ލިޔުނީ ފަތުޙުﷲ އަޙްމަދު (2015)
ބަހަކީ ހަމައެކަނި
ވާހަކަދެއްކުމަށް ބޭނުންކުރާ ވަސީލަތެއް ނޫނެވެ. ބަހަކީ ވަރަށް ގިނަ
ފިލާވަޅުތަކެއް ވަރަށް ގިނަ ކަންތައްތަކެއް ހާމަކޮށްދޭ އެއްޗެވެ. ވަރަށް އަގުހުރި
އިރުޝާދުތަކެއް އަންގައިދޭ އެއްޗެކެވެ. ވަރަށް މުހިއްމު މައުލޫމާތުތަކެއް
ފޯރުކޮށްދޭ ވާސިތާއެކެވެ. އަމިއްލަ ބަހާއި، ބަހުގެ އަސްލާއި، ބަހުގެ މަތިކޮޅާއި،
އެބަހަށް ނުފޫޒުފޯރުވާ އަދި ފޯރާ ބަސްބަހާއި، އެބައެއްގެ އިޖުތިމާއީ ގިންތިއާއި
ހާލަތާއި، އަމިއްލަ އާދަކާދައާއި،
ސަގާފަތާއި، އަމިއްލަ ދީނާއި، އަމިއްލަވަންތަކަން އަންގައިދޭ ޢިލްމީ ކަނޑެކެވެ.
ކުރުކޮށް ދަންނަވާނަމަ އެ ބައެއްގެ އަމިއްލަބަހުން އެބަޔަކީ ކޮންބަޔެއްކަން،
އެމީހަކީ ކާކުކަން ތަސްވީރުކުރުވާނެއެވެ. އެމީހެއްގެ ސިފަތައް ހާމަކޮށްދޭނެއެވެ.
ބަޔާންކޮށްދޭނެއެވެ. އަހަރުމެންގެ ބަސް، ދިވެހިބަހުން ވެސް މި ހުރިހާ ކަމެއް
ފުރިހަމައަށް ތަރުތީބުކޮށް ތަރުޖަމާ ކޮށްދެއެވެ. ކޮށްދޭނެއެވެ.
އެބަޔަކު
ވާހަކަދެއްކުމަށް ބޭނުން ކުރާ ބަހަކުން އެބައެއްގެ ބަހުގެ އަސްލާއި އެބަސް
ނިސްބަތްވާ އާއިލާ ވަރަށް ސާފުކޮށް ފެންނާނެއެވެ. ބަސް ނިސްބަތްވާ އާއިލާ ނުވަތަ
ބަހުގެ މަތިކޮޅުގެ އެހީގައި ބަހުގައި ހުންނަ ވިރާސީ ކަންކަމާއި، ޚާއްޞަ
ސިފަތަކާއި، ބަހުގެ ޠަބީއަތުގައި ހުންނަ ކަންކަމާއި، ބަހުގެ ޠަބީއަތާއި ޚިލާފު
ކަންކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ބެނާރޑް ކޮމްރެ (2009) ހާމަކުރައްވައެވެ.
ދިވެހިންގެ ބަހަކީ ދިވެހިބަސް ކަމަށް ވުމާއެކު ދިވެހިބަހުގެ ތެރެއިން ދިވެހިންގެ
ބަހުގެ އަސްލާއި ބަހުގެ މަތިކޮޅު ފެންނާނެއެވެ. އެބަހާ ގުޅުން ހުރި ބަސްތައް
ދެނެގަނެވޭނެއެވެ. މި ކަންކުރެވޭނީ ދިވެހިބަހުގެ ލަފުޒުތަކާއި އަޑުތަކާއި، ލިޔުންތެރިކަމާއި ބަހުގެ
އޮނިގަނޑުގައި ހިމެނޭ ތިމާގެ ކަމާއި އެއްބަސް އަނެއް ބަހާއި ހުރި ގުޅުންތަކުގެ
މައްޗަށް ރިއާޔަތްކޮށްގެންނެވެ. އެހެންކަމުން، އަހަރުމެންގެ ބަހުން އަހަރުމެންގެ
ބަހުގެ މަތިކޮޅު ނުވަތަ ބަހުގެ އަސްލު ވެސް ބުނެދޭނެއެވެ. އެކަން ހޯދޭނެއެވެ. ދިރާސާ ކުރެވޭނެއެވެ.
