=މަރިޔަމް ސުހާ، އަލިގާ (2019)،
ގްރޭޑް 12ބީ، އިހަވަންދޫ ސްކޫލް=
ހަނދާނުގެ ދުރުމި، މީގެ އަހަރު ތަކެއް
ކުރީގެ ދިވެހިރާއްޖެއަށް އަމާޒުކޮށްލައިފިނަމަ ފެނިގެންދަނީ އަހުވަންތަ ކަމުގެ
ގޮށްޖަހައިލެވިފައިވާ އެކަތި ގަނޑެއްފަދަ ރައްޔިތުންނެވެ. ކަމަކަށް ބޭނުންވެއްޖެ
ކޮންމެ ހިނދެއްގައި ފަސްޖެހުމެއް ނެތި އެހީތެރިވެދޭ އަތްތަކެވެ. ރައްޓެއްސެއް
ބީރަޓެއްސެއްގެ ފަރަގެއްނެތި ހަދިޔާކޮށްލާ ހިނިތުންވުމެވެ. ނަމަވެސް އަދުތޯއެވެ.
ދިވެހިންގެ ތެރެއަށް ފަންނިއްޔާތު(ޓެކުނޮލޮޖީ)ގެ އާލާތްތައް ތައާރަފު ވެއްޖެއެވެ. ޒަމާނުގެ
ދުވެލި ހަލުވިވެ، ފަންނިއްޔާތުގެ ރަހަތައް މި މުޖުތަމަޢު ތަޖުރިބާ ކޮށްފިއެވެ.
ސުމާޓްފޯނުތަކާއި ކޮންޕިއުޓަރުގެ ފަސޭހަތަކެވެ. ކީބޯޑުގެ ފިއްތަކުން ސިކުންތުކޮޅެއްގެ
ތެރޭގައި ކޮށްލާ ހަރަކާތްތަކެވެ. މުޢާމަލާތްތަކާއި މުވާސަލާތްތަކެވެ. ނަމަވެސް، ހިތާމައަކީ
ކުރީގެ އެ އުފާވެރި މަނާޒިރުތައް އަދު މި ވެށިން ނުފެންނަކަމެވެ. އާކެއެވެ.
ޒަމާނުގެ ތަހުޒީބާއި ފަންނިއްޔާތުގެ ހަރު ދުވެލީގެ އޮއިގައި ޖެހި ދިވެހިންގެ
އިޖުތިމާއީ އަހުވަންތަ ކަމުގެ ފުރޮޅު ދަނީ ނުވަތައް އެނބުރެމުންނެވެ. ފަންނިއްޔާތުގެ
ސަބަބުން ދިވެހިންގެ އިޖުތިމާއީ ގުޅުންތައް ދަނީ ހީނަރުވަމުންނެވެ.
މިއަދު ގޭގޭ ޖޯލިފަތިތަކާއި އުނދޯލިގެ ތަކަށް
ކަޅިއެއް އެއްލައިފިނަމަ ފެނިގެންދަނީ ސުމާޓު ފޯނުތަކުގެ ވަކިތަކުގައި އަތްދަށުވެފައިވާ
މިންވަރެވެ. ރަހުމަތްތެރިންގެ ބައިގަޑުތައް އެކަންޏެއް ނޫނެވެ. މައިންބަފައިންނާއި
ދަރިން ވެސް މެއެވެ. އެކުގައި ތިއްބެއް ކަމަކު، ތިބެވެނީ މުޅީން އެހެން ދުނިޔެއެއް
ގައެވެ. އިންސްޓަގްރާމް ފީޑަށް ކަޅިއެއްލުމުގައާއި ޗެޓުރޫމުތަކުގެ ފަޅުކަން ފިލުވުމުގައެވެ.
