Wednesday, February 14, 2018

ދެމެހެއްޓެނިވި ތަރައްޤީއަށް – ބަހަވީ ސިންދަފާތާއި ގިނަބައްސަކަން

                                                                            -ލިޔުނީ ފަތުޙުﷲ އަޙްމަދު-

އިޖުތިމާއީ ބަދަހިކަމާއި، ފަރުދީ ގުޅުންތަކާއި ކާކުވަންތަކަމުގެ ސިފަތަކުން ޖަރީވެ، އެކަކު އަނެއްކަކަށް މުއާމަލާތްކޮށް، ޢިލްމާއި ހުނަރާއި ފަންނުވެރިކަން އެއް ޖީލުން އަނެއް ޖީލަށް ހަރުދަނާކަންމަތީ ދަމަހައްޓައިދޭ ވާސިތާއަކީ އެބައެއްގެ މެދުގައި މޮށެއުޅޭ ބަސްބަހެވެ. ފަރުދީބަސްބަހާއި ވެހިބަސްބަހެވެ. ވެހިބަސްބަހުން ވަށައިލެވި މަހައިލެވިފައިވާ ސަރަހައްދީ ބަސްބަހާއި ބަހުރުވައެވެ. މި ހުރިހާ މަރުހަލާތަކަކުން އެމުނި، ގެތި، މެހިފައިވާ އެބައެއްގެ މާދަރީބަހެވެ. މާދަރީބަހެއް ފަޅިފަޅިކޮށް ތަހުލީލީ ނަޒަރަކުން ދިރާސާކުރުމުން މި ދެންނެވި ބަހަވީ ޒައްރާތައް ފެނިގެންދާނެއެވެ. އެހެންކަމުން، މާދަރީބަހުގެ ދުވަހެއް ފާހަގަކުރާ ހިނދު މާދަރީބަސްބަހުގައި ހިމެނޭ އެންމެ ކުދިކުދި ބަހަވީ އުންސުރުތަކަށް ސަމާލުކަން ދެވޭ މިންވަރު އިތުރުކުރަން ޖެހެއެވެ. ބަހަވީ އުންސުރުތަކާއި ބަހަވީ ޒައްރާތައް ހިމާޔަތްކޮށް ދަމަހައްޓަން ބާރުއަޅަން ޖެހެއެވެ. އެ ވިސްނުން އިސްކުރާން ޖެހެއެވެ.