މާދަރީބަހަކީ އެބައެއްގެ
މޫނު ބަލައި ލޯގަނޑެވެ. މި ލޯގަނޑުގެ އެހީގައި އެބައެއްގެ މާދަރީބަހަށް ނުފޫޒު ފޯރަމުންދާ
ބަސްތަކާއި މާދަރީބަހަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވަރަށް ރަނގަޅަށް ވަޒަންކުރެވޭނެއެވެ.
އެކަން ހާމަވެގެންދާނެއެވެ. ދިވެހިބަހަށް އެންމެ ބޮޑަށް ނުފޫޒު ފޯރާފައިވަނީ އަދި
ފޯރަމުން ދަނީ ކޮންކޮން ބަސްބަހަކުންކަން ހޯދޭނެއެވެ. ދިވެހިން ލިޔަން މިހާރު
ބޭނުން ކުރާ ތާނައަކުރާއި، އެ އަކުރުބައިގެ ފިލިތަކާއި، ދިވެހި ބަސްކޮށާރާއި،
ދިވެހި ވަޒަންބަހުރުވައާއި ދިވެހިންގެ ބަހުގެ އޮނިގަނޑަށް ބަލާއިރު ދިވެހިބަހަށް
އެންމެ ބޮޑު ނުފޫޒެއް ފޯރުވާފައިވަނީ ޢަރަބި ބަހުންކަމަށް ޤަބޫލުކުރަންޖެހެއެވެ
(މުޙައްމަދު އިބްރާހިމް ލުޠުފީ، 1986 އަދި ޔުމުނާ މައުމޫނު، 2002). އަނެއްކޮޅުން، ބަވަނަ
ވެފައި މިވާ ދުނިޔޭގައި އެންމެ ހަލުއި ކަމާއެކު ފެތުރެމުންދާ އެއްބަހަކީ، އަދި
ދެވަނަ ބަހެއްގެ ގޮތުގައި ދުނިޔޭގެ އެންމެ ގިނަ މީހުން ދަސްކުރާ ބަހަކީ
އިނގިރޭސިބަހެވެ (ކަރޮލް މަޔަރސް، 2006). އިނގިރޭސި ބަހުގެ ނުފޫޒު ދިވެހިބަހަށް
ކުރާކަން ވަށައިގެން ފެންނަ މަންޒަރުތަކުން ހާމަވެއެވެ. އެހެންކަމުން،
އަޅުގަނޑުމެންގެ މާދަރީބަހުން، އަޅުގަނޑުމެންގެ ބަހަށް އަސަރު ފޯރުވާ އަދި
ފޯރުވަމުންދާ ބަސްތަކަކީ ކޮބައިކަން ހާމަވެއެވެ. ފެނެއެވެ.
ދެވަނަ ބަހެއްގެ
ގޮތުގައި ނުވަތަ ތިންވަނަ ބަހެއްގެ ގޮތުގައި އެ ތަނެއްގެ އަހުލުވެރިން ވާހަކަ
ދެއްކުމަށް ބޭނުންކުރާ ބަހެއްގެ ސަބަބުން، އެބައެއްގެ މާދަރީބަހަށް އެކަމުގެ
އަސަރުތައް ފޯރާކަން މާދަރީބަހުން ބުނެދޭނެއެވެ. މާދަރީބަސް ނޫން ބަހަކަށް
އެބަހުގެ އަހުލުވެރިން ދޯޅުވާނަމަ، އެބަހެއްގައި ހިމެނޭ އަމިއްލަ ލަފުޒުތަކުގެ
ބަދަލުގައި ބޭނުންކުރާނީ ދެވަނަ ބަހުގެ ލަފުޒުތައް ކަމަށާއި، އެކަމުގެ ސަބަބުން
އެބަހުގެ އަޑުތައް ގެއްލޭނެ ކަމަށް ކަރޮލް މަޔަރސް (2006) ހާމަކުރައްވައެވެ.