ވައިބަރުގެ އެކި އޮޅިތައް ފަޅުފިލުވުމުގައެވެ. ގާތުގައި އިންނަ މީހާ އެއީ
ނެތްމީހެއް ފަދައެވެ. ދެތިން އަހަރު ވަންދެން ނުފެނި ހުރި ރަހުމަތްތެރިޔާ
ގޮވައިގެން ގޮސް އަރާ ކޮފީ ތަކުގެ ހާލަކީ ވެސް މިއީއެވެ. އާހިރުގައި ހިހޫވެ
ހާލުގައި ޖެހޭނީ ނިކަމެތި ކޮފީ ތަށްޓެވެ. މިއީ ހެޔޮބަދަލެއް ތޯއެވެ؟ އާއިލާއާއި
ރަޙުމަތްތެރިން އެއްވެ ކުރާ މަޝްވަރާތަކާއި ކައްކައި އުޅުނު ކެއްކުންތަކުގެ ފޯރި
ކޮބައި ތޯއެވެ؟ ހޮޅިއަށިތަކުގައި ހޭދަކުރި އުފާވެރި ހަވީރުތައް ކޮބައި ތޯއެވެ؟
ޝައްކެއް ވެސް ނެތެވެ. މި ޖޯޝާއި ފޯރި ނެތިދިޔުމަކީ މި މުޖުތަމައަށް ލިބުނު
ހީނަރުކަމެކެވެ. ފަޅުކަމެކެވެ. އިޖުތިމާއީ އެއްބައިވަންތަކަމަށް އޮތް ނިކަމެތި
ކަމެކެވެ. މިކަމާ މަތިކުރާން މި ޖެހެނީ ފަންނިއްޔާތުން ގެނުވި ފަސޭހަކަމާއި އައު
އީޖާދުތަކެވެ.
އަނެކުންގެ އުސްގަނޑުތަކާއި
އަޑިގަނޑުތަކުގެއި ވީވަރަކުން ބައިވެރިވެ ހިތްވަރުދިނުން އެއީ އުފަލެއްކަމުގައި
އެންމެ ކުރީންސުރެ ވެސް ދިވެހިން އައީ ދެކެމުންނެވެ. ހާއްސަ ގޮތެއްގައި ހިތާމައިގެ
ދަނޑިވަޅު ތަކުގައެވެ. ނަމަވެސް، އަދު މި މަންޒަރު ތަކުގައި ޖެއްސެމުން މިދަނީ
އައު ކުލައެކެވެ. ކޮއްކޮ އެއް ނުވަތަ ބޭބެއަކަށް ލިބޭ މަތީ މާކުހުގެ ތަޢުރީފަކީ
ހަމައެކަނި "ކޮންގްރާ" އަކަށް ވެއްޖެއެވެ. ރައްޓެއްސަކު ބަލިވެއްޖެނަމަ
ގޮވާލަން ދިޔުމުގެ ބަދަލުގައި "ގެޓް ވެލްސޫން" އެއް ފޮނުވައިލުމުން އެ
ނިމުނީއެވެ. ތިމާގެ މީހެއް ނުވަތަ ހެޔޮއެދޭ މީހެއްގެ މަރުގެ ހަބަރާއިއެކު
"ރެސްޓް އިން ޕީސް" ލިޔެލައި ފޭސްބުކުގެ ހާލަތު (ސްޓޭޓަސް) އަދާހަމަ ކޮށްލަނީއެވެ.
ހަގީގަތުގައި ވެސް ހިތާމަހުރި ކަމެކެވެ. ތިމާއާއި ގާތް ފަރާތްތަކާ މެދު ހިތުގައި
އޮންނަންވީ ހަގީގީ ލޯތްބާއި ކުލުނު ފޮހެވެމުން ނެތެމުން ދަނީއެވެ. ޒަމާނީ
ފަންނިއްޔާތުގެ އަވައިގައި ޖެހި، ކަންފަސޭހަ ކޮށްލެވެނީއެވެ. ގާތުގައި ހުރުމާއި
ފެންނަ ފަށުގައި ލިޔެލުން އެއްފަދަ ކޮށްލެވެނީއެވެ.
ދެންވެސް އޮތީ މިފަދަ ވާހަކައެކެވެ.
