Saturday, October 15, 2016

މުޢާމަލާތާއި މުއާޞަލާތުގެ ތަފާތު



ފަތުޙުﷲ އަޙްމަދު ރަޝީދު

މުޢާމަލާތާއި މުއާޞަލާތަކީ ޢަރަބިބަހުން ދިވެހިބަހަށް އައިސްފައިވާ ދެ ލަފުޒެވެ. ނަމަވެސް، މި ދެ ލަފުޒު ދިވެހިން ބޭނުން ކުރަމުންދަނީ ޢަރަބިން ބޭނުންކުރާ މާނާޔާ ތަފާތުކޮށްނެވެ. ޢަރަބި ބަހުން ވަރަށް ގިނަ ލަފުޒުތައް ދިވެހިބަހަށް އައިސްފައި ހުރި ނަމަވެސް، ދިވެހިން ބޭނުންކުރަނީ ޢަރަބިން ބޭނުންކުރާ އުޞޫލާއި ޚިލާފަށެވެ. މިކަމުގެ ސަބަބުން މިދެ ލަފުޒު ބޭނުން ކުރުމުގައި އޮޅުން ތަކެއް އަރާކަމަށް ފާހަގަ ކުރެވެ އެވެ. ބައެއް ތަޤްރީރުތަކާއި ރޭޑިޔޯ ޕްރްގޮރާމްތައް ހުށަހަޅާ ފަރާތްތަކުން ކުށް ގޮތުގައި މި ދެ ލަފުޒު ބޭނުން ކުރަމުންދާކަމަށް ފާހަގަވެއެވެ. އެހެންކަމުން، މުޢާމަލާތާއި މުއާޞަލާތުގެ ތަފާތު، މާނަ ދެނެގަތުމަށްޓަކައި ޢަރަބިބަހުގެ ލަފުޒުތައް އުފެދިގެން އަންނަގޮތް ދެނެގަތުމަކީ ކޮންމެހެން މުޙިއްމު ކަމެކެވެ. އެހެން ނޫންނަމަ މުޢާމަލާތު ކުރަން ޖެހޭ ހާލަތެއްގައި މުއާޞަލާތު ކުރެވިގެން އެކަމުގެ ލަދު ގަންނަން ޖެހިދާނެއެވެ.


ޢަރަބި ބަސް ނިސްބަތްވަނީ ސެމެޓިކް ބަހުގެ ޢާއިލާއަށެވެ. މި އާއިލާގެ ބަސް ބަހުގައި އިންޑޯއާރިޔާން ބަސްބަހުގައި ނުހުންނަ ޚާއްޞަ ސިފަ އެއް ހުރެ އެވެ. އެއީ 'ރޫޓް' އެވެ. މިގުރޫޕްގެ ހުރިހާ ލަފުޒުތަކެއް އުފެދެނީ ރޫޓްގެ މައްޗަށެވެ. މުއާޞަލާތުގެ ރޫޓަކީ ވަޞްލެވެ. ވަޞްލުގެ މާނައަކީ ގުޅުމެވެ. ނަމަވެސް، މުޢާމަލާތުގެ ރޫޓަކީ ޢަމަލެވެ. ޢަމަލުގެ މާނަ އަކީ ދިވެހިން ބަހުގައިވެސް ބޭނުންކުރާ އަމަލު (action) އެވެ. އެހެންކަމުން، ޢަރަބިބަހުގައި މުއާޞަލާތަކީ ގުޅުމާއި ގުޅުން ހުރި ކަންކަމެވެ. އަދި މުޢާމަލާތަކީ ޢަމަލާއި ގުޅުން ހުރިކަންކަމެވެ.

ދިވެހިބަހުގައި ޢަރަބި ބަސް ބޭނުންކުރާ ބައެއް އުޞޫލުތައް

ދިވެހިބަހުގައި ބޭނުންކުރަމުންދާ ޢަރަބި ލަފުޒުތައް ވަރަށް ފަހާ ޖެހެންދެން ދިވެހިބަހަށް ވަންނަމުން އައިސްފައިވަނީ ސީދާ ޢަރަބިން އެލަފުޒުތައް ބޭނުން ކުރާ މާނައެއްގަ ނޫނެވެ. ދިވެހިބަހަށް ޢަރަބި ލަފުޒުތައް ވަންނަމުން އައިސްފައިވަނީ އެހެން ބަހެއް މެދުވެރިވެގެންނެވެ. މިސާލަކަށް: ﻗﻮﻢ މި ލަފުޒުގެ ޢަރަބިބަހުގެ މާނައަކީ އެއްބަހަކުން ވާހަކަދައްކާ އެއް ސަގާފަތެއް ހިއްސާކުރާ ޖަމާއަތެވެ. އިނގިރޭސި ބަހުންނަމަ ﻗﻮﻢ އަކީ Nation އެވެ. ނަމަވެސް، ދިވެހިބަހުގައި ނަމަ ﻗﻮﻢ ގެ މާނަކުރަނީ countryގެ މާނާގަ އެވެ. މިސާލަކަށް: ސްރީލަންކާގެ ތަމަޅައިންނާއި ސިންހަޅައިންނަކީ ﻗﻮﻢ ނުވަތަ Nation އެކެވެ. މިއީ country އެއް ނޫނެވެ. ނަމަވެސް، ދިވެހިން ބަހުންނަމަ މިއީ Nation އެކެވެ. ދިވެހިބަހުގެ ތެރެއަށް ޢަރަބި ލަފުޒުތައް އައިސްފައި ހުންނަނީ ފާރިސީ އަސަރު އެކުލެވިގެންނެވެ.