އެހެންމެ، ވާހަކަދެއްކުމުގައި ދެބަހުގެ ދެމެދަށް އެހެން ބަހެއް ބޭނުންކޮށް
ވާހަކަދެއްކުން އާއްމުވާނެ ކަމަށާއި އެ ގޮތަށް ވާހަކަދެއްކުން އެއީ ރީތި
ގޮތެއްކަމަށް އެބަހުގެ އަހުލުވެރިން ބަލައިގަންނާނެ ކަމަށް ޑޭވިޑް ކްރިސްޓަލް
(2000) ބަޔާންކުރައްވައެވެ. އަހަރުންމެންގެ މާދަރީބަހަށް ނަޒަރު ހިންގައިލުމުން
މިކަން ވަރަށް ސާފުކޮށް ފެނެއެވެ. މިއީ އަހަރުމެންގެ ބަހުން އަހަރުމެންނަށް
އަންގައިދޭ ފިލާވަޅެކެވެ. ފޯރުކޮށްދޭ މެސެޖުތަކެކެވެ.
ތަނެއްގައި އޮންނަ
އެއްބައިވަންތަކަން އެންމެ ބޮޑަށް ދައްކުވައިދެނީ އެބައެއްގެ ބަހުންނެވެ. މިކަމަށް
އިޝާރާތްކުރައްވާ، މައުމޫނު އަބުދުލް ޤައްޔޫމު (1996) ހާމަކުރައްވަނީ ބަހަކީ
މީހުން އެކުވެރިކުރުވާ ނުވަތަ އެއްބަޔަކަށް ހަދާ އެންމެ މުހިއްމު ވަސީލަތްކަމަށާއި
މީހުންގެ ޚިޔާލާއި ޝުޢޫރުތައް ވެސް އެންމެ ފަސޭހައިން ބަދަލުކޮށްލެވޭނީ
ބަހުންކަމަށެވެ. ދިވެހިބަހަށް ނަޒަރު ހިންގައިލާއިރު، ބަހުގެ ތެރެއިން އެއްބައިވަންތަކަން
އެންމެ ބޮޑަށް ހާމަވަނީ ބަހުރުވަތަކުގެ އަހުލުވެރިންގެ ފަރާތުންނެވެ. އައްޑޫ
މީހަކާއި އައްޑޫ މީހަކު ބައްދަލުވުމުން ވާހަކަދެއްކުމަށް ބޭނުންކުރަނީ އައްޑޫ
ބަހުރުވައެވެ. މިކަމުގެ ސަބަބުން އެ މީހުންގެ އެއްބައިވަންތަކަމާއި
އެއްބައެއްވަންތަ ކަމަށް ލޯބިކުރާމިންވަރު ހާމަވެއެވެ. އެހެންމެ، ޤައުމުން
ބޭރުގައި އުޅޭ ދެ ދިވެއްސަކު އެއްތަންވުމުން ވެސް ވާހަކަދެއްކުމަށް އިސްކުރެވެނީ
އަމިއްލަބަހެވެ. ދިވެހިބަހެވެ. އެއްބައިވަންތަ ކަމަކީ ބަހުގެ ޒަރިއްޔާއިން
އުފެދިގެން އަންނަ ކަންކަމުގައިވާތީ މިއީ ބަހުން އަންގައިދޭ ކަންކަމެވެ. ބުނެދޭ
ބުނެދިނުމެވެ.
ބަހުގެ ޒަރިއްޔާއިން
އަމިއްލަވަންތަކަން ރަމުޒުކޮށްދޭ އިރު، އެ ބައެއްގެ އިޖުތިމާއީ ޙާލަތު ވެސް
ބުނެދެއެވެ. އެކަން ހާމަކޮށްދެއެވެ. އިޖުތިމާއީ ގިންތި ބަޔާންކޮށްދެއެވެ.
އިޖުތިމާއީ ގޮތުން އޮންނަ ގުޅުންތައް ވަކިކޮށްދެއެވެ. ވާހަކަދެއްކުމަށް ބޭނުންކުރާ
ރާގާއި، ބޭނުންކުރާ ގޮތްތަކާއި، ބޭނުންކުރާ ލަފުޒުތަކުންނާއި، ވާހަކަދެއްކުމުގައި
އަޑުތައް އަދާކުރާ ގޮތުން އެއީ ބަހުގެ އަހުލުވެރިންގެ ތެރެއިން އިޖުތިމާއީ ގޮތުން
ކޮން ގިންތިއަކަށް ނިސްބަތްވާ މީހެއްގެ ކަން ބުނެދޭ ކަމަށް ޖޯޖް ޔޫލް (2010)
ހާމަކުރައްވައެވެ. ވާހަކަދެއްކުމުގައި ބޭއަދަބީ ބަހުރުވަ ބޭނުން ކުރާނަމަ އެއީ
އިޖުތިމާއީ ގޮތުން ކިހައި ވަރެއްގެ މީހެއް ކަން ދެނެގަންނަން ފަސޭހަވެއެވެ.
އެހެންމެ، ވާހަކަދެއްކުމުގައި ސާފު ރީތިބަހުރުވަ ބޭނުން ކުރާނަމަ އެއީ ކޮން ކަހަލަ
ގިންތިއެއްގެ މީހެއްކަން ވެސް ދެނެގަނެވެއެވެ. މިއީ، ހައްތަހާ ވެސް ބަހުގެ
ތެރެއިން އަހަރުމެންނަށް ދެނެގަނެވޭ ދެނެގަތުންތަކެވެ. ބަހުން ފޯރުކޮށްދޭ
މެސެޖުތަކެވެ.
ބަހުގެ ތެރެއިން
އިޖުތިމާއީ ގިންތި ހާމަކޮށްދޭ ގޮތަށް އެބަޔަކު ނިސްބަތްވާ ސަރަހައްދު ވެސް
ބުނެދެއެވެ. ވާހަކަދެއްކުމަށް ބޭނުންކުރާ ބަހުރުވައާއި ބަސްކޮށާރުން މިކަން
ހާމަކޮށް ދެނެގަނެވޭނެ ކަމަށް ޖޯޖް ޔޫލް (2010) ހާމަކުރައްވައެވެ. އަވަށްޓެރި
މަލިކުގެ އަހުލުވެރިންނަކީ ދިވެހިބަހުން ވާހަކަދައްކާ ބައެއް ނަމަވެސް، އެމީހުންގެ
ވާހަކަ ދެއްކުމަށް ބޭނުންކުރާ ބަސްކޮށާރުން އެއީ މަލިކުގެ އަހުލުވެރިންކަން ދެނެގަނެވޭނެއެވެ.
މިސާލަކަށް، "ތިބާ މޮށެލަން އަންނާށޭ" ބުނުމުން އެއީ އާންމު ދިވެހިންގެ
މުވާސަލާތެއް ނޫންކަން ހާމަވާނެއެވެ. އެހެންމެ، "އެހެންވީމެއި އަފިރިން ފަޚުރުވެރިވޭ ދިވެހިބަހަށް ކަމާއު ހީކޮށް..." އޭ
ބުނުމުން އެއީ ރަސްމީ ދިވެހިބަހުގެ އަހުލުވެރިއެއްގެ ބަހުރުވަ ނޫންކަމާއި އެ
ނިސްބަތްވަނީ ކޮން ސަރަހައްދަކަށް ކަން ހާމަވެއެވެ. ހަމައެހެންމެ، "ބޭބެ މި ވައްތަރު
ހުންނަތިބޭ، ދައްތަ އެ ވައްތަރު އަންނަ ތިބޭ" ބުނުމުން އެއީ މައް ދިވެއްސެއްގެ
ވާހަކަ ދެއްކުން ނޫންކަން އަންގައިދެނީ މީހާގެ މިޒާޖަކުން، ސިފައަކުން ނޫނެވެ.
ބޭނުންކުރި ބަހުންނާއި ބަސްކޮށާރާއި ރާގުންނެވެ. މިއީ، ބަހުން އަހަރުމެންނަށް
އަންގައިދޭ އަންގައިދިނުންތަކެވެ. ހާމަކޮށްދޭ ހާމަކޮށްދިނުންތަކެވެ.
ބައެއްގެ އިޖުތިމާއީ
ހާލަތާއި އެބަޔަކު ނިސްބަތްވާ ސަރަހައްދުގެ އިތުރުން، އެބައެއްގެ ސަގާފަތް ވެސް
ބަހުގެ ތެރެއިން ހާމަ ކޮށްދެއެވެ. ސިފަކޮށްދެއެވެ. ސަގާފަތަކީ އިންސާނުން ދިރިއުޅޭ
ގޮތެވެ. ވާހަކަދެއްކުމެވެ. އާދަކާދައެވެ. ވިސްނާ ވިސްނުމެވެ.
މަސައްކަތްތެރިކަމެވެ. ޤަބޫލުކުރާ ޤަބޫލުކުރުންތަކެވެ. އެބައެއްގެ ތެރޭގައި
ކަންކަން ބައްޓަން ކުރެވިފައި އޮންނަ ގޮތަށް އެބައެއްގެ ސަގާފަތޭ ކިޔައެވެ. އެކި
ޤައުމުތަކުގައި އެއްކަމެއް އެއް އުޞޫލަކުން ކުރި ނަމަވެސް ސަގާފީ ގޮތުން
ތަފާތުތަކެއް ހުންނާނެއެވެ. އެއްޗެއްސާއި ތަންތަނާއި ކަންކަމަށް ނަން ކިޔުމުގައި
ވެސް މި ތަފާތު ފެންނަކަމަށް ޖޯޖު ޔޫލް (2010) ހާމަކުރައްވައެވެ. މިގޮތުން، އާއިލީ
ނަންތަކުންނާއި ވަގުތާއި ގަޑި ގުނުމުގައި ދުނިޔޭގެ އެކި ސަގާފަތްތަކުގައި ތަފާތު
ކަންކަން ހާމަވާކަމަށް ބަޔާންކޮށްދެއްވާފައިވެއެވެ. ދިވެހިބަހުގެ ބަހުރުވަތަކުން
ވެސް މި ކަން ހާމަވެއެވެ. ރަސްމީ ބަހުރުވައިން 'މާމަ' އަދި 'ކާފަ' އޭ ބުނުމުން
އެއީ ކޮން ފަރާތަކަށް ނިސްބަތްވާ މީހެއްކަމެއް ދޭހައެއް ނުވެއެވެ. ނަމަވެސް،
އައްޑޫ ބަހުރުވައިން 'މާމަ' އޭ ބުނުމުން އެއީ މަންމަގެ މަންމަ ކަން ދޭހަވެއެވެ.
ބައްޕަގެ މަންމަ އަކީ މުންނާއެވެ. ސަގާފަތްތަކުގައި ހުންނަ މި ފަދަ ކަންކަން
ހާމަވެގެން، ފެނިގެން ދިރިގެން އަންނަނީ ބަހުގެ ތެރެއިންނެވެ. އެކަން ދެނެގަނެވެނީ
ބަހުގެ އަހުލުވެރިންގެ ފުށުންނެވެ.
ދީނީ ގޮތުން އިޙްތިރާމު
ލިބިގެންވާ ފަރާތްތަކަށް ކިޔުމަށް އެކި ބަސްބަހުގައި އެކި ނަންނަން
ބޭނުންކުރެއެވެ. ދީނީ އެކި މުނާސަބާތުތަކަށް އެކި ނަންނަމުން މުޚާތަބުކުރެއެވެ.
'ކަލާނގެ'، 'ހޭވަތައިން'، 'އިބަސުވާންމީންގެ'، 'ރަސްކަލާންގެ'، 'މާތް ސުވާމީންގެ"
މިއީ، ދިވެހިބަހުގައި
އާންމު އިންސާނުންނަށް ބޭނުންކުރެވޭ ނަންނަމެއް ނޫނެވެ. އެއީ ހަމައެކަނި މާތް ﷲ
އަށް ނިސްބަތްކޮށް ދިވެހިބަހުގައި ކިޔައި އުޅޭ ނަންނަމެވެ. އެހެންމެ،
'ހަދީސްކުރެއްވުން'، 'ހިނިވަރުނަކުރެއްވުން'، 'ސުވަރުގެ ވަޑައިގަތުން' ފަދަ
ލަފުޒުތަކަކީ މާތް ﷲ އަށް ނިސްބަތްކުރާ ލަފުޒުތަކެއް ނޫނެވެ. މިއިން އެއްވެސް
ލަފުޒަކީ އާންމު އިންސާނުންނަށް ބޭނުންކުރާ ލަފުޒުތަކެއް ވެސް ނުމެ ނޫނެވެ. މިއީ
އަހަރުމެންގެ އަޤީދާއާ ގުޅިފައިވާ އަހަރުމެންގެ ދީނާ ގުޅުންހުރި، ދީނީ ގޮތުން އިޚުތިރާމު
ލިބިގެންވާ ފަރާތްތަކަށް، ވަކި ހަމަތަކެއްގެ މަތިން ވަކި އުޞޫލަކުން
ނިސްބަތްކުރުމަށް ބޭނުންކުރަންޖެހޭ ލަފުޒުތަކެވެ. މިކަންކަން އަހަރުމެންނަށް
އަންގައިދެނީ ބަހުގައި ހިމެނޭ ލަފުޒުތަކުންނެވެ. ޖުމުލަކޮށް ބަހުގެ
ޒަރިއްޔާއިންނެވެ.