ޒަމާނީ މުވާސަލާތީ ވަސީލަތްތަކާއި ސުމޭކީ ވަސީލަތްތަކާއެކު، ޒަމާނުގެ ފުރޮޅު އެނބުރެމުން ސެނބުރެމުން އައިސް މިއަދު ދުނިޔެ މިވަނީ ބަވަނަވަންތަކަމުގެ ސިފަތަކާއެކު މުޅި ދުނިޔެ ކުޑަކުޑަ ކުނބުރަކަށް ބަދަލުވެފައެވެ. ދެވަނަ ސާސްކަފުގެ ފުރަތަމަ ޤަރުނުގެ ތެރޭގައި ދުވަސްތައް ގުނަމުންދާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިންސާނުން ވާހަކަދައްކާން ބޭނުންކުރާ ހަތްހާހެއްހައި ބަހުގެ ތެރެއިން ދެބައިކުޅައި އެއްބައި ބަސް، މި ޤަރުނުގެ ތެރޭގައި، އުވި، ނެތި، މަރުވެގެންދާނެ ކަމުގެ އިންޒާރު ބަހަވީންނާއި ބަހުގެ ދިރާސާވެރީންވަނީ ދެއްވައިފައެވެ. މިދެންނެވި ހަތްހާހެއްހައި ބަހުގެ ތެރެއިން، ޒަމާނީ ތަޢުލީމީ ނިޒާމާއި މުވާސަލާތީ އީޖާދުތަކާއި، ސުމޭކީ އާލާތްތަކަށް ފައްކާވެފައިވަނީ ސައްތައެއްހާ ބަސްކަމަށް ދިރާސާތަކުން ހާމަވެއެވެ. އެހެންކަމުން، އަދާހަމަވަމުން އަންނަ ޒަމާނީ ވަސީލަތްތަކަށް ބަސްބަސް ފައްކާކޮށް އޮޅުކުރަން ޚާއްޞަ ސަމާލުކަމެއް މިވަނީ ދޭން ޖެހިފައެވެ. ޒަމާނީ ތަޢުލީމީ މަންހަޖުތަކުން އީޖާދީ ފިކުރުތަކާއެކު ބަސްބަސް އުނގަނައިދޭން ޚާއްޞަ ސަމާލުކަމެއް މިވަނީ ދޭން މަޖުބޫރުވެފައެވެ. މީސް މީޑިޔާގެ އެކިއެކި މަންސަތަކުގައި މިފަދަ ކޮންމެ ބަހެއްމެ އޮޅުކުރަން މިވަނީ ލާޒިމުވެފައެވެ.
ނިޒާމީ ތައުލީމު ފުރިހަމަކޮށް މުޖުތަމައަށް ލޯހުޅުވާ ކޮންމެ ޒުވާނަކީ އަމިއްލަ މާދަރީބަހުގެ އިތުރުން، އެހެން ބަސްބަހަށް އަހުލުވެރި ޒުވާނުންނަށް ހަދަން ތަޢުލީމީ މުއައްސަސާތަކުން މިވަނީ އަތުކުރި އޮޅައިލައިފައެވެ. ތަހުޒީބީ ކުލަތަކާއެކު ތަފާތު ސަގާފަތުގެ ތެރެއަށް ހޭނި، މިލިއުޅެވޭ ފަދަ ޤާބިލު ޒުވާނެއް ބިނާކުރުމަކީ، އަދުގެ ތަޢުލީމީ ފަލްސަފާތަކުން ކުރަހައިދޭ ތަސައްވަރުތައްއެވެ. އެހެންކަމުން، ތިމާގެ މާދަރީބަހުން އެކަނި ޢިލްމު ހާސިލުކޮށްގެން މިއަދު ފަރުޖައްސައިލެވޭކަށް ނެތެވެ. ލާމެހިފައިވާ މުޖުތަމައެއްގައި މިލިއުޅުމަށް ޓަކައި ކޮންމެ މީހަކީމެ ގިނަ ބަސްބަސް އެނގޭ، ގިނަބައްސައަކަށް ވުމީ މިއަދުގެ ހާލަތު ކުރަހައިދޭ ތަސްވީރެވެ. އެހެންކަމުން، 2000 ވަނަ އަހަރުން ފެށިގެން މާދަރީބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހުގެ ޝިއާރުތައް އަމާޒުކޮށް، ހޭރިޔާކޮށްފައިވަނީ ގިނަބައްސަކަން ކުރިއަރުވައި ހޭލުންތެރިކުރުވުމުގެ މައްޗަށެވެ.
މިގޮތުން، 2018 ވަނަ އަހަރުގެ މާދަރީބަހުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި އދ.ގެ ސައިންސާއި ސަގާފަތާ ބެހޭ ޖަމިއްޔާ ޔުނެސްކޯ އިން ކަނޑައަޅުއްވާފައިވާ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށް – ބަހަވީ ސިންދަފާތާއި ގިނަބައްސަކަން"އެވެ.
މުޖުތަމައެއް އުފެދުމުގެ އަސްލަކީ އާއިލާއެވެ. އާއިލާ ތެރޭގައި މޮށެއުޅޭ ބަހާއި ބަހުރުވަތަކާއި ބަސްމޮށުމުގެ ވައްޓަފާޅިތަކަކީ ބަހެއް ނަގަހައްޓައި ދަމަހައްޓަން މުހިއްމު ބަހަވީ އުންސުރުތަކެކެކެވެ. ތުއްތުކުއްޖާގެ ސިކުނޑީގައި ބަހުގެ ޤާބިލުކަން އަށަގަންނަނީ އެކުއްޖާގެ އާއިލާގެ ފަރާތުންނެވެ. އާއިލާގެ ތެރޭގައި މޮށެއުޅޭ ބަހުގެ ތެރެއިންނެވެ. މިހެންވުމުން ތުއްތުކުދިންގެ ބަހުގެ ބިންގާ އަޅައިދޭ، ބަހަވީ ޢިލްމަށް ކުއްޖާގެ ސިކުނޑި ހުޅިވައިދޭ ތަޅުދަނޑިއަކީ އެ ކުއްޖެއްގެ އާއިލާއެވެ. އޭނާއަށް ބަހުގެ މުއްސަނދިކަމާއި ވެށީގެ މީރުކަމާއި ތާޒާކަން ފޯރުވައިދޭ ފެނާރަކީ އޭނާ އުޅެބޮޑުވާ މާހައުލެވެ. އާއިލާގެ ތެރެއިން ދަސްވާ ބަހުގެ އަޑުތަކާއި ޤަވާއިދުތަކާއި މާނަތަކާއި ބަހަވީ ތަފާތު ސިފަތަކުގެ އެހީގައި ކުއްޖާގެ ވިސްނުމާއި ފިކުރު އިތުރަށް ތަރައްޤީވެ، ކުއްޖާގެ މައުރޫފީ ޤާބިލުކަން ފުރާ ފުރިހަމަ ވާކަމަށް ނަފުސާނީ ބަހަވީ ޢިލްމުވެރިން ހާމަކުރައްވައެވެ. އަދި ކުއްޖާގެ ޅަފަތުގައި ކުއްޖާ ކޮންމެ ވެސް އެއް ބަހަކަށް ފައްކާކޮށް، އެބަހުގެ ހުނަރުތަކާއި އަޑުތަކަށް ހާނަން ބާރު އަޅުއްވައެވެ. މިގޮތުން ކުއްޖާ ހޭނޭ ބަހަކީ އެކުއްޖާގެ މާދަރީބަސް ކަމުގައިވެއެވެ.
އަޅުގަނޑުމެންނީ ދިވެހިންނަށް ވީހިނދު، ދިވެހިންގެ އުޞޫލުތަކާއި، ދިވެހިންގެ ޤައުމީ ސަގާފަތް ދިރުވައި އާލާކުރަން އިސްކަން ދޭން ޖެހެނީ ދިވެހިން ކަމަށް ވީހިނދު، ދިވެހި މައިންނާއި ބަފައިންގެ ދަރިންގެ މާދަރީބަހަކީ ދިވެހި ބަސްކަމުގައި ހެދުމަކީ، ކޮންމެ މަޔަކާއި ބަފައެއްގެ ބޮލުގައި އެޅިފައިވާ ޤައުމީ ވާޖިބެކެވެ. އެހެނީ، ދިވެހިންގެ އަމިއްލަވަންތަ ކަމާއި ދިވެހިންގެ އަމިއްލަ ޙަޟާރަތް ކުރިއެރުވޭނީ އަދި ޤައުމުދެކެ ލޯބިވާ ޤައުމާ މެދު ފަޚުވެރިވާ ޖީލެއް ބިނާކުރެވޭނީ އެފަދަ ވިސްނުންތަކެއް އުފަން ކުރެވިގެންނެވެ. ޤައުމިއްޔަ ލޯބި ހިތްތަކުގައި އާލާކުރެވިގެންނެވެ. ޙުއްބުލް ވަޠަންގެ ސިފަތަކުން ދަރިން ހާނުވައިގެންނެވެ. މި ސިފަތައް އެންމެ ފަސޭހައިން ކުދިންގެ ކިބައިގައި އަށަގެންނެވޭނީ ކުދިންގެ އެންމެ ތުއްތު އިރުން ފެށިގެން ޤައުމީ ބަސްކަމަށްވާ ދިވެހިބަހުން މުއާމަލާތްކޮށްގެންނެވެ. ކުދިންގެ ސިކުނޑީގައި އަށަގަންނަ ބަހަވީ އޮނިގަނޑަކީ ދިވެހި ބަހުގެ ތަރަހައިގެ ތެރެއިން އުފެދޭ އޮނިގަނޑަކަށް ހެދިގެންނެވެ.  
އަދުގެ ތަޢުލީމީ ނިޒާމު ބައްޓަންކުރެވިފައި ވަނީ ގިނަބައްސައަށް ފައްކާވެފައިވާ ނިޒާމެއްގެ މައްޗަށް ކަމަށް ވީހިނދު، ކުދިން އެހެން ބަސްބަހަށް ލޯހުޅުވައިދީ ބަހުގައި ހިމެނޭ ތަފާތުތަކާއި ބަހުގައި ހިމެނޭ އެއް ގޮތް ސިފަތައް ދެނެގަތުމަށާއި، ބަހަވީ ސިންދަފާތު ފަހުމުކުރަން ވެސް އެންމެ ފުރަތަމަ އަޅާ ބިންގަލެއް ކަމުގައި ހަދަން ޖެހެނީ މާދަރީބަހަށް ކުއްޖާ އަހުލުވެރިކުރުވުމެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކުދިންގެ ކިބައިގައި ރިވެތި ސިފަތަކާއި ޢިލްމީ ޤާބިލުކަން އާލާކޮށް އުފައްދަން ބޭނުންވަންޏާ ކުދީންގެ ޅަފަތުގެ ތަޢުލީމީ މަންސައެއް ކަމުގައި ދެކެންވީ މާދަރީބަހެވެ. ގޭތެރޭގެ މާހައުލުން ކުއްޖާއަށް ދަސްކޮށްދޭންވީ މަންމައާއި ބައްޕަގެ އަމިއްލަ ބަހެވެ. އަޅުގަނޑުމެންނީ ދިވެހީންނަށް ވީތީ އަޅުގަނޑުމެން އިސްކުރަންވީ ބަހަކީ ދިވެހި ޤައުމީބަހެވެ. ދިވެހިބަހެވެ. މިއީ މި ފަދަ ދުވަހެއް ފާހަގަކުރާ ހިނދު ދިވެހީންގެ ހިތުގައި ކަނޑައަޅަންވީ އަޒުމެވެ. ދިވެހި މައިންނާ ބަފައިން އިސްކުރަންވީ ޝިޢާރެވެ. ދިވެހި ޖައްވުގައި ގުގުމަންވީ ނިދާއެވެ.  


No comments:

Post a Comment