އަދު ޖީލު މީސްމީޑިޔާގެ ތަފާތު މަންސަތަކަށް ދޯޅުވެ އޭގެ އަވައިގައި ކަސްތޮޅު އެޅުވެމުންދާ
ވާހަކައެވެ. ގާތް މީހުންނާއި މެދު ކުރިން އޮތް އެއްބައިވަންތަކަން ނެތިގޮސް އަމިއްލަ
ފައިދާތަކާއި ކުރިއެރުންތަކާއި މެދު ވިސްނޭ ވިސްނުންތަކުގެ ވާހަކައެވެ. ރަހުމަތްތެރިއެއްގެ
ކިތަންމެ ކަމުދާ ފޮޓޯއެއް ފެނުނެއްކަމަކު އަޅައިލުމެއް ނެތި ދޫކޮށްލަނީ އެ
އެކުވެރިޔާ 'ފޮލޯކުރާ' މީހުން ތިމާއަށް ވުރެން ގިނަވުމުނެވެ. ތިމާގެ ޕޯސްޓުތަކަށް އެހެން
މީހުން ޝައުގުވެރިވުމާއި އެކުވެރިޔާއަށް ލިބޭ ތަރުހީބު ބޮޑުވުމުންވެ. އުފެދެނީ
ފަސާދަވެރި ކަމެކެވެ. ހޯދުމަށް އެދެވެނީ އެއިން ތިމާއަށް ހަގީގީ ފައިދާއެއް
ލިބުމެއްނެތް މަޝްހޫރުކަމެކެވެ. ނަތީޖާއަކަށް ވަނީ އެއް އިރެއްގައި ކަނާއަތް
ކަމުގައި ދުށް، މިތުރު ދަންނަ މީހަކަށް ވެސް ނުވުމެވެ. އެހީތެރިކަމަށް އެދި އޭނާ
ދިއްކޮށްލާ އަތުގައި ތިމާ ހިފަން ނުރުހުމެވެ. ވުމާއެކު މީސްމީޑިޔާގެ ސަބަބުން
ވިސްނުމާއި ފިކުރަށް އަންނަ ބަދަލުތައް މިވަނީ ދިވެހި މުޖުތަމައާއި ކުޅެލާފައެވެ. ހަސަދައިގެ
އަލިފާން ރޯކޮށްލެވޭ ވަސީލަތަކަށް ބަދަލުވާން ފަށައިފައެވެ.
ޢީދު ދުވަސްތަކުގައި ނުވަތަ އެނޫން ވެސް
އުފާވެރި މުނާސަބާތަކުގައި އަނެއްކާއަށް ދެވޭ ހަދިޔާ ދިވެހި މުޖުތަމައުގައި ވަރަށް
ހާއްސައެވެ. ހަދިޔާ ތައްޔާރު ކުރަނީ އޭނާއަށް އެންމެ ކަމުދާނެ ގޮތަށް
ވިސްނައިގެންނެވެ. ނުހަނު ކުލުނާއެކު ހެޔޮހިތުންނެވެ. ނަމަވެސް، ޒަމާނާއެކު
އޮންލައިން ވިޔަފާރީގެ ރަހަތަށް ދިވެހިންގެ ތައާރަފުވެ، އެ ރަހަތަކަށް ލިބޭ
ތަރުހީބު ބޮޑުވެއްޖެއެވެ. ދިވެހިންގެ އަތްތަކުން ތައްޔާރުކުރާ ދިވެހި ވަންތަ
ރަހަތަކުގެ ހަދިޔާތައް މަތިން ފޫހިވާން ފަށައިފިއެވެ. ބާޒާރަށް ގޮސް ނުހަނު
ބަލައިގެން ނަގާ ބޫޓުތަކާއި ފައިވާންތައް އަތުގެ އިނގިލީގެ ހަރާކާތަކާ އެކު މިހާރު
ހުންނަނީ ގޭގައެވެ. ހަދިޔާ ބަދަލުކުރުމުގެ ހަގީގީ ފޯރި ގެއްލިއްޖެއެވެ. އެކަމުގެ
ހަގީގީ ހިތްހަމަޖެހުން ނެތި ހިނގައްޖެއެވެ. އަނެއްކާގެ އުފަލަށް ޓަކައި ހުސްކުރި
ވަގުތުތައް މިހާރު މަދުވެއްޖެއެވެ. ނަތީޖާއަކީ އަނެއްކާއަށް ހިތުގައި އޮތް ލޯބި
ފޮހެވެން ފެށުމެވެ. އެ ގުޅުމުގެ އަސަރު ކުޑަވުމެވެ. މިކަމުގައި ވެސް ފޫޅުކެނޑެން
އޮތީ ފަންނިއްޔާތުން ގެނުވި ފަހި ކަމަށެވެ.