މީހެއްގެ ޠަބީއަތުގައި
ހަލާތްތަކާ ގުޅޭ ގޮތުން ބަދަލު އަންނަ ނަމަވެސް، އޭނާގެ ކިބައިން ވަކި ނުކުރެވޭ
ގޮތަށް ހުންނަ ޚާއްޞަ ސިފަތަކަކީ އޭނާގެ 'އަމިއްލަވަންތަކަމެވެ'. މިގޮތުން،
އަމިއްލަވަންތަކަން މައިގަނޑު ހަތަރު ގިންތިއަކަށް ބަހާލެވޭ ކަމަށް ޖޯނާ ތޯންބަރޯ
(2004) ހާމަކުރައްވައެވެ. އެއީ، ޠަބިއީ އަމިއްލަވަންތަކަމާއި، މުވާސަލާތީ
އަމިއްލަވަންތަކަމާއި، ފަރުދީ އަމިއްލަވަންތަކަމާއި އަޚުވަންތަވި
އަމިއްލަވަންތަކަމެވެ. ޠަބިއީ އަމިއްލަވަންތަކަމުގެ ތެރޭގައި ހިމެނެނީ އެމީހަކު
ނިސްބަތްވާ ޖިންސު، ސަގާފަތް، ޤައުމިއްޔަތު، އަސްލާއި އެމީހެއްގެ ސަރަހައްދު އަންގައިދޭ
ކަންކަމެވެ. މިއީ ޠަބިއީ ގޮތުން އެމީހަކު އުފަންވާއިރު ލިބިފައިވާ އަމިއްލަވަންތަ
ސިފަތަކެވެ. މުވާސަލާތީ އަމިއްލަވަންތަ ކަމުގެ ތެރޭގައި ހިމެނެނީ އެހެން މީހުންނާ
މުވާސަލާތު ކުރުމުގައި ގެންގުޅޭ އަމިއްލަވަންތަ އުޞޫލުތަކަށެވެ. ފަރުދީ
އަމިއްލަވަންތަކަމަކީ މީހާގެ ވާހަކަދެއްކުމާއި އަޙްލާޤާއި ސުލޫކުން ފާހަގަވާ
އަމިއްލަވަންތަ ކަމުގެ ސިފަތަކެވެ. ޚާއްޞަ ހާލަތްތަކުގައި ވާހަކަ ދެއްކުމާއި
އެހެނިހެން މުވާސަލާތުތަކުގައި އެކަކު އަނެއްކެއްގެ މެދުގައި ގެންގުޅޭ
އަމިއްލަވަންތަ ކަމުގެ އުޞޫލަކީ އަޚުވަންތަވި އަމިއްލަވަންތަކަކެވެ. އެމީހަކު
ނިސްބަތްވާ ބަހުގެތެރެއިން ވާހަކަދެއްކުމާއި، މުވާސަލާތު ކުރުމާއި،
ވާހަކަދެއްކުމުގެ ރާގާއި ބަހުރުވަ އަދި ބޭނުން ކުރާ ބަސްކޮށާރުގެ ތެރެއިން
އަމިއްލަވަންތަކަމުގެ މި ހަތަރު ސިފަ ވަރަށް ސާފުކޮށް ހަމަވެގެންދެއެވެ.
އެހެންކަމުން، ބަހުގެ ތެރެއިން އެމީހެއްގެ، އެބައެއްގެ އަމިއްލަވަންތަ
ޝަޚްޞިއްޔަތުގެ ފުރިހަމަ ތަސްވީރެއް ކުރައިހައިލެވޭނެއެވެ. އަހަރުމެންގެ ބަހުން
ވެސް މިކަން އަހަރުމެންނަށް ފެންނާނެއެވެ.
