ތަޢާރަފު
ލިޔުނީ:
ފަތުޙުﷲ އަޙްމަދު (2018)
ދިވެހިންނަކީ އަމިއްލަވަންތަ ސަގާފަތެއް ލިބިފައިވާ
ބައެކެވެ. އާންމު މުޖުތަމައުގައި އަންހެނުންނަށް ޚާއްޞަ ޤަދަރެއްދީ ގޭތެރޭގެ
ކަންކަން އަންހެނުންނަށް މަތިކޮށްގެން އުޅުނު ބައެކެވެ. އެހެންކަމުން، މި ދިރާސާ ޚާއްޞަކޮށްފައިވަނީ
ދިވެހިންގެ މުއްސަނދި ސަގާފަތުގެ ތެރޭގައި ހިމެނޭ ދިވެހި ފޯކުޓޭލްތަކުގައި
އަންހެން ޝަޚްޞުންގެ ޝަޚުޞިއްޔަތު ހުށަހަޅައިދީފައި ހުންނަ ގޮތުން ފާހަގަކުރެވޭ
ކަންކަން ހާމަކުރުމަށެވެ. އެހެންކަމުން، މި ލިޓްރޭޗަރގައި ފޯކުލޯރއާއި ފޯކުޓޭލަކީ
ކޮބައިކަމާއި، ފޯކުޓޭލްގެ ބޭނުމާއި، ފޯކުޓޭލްގެ ވައްތަރުތަކާއި، ފޯކުޓޭލްގެ
ސިފަތަކާއި، ފޯކުޓޭލްގައި އުޅޭ ޝަޚްޞިއްޔަތުންނާއި، ފޯކުޓޭލްތަކުގައި އަންހެން
ޝަޚުޞުން ހުށަހަޅާއިފައި ހުންނަ ގޮތާއި، ދިވެހި ފޯކުޓޭލާއި، ދިވެހި ފޯކުޓޭލްގައި
އަންހެނުން ހުށަހަޅައިދީފައި ހުންނަގޮތައް ހިމަނަމުން، މިބައިތަކާމެދު
ޢިލްމުވެރިން ފާޅުކޮށްފައިވާ ޚިޔާލުތަކަށް ޢިލްމީ ނަޒަރަކުން ބަހުސަށް ފުރުޞަތު
ފަހިކޮށްފައިވާނެއެވެ.
ފޯކުލޯރއާއި ފޯކުޓޭލް
އިހުގައި ފޯކުލޯރ މާނަކުރެވުނީ ވަރަށް ހަނި ދާއިރާއެއްގައި
ނަމަވެސް، މިހާރު ފޯކުލޯރ މާނަކުރެވެނީ ވަރަށް ފުޅާ ދާއިރާއެއްގައެވެ. މިގޮތުން، 19ވަނަ ޤަރުނު ފެށުމާ
ހަމައިން، 'ފޯކް' އެއީ 'މީހުން' ކަމަށް މާނަ ކުރެވި، 'ލޯރ' އެއީ 'ވާހަކަ' ކަމަށް ބަލައިގަނެވި، ފޯކްލޯރ އެއީ 'މީހުންނާ ގުޅުން ހުރި ވާހަކަތައް' ކަމަށް މާނަކުރެވުނެވެ (މަރތާ ސީ. ސިމްސް އަދި
މަރޓިން ސްޓެފަންސް، 2011). ފޯކުލޯރއާ މެދު ދެކެމުން އައި ގޮތް ބަދަލުވި
މައިގަނޑު ސަބަބަކީ ފޯކުލޯރގެ ދާއިރާއިން ދިރާސާކުރުންތައް އިތުރުވެ މި ފަންނަށް
ޚާއްޞަ ދިރާސާވެރިން އުފެދި މަސައްކަތްތައް ފުޅާވުމުންކަމަށް ޕެޓްރިކް ބީ. މުލެން (2000)
ހާމަކުރައްވައެވެ. އެހެންކަމުން، މިހާރު ފޯކުލޯރ މާނަކުރެވެނީ ތަނެއްގައި ހިމެނޭ އާދަކާދައާއި، މީހުންނާއި، ސަގާފަތާއި، މިލިއުޅުމާއި ސުލޫކީ މިންގަނޑުތަކާއި މުޖުތަމައުގެ ފަންތިތަކާއި ގިންތިތަކާއި، ޤަބޫލުކުރުންތައް ޢަމަލާއި ބަހާއި ހަރަކާތުންނާއި މިޔުޒިކާއި ރާގާއި
ސަގާފަތުން ދުނިޔެއާމެދު ލިބޭ ޢިލްމާއި ނުރަސްމީ ސިފައެއްގައި ދަސްކުރާ ކޮންމެ ދަސްކުރުމަކީ ފޯކުލޯރ ކަމުގައެވެ (މަރތާ
ސީ. ސިމްސް އަދި މަރޓިން ސްޓެފަންސް، 2011). މީގެއިތުރުން، ޑޭވިސް (2010) އާ ހަވާލާދެއްވާ ނޯމަލީޒާ
އަބުދުއް ރަހީމު (2014) ބަޔާންކުރައްވާ ގޮތުގައި ފޯކުލޯރއަކީ މުޖުތަމައުގައި
ޒަމާނުއްސުރެ އުފެދި އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އަންނަ ސަގާފީ ހުރިހާ ކަންކަމެވެ. މިގޮތަށް ވާރުތަވަމުން އަންނަ އެއްބާވަތަކީ ފޯކުޓޭލްއެވެ.
މި ޒަމާނާ ޚިލާފަށް
ޤަދީމީ ޒަމާނުގައި މުނިފޫހިފިލުވާނެ ގިނަ ވަސީލަތްތަކެއް ނުހުރެއެވެ. އެ
ޒަމާނުގައި ޚިޔާލުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފާޅުކޮށް އުޅުނީ
ނެށުމާއި، ލަވަކިޔުމާއި ފޯކުލޯރތައް އެކަކު އަނެއްކަކަށް ކިޔައިދިނުމަށެވެ (މުޙައްމަދު މުމްތާޒްޚާން
އަދި ޖާވިދު ހަސަން ޗަންދިއޯ، 2015). އެ ޒަމާނުގައި ކިޔައި އުޅުނު ވާހަކަތަކުގައި ހުރީ ދުނިޔެއާ މެދު މީހުން ދެކެމުން އައި ގޮތްތަކާއި ދިރިއުޅުމުގެ ހާލަތާއި ކުރެވޭ އުއްމީދުތަކާއި ޚިޔާލީ ތަސައްވަރުތައް ފަދަ ކަންކަން ކަމުގައި މުޙައްމަދު މުމްތާޒްޚާން އަދި ޖާވިދު ހަސަން ޗަންދިއޯ (2015) ހާމަކުރައްވައެވެ. މިގޮތުން،
އެ ޒަމާނުގައި ކިޔައިއުޅުނު ވާހަކަތައް އެއީ މި ޒަމާނުގައި ފޯކުލޯރގެ ގޮތުގައި ބަލަމުން އަންނަ ޤަދީމީ ތަކެއްޗެވެ. މިގޮތުން، ދިރިއުޅުމުގެ މުހުތާދުތަކާއި، ދިރިