (ޝަފީޤާ ހެދުމެއް ނަގައިގެން ހުރެ ބަލަހައްޓަން ހުއްޓާ އައިރީން އައިސް
ކަންފަތްދޮށުގައި ވައި އަޑުން ގޮވާލި)
ޝަފީޤާ: ކިިހިނެއްވީ؟
= ގިލަން/ މުޙައްމަދު
ޤާސިމް. ޞ. 19=
(ކ): އިޖާޒު: އަޅެ
މަންމާ ކޮބާތަ އެ ފޮޓޯ؟
|
އިޖާޒު: އެއީ؟
މަންމަ: ކުނިގޮނޑަށް ފޮނުވާލީ.
=ރީތި ފޮޓޯ/ އިބުރާހިމް
ޙުސައިން މަނިކުގެ ކުރުވާހަކަތައް 2. ޞ 86=
(އ) 1: (ކަމުގޮސްގެން
އުޅޭ ޙާލަތެއްގައި)
އައިރީން: ޝަފީ ނިކަން އެހެދުމާއި މިހެދުމާ
އަޅާބަލާބަލަ! ހާދަ މޮޅު ފޮއްޗެކޭ މިއީ!
ޝަފީޤާ: އާނ! ދެން ވާނީވެސް ތިޔަހެން.
ތިކަންވެސް ތިނިމުނީނު.
(ޙާލަތު: އައިރީން
ހިތްކިޔާ ފިރިހެން ކުއްޖާއަށް ރީތިކަމަށް ބުނާ ހެދުން ނަގަމުން ދެއްކި ވާހަކަ
ޖޯޑު)
= ގިލަން/ މުޙައްމަދު
ޤާސިމް. ޞ. 24=
(އ) 2: ( ކަމުނުގޮސް
ގެން އުޅޭ ޙާލަތު)
ހަމީދު: ނަދޫ! ކޮއްކޮ
މެރީކުރަން އުޅޭނީ އުލްފާއާއޭ!
ނަދުވާ: ނުވާނެ، ނުވާނެ
ތިޔަކަމެއް!
= ގިލަން/ މުޙައްމަދު
ޤާސިމް. ޞ. 233-234=
ޙަވާލާ:
އިބުރާހިމް
ހުސައިން މަނިކު. (2007). އިބުރާހިމް ހުސައިން މަނިކުގެ ކުރުވާހަކަތައް 2.
މާލެ: ދިވެިހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު
ޤާސިމް. (2001). ގިލަން. މުސައްނިފް.
ސްޓެފެންސީ
ލެވިންސް. (2002). ޕްރެގްމެޓިކްސް. (12th ed). ޔޫކޭ. ކޭމްބްރިޖް ޔުނިވަރސިޓީ.
އެޑްވަރޑް
ފިނެގަން. (1999). ލޭންގުއޭޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް. (4th ed). ނިވްޔޯރކް.
ހާރކޯޓް ބްރޭސް ކޮލެޖް ޕަބްލިޝަރ.
އެޑްވަރޑް
ފިނެގަން. (1989). ލޭންގުއޭޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް. (3rd ed). އޮސްޓްރޭލިޔާ: އިއާލް އެމްސީޕީކް،
ހާކޯރޓްބްރޭސް ކޮލެޖް ޕަބްލިސަރ.
ޖޯރޖް ޔޫލޭ.
(2000). ޕްރެގްމެެޓިކްސް. (5th
ed). ނިއުޔޯރކް: ޔުނިވަރސިޓީ ޕްރެސް.
އިންޓަރވިއު:
ޔުމުނާ
މައުމޫނު. (2009). ރައްދު ޖަވާބު ޖޯޑު. ނެގީ، ސެޕްޓެމްބަރ 6، 2009.
No comments:
Post a Comment