ބަހުގެ ޒަރިއްޔާއިން
ވަރަށް ގިނަ ކަންކަން ދެނެގަނެވެއެވެ. ހާމަކޮށްދެއެވެ. އަމިއްލަބަހާ ގުޅޭ
މައުލޫމާތުތަކެވެ. އަމިއްލަވަންތަކަމާ ގުޅޭ ކަންކަމެވެ. އަމިއްލަ ހައިސިއްޔަތާ
ގުޅޭ ވާހަކަތަކެވެ. ދީނާ ސަގާފަތާ އާދަކާދައާ ގުޅުންހުރި އެކިކަންކަމެވެ. ކޮންމެ
ބަހަކީވެސް އެބައެއްގެ ފުރިހަމަ ސޫރަ ކުރަހައިދޭ ވަސީލަތެކޭ ބުނަނީ
އެހެންވީމައެވެ. ބަސްދިރުވާ އާލާކުރަން ޖެހެނީ ވެސް އެހެންވީމައެވެ. ބަހަށް
ޚިދުމަތްކުރަން ޖެހެނީ ވެސް މިކަމާ ހުރެއެވެ. ބަސް ގެއްލިއްޖެ ނަމަ އެބަހަކުން
ބުނެދޭ އެބައެއްގެ ވާހަކަތައް ވެސް ގެއްލިގެން ހިނގައިދާނެތީއެވެ. ދިވެހިން
ދިވެހިބަހަށް ސަމާލުވަންޖެހެނީ ދިވެހިންގެ ވާހަކަތައް އަންގައިދޭނެ ވާސިތާއަކީ
ދިވެހިބަސް ކަމުގައިވާތީއެވެ.
ޙަވާލާ
ބެނާރޑް ކޮމްރެ. (2009).
ދަ ވޯލްޑްސް މޭޖަރ ލެންގުވިއެޖް. (ދެވަނަ އިސްދާރު). ނިއުޔޯކު: ރޫޓް ލެޖު.
ކަރޮލް މަޔަރސް. (2006).
މަލްޓިޕްލް ވޮއިސް. އޭން އިންޓްރޮޑަކުޝަން ޓު ބައިލިންގުއަލިޒަމް.
ނިއުޔޯކް: ބްލެކްވެލް.
މައުމޫނު އަބުދުލް
ޤައްޔޫމު. (1996). ދިވެހިބަސް ދިވެހިކުރުން، މަޝްވަރާ ބައްދަލުވުން. މާލެ: ދިވެހިބަހާއި
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު ޝާހިދު
ހަލީމް. (2008). ބަވަނަ ވަމުންދާ ދުނިޔޭގައި ދިވެހިބަސް ރައްކާތެރިކޮށް
ދެމެހެއްޓުން. ފަތްތޫރަ، 348، ޞ. 44 – 47.
މުޙައްމަދު އިބުރާހިމް ލުޠުފީ. (1986). ތާނަ އަކުރު އުފެދުނީ ކޮން ދުވަސްވަރެއްގައިތަ؟ ފަތްތޫރަ 90، ޞ. 24. 28.
މުޙައްމަދު އިބުރާހިމް ލުޠުފީ. (1986). ތާނަ އަކުރު އުފެދުނީ ކޮން ދުވަސްވަރެއްގައިތަ؟ ފަތްތޫރަ 90، ޞ. 24. 28.
ޑޭވިޑް ކްރިސްޓަލް.
(2000). ލެންގުއޭޖް ޑެތް. ޔޫކޭ: ކެމްބްރިކް ޔުނިވަރސިޓީ ޕްރެސް.
ޔުމުނާ މައުމޫނު.
(2002). ޖެނެރަލް އޯވަވިއު އޮފް ދިވެހި ލެންގުވިއެޖް. މާލެ: ދިވެހިބަހާއި
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޖޯނާ ތޯންބަރޯ. (2004). ލެންގުވިއެޖް
އެންޑް އައިޑެންޓިޓީ. އިން ލެންގުވިއެޖް، ސޮސައިޓީ ޕަވަރ.
ޖޯޖް ޔޫލް. (2010). ދަ
ސްޓަޑީ އޮފް ލެންގިވިއެޖް. ޔޫކޭ: ކެމްބްރިކް ޔުނިވަރސިޓީ ޕްރެސް.
No comments:
Post a Comment