އެހެން މިސާލަކަށް ބަލާއިރު، 'ފޮރިން މިނިސްޓްރީ'ގެ ދިވެހި މާނަ އަކީ ހާރިޖީ ވުޒާރާ އެވެ. ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި މިއީވެސް ޢަރަބި ލަފުޒެކެވެ. ޢަރަބި ބަހުގައި މި ނަން ކިޔަނީ "ވުޒާރަތުލް ހާރިޖިއްޔާ" މިގޮތަށެވެ. ޢަރަބިބަހުގައި "ހާރިޖީ" ކިޔަނީ ނަމުގެ ފަހަތަށެވެ. ސަބަބަކީ ޢަރަބި ބަހުގައި ނަންއިތުރު އަންނަނީ ފަހަތަށް ކަމަށްވާތީ އެވެ. އަދި ދިވެހި ބަހުގައި ނަންއިތުރު އަންނަނީ ކުރިއަށް ކަމަށްވާތީ ދިވެހިން ކިޔަނީ ހާރިޖީ ވުޒާރާ އެވެ. އެހެންކަމުން، ހާރިޖީ ވުޒާރާ މިއީ ދިވެހި ވެފައިވާ ދިވެހި ލަފުޒެކެވެ.

ވީމާ، ސީދާ ޢަރަބި ބަހުގައި ލަފުޒުތައް ބޭނުންކުރާ މާނާގައި ދިވެހިން އެލަފުޒުތަކެއް ބޭނުމެއް ނުކުރެ އެވެ. އެހެންކަމުން، މުއާޞަލާތާއި މުޢާމަލާތު ދިވެހިން ބޭނުން ކުރާގޮތަށް ބަލާއިރު، މުއާޞަލާތު ދިވެހިން ބޭނުންކުރަނީ communication ގެ  މާނާގަ އެވެ. މާނައަކީ ގުޅުމާއި ގުޅުންހުރި މާނަ އެވެ. މުޢާމަލާތުގެ މާނަކުރެވެނީ transaction ގެ މާނާގަ އެވެ. އެހެންކަމުން، މުޢާމަލާތުގެ ހިންގުމުގެ ކުރިން ދެފަރާތުން ދައްކާވާހަކައަށް ކިޔަނީ މުއާޞަލާތެވެ. މިސާލަކަށް ބަލާއިރު، ފޯނުން ރައްޓެއްސަކަށް ފައިސާ ބަދަލު (ޓްރާންސްފަރ) ކުރާއިރު ރަޙްމަތްތެރިޔާއަށް ފޮނުވާ ފައިސާގެ މިންވަރު ވާނީ މުޢާމަލާތެއްގެ ގޮތުގަ އެވެ. ނަމަވެސް، މިކަންކުރަން ފޮނުވާލާ SMS ވާނީ މުއާޞަލާތަށެވެ. އެހެނީ، މުޢާމަލާތުގައި ވާހަކަދެއްކުމެއް ނުހިމެނޭނެ އެވެ. މީގައި ހިނގާނީ އިދާރީ މަސައްކަތްތަކެކެވެ. ނުވަތަ ޢަމަލު ތަކެކެވެ. މިއާޚިލާފަށް، މުއާޞަލާތުގައި ހިމެނޭނީ ވާހަކަދެއްކުމެވެ. ނުވަތަ ބަދަލު ކުރެވޭ ބަސް ނުވަތަ ލަފުޒު ތަކެކެވެ.

އެހެންކަމުން، ދިވެހިބަހުން ފުރިހަމައަށް ވާހަކަދެއްކުމުގައި، ލަފުޒުތައް ބޭނުންކުރާ އިރު އެކަމަށް ޚާއްޞަ މަރުހަލާގައި އެކަމަށް ޚާއްޞަ ބަސްކޮށާރު ނުވަތަ ލަފުޒުކޮށާރެއް ބޭނުންކުރުމަށް ސަމާލުވުމީ ބަސްކުރިއެރުވުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަމެކެވެ.

މައުލޫމާތު: އިޔާޒު ނަސީމު. (2010، 26 އޮގަސްޓް). ދިވެހި ބަހުގެ ޑިގްރީކޯހުގެ ދަރިވަރުންނަށް ދެއްވި ތަޤްރީރު. މާލެ: ފެކަލްޓީ އޮފް އާޓްސް.  

      ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒު. (2011). ދިވެހި ބަސްފޮތް. މާލެ: ސީޕިއާ ޕްރިވެޓް ލިމިޓެޑް.

 

No comments:

Post a Comment