އިތުރުވަމުން ފުޅާވަމުންދާ
މީސްމީޑިޔާގެ މަންސަތަކާއެކު މުޖުތަމައުގެ ބަދަހިކަން މިހާރު މިވަނީ ގެއްލި
ގޮސްފައެވެ. ފިތުނަ ފަސާދައަށް ޓަކައި ދޮރުތައް މިހާރު މިވަނީ ހުޅުވިފައެވެ.
ލިބިފައިވާ ތަނަވަސްކަމާއި ނިޢުމަތްތަކަށް ޝުކުރު ކުރުމެއް ނެތި ތިމާގެ ހުރި
ޖާހާއި މޮޅުކަން އަންގައިލުން އުފަލަކަށް ވެއްޖެއެވެ. ކޮށްލާ ކިތަންމެ ކުޑަކަމަކަށް
ވެސް ފޮނިތޮށި ކާފޫރުތޮޅި އެއްކޮށްގެން 'ހަވާދާއި ކިއްލިތަޅައިގެން' އޭގެ މީރުކަން
މީސްމީޑިއާއަށް ހިއްސާކުރުން އާންމުވެއްޖެއެވެ. އަދި ނިމުނީކީ ނޫނެވެ.
އެހެންމީހުން، ދަށްކޮށް ބަދުނާމު ކުރުމާއި ބެލުމެއް ނެތި މީހުން ފަޟީހަތްކޮށް
އަބުރު ކަތިލުމުގެ ރޫހުގައި އެކި ކަހަލަ ވާހަކަތައް ފަތުރާ ތަނަކަށް މި މަންސަތައް
ހަދައިފިއެވެ. މިފަދަ އާދަ ތަކާއެކު ޒަމާނުންސުރެން ދިވެހިންގެ ތެރޭގައި އޮތް
ރިވެތި އުސޫލުތަކާއި އަހުލާގީ ރިވެތި ސިފަތައް މިދަނީ އުވެމުންނެވެ. މިއީ
ހަޤީޤަތުގައި ވެސް ދިވެހިންގެ ބަދަހިކަމަށް އެރި ލޮޅުމެކެވެ. އިޖުތިމާއީ
ބަދަހިކަން ކަފާސް ވުމަށް ކޮށުނު މަގުތަކެކެވެ.
ޝައަކެއް ވެސް ނެތެވެ. ޒަމާނާއި
ފަންނިއްޔާތު މިއަދު މިދެކޭ ތަހުޒީބަކީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ
ހަތުރެކެވެ. އޭގެ އޮއިވަރުގައި ޖެހި އެއްވުންތަކާއި ޖާފަތްތަކުގެ ފޯރި ކެނޑިއްޖެއެވެ.
އަނެއްކުންގެ އުފާތަކާއި ހިތާމަތަށް ތިމާއަށް ބީރަށްޓެހިންނަށްވެ ޒަމާންވީ
އެކުވެރިކަމުގެ ފާރުތަކުގައި ރެނދުލާން ފަށައިފިއެވެ. ހަދިޔާ ބަދިޔާ
ބަދަލުކުރުމުގެ ރޫހު ގެއްލިއްޖެއެވެ. ފިތުނަ ފަސާދައާއި އަހުލާގީ ގޯސް އާދަތަކަށް
މަގު ކޮށިއްޖެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. އަޅުގަނޑުމެންގެ ޒުވާން ޖީލު
އަތުގުޅައިލައިގެން ނިކުމެ މި ހާލަތު ބަދަލުކުރުމަށް ފަށައިގަންނަމާތޯއެވެ.
އެއްބައިވަންތަ ކަމުގެ ރޫހަށް ފުރުސަތު ދެމާތޯއެވެ. ފަންނިއްޔާތުގެ ބޭނުންކޮށް
އިޖުތިމާއީ ގުޅުންތައް ހަރުދަނާ ކުރަމާތޯއެވެ.
No comments:
Post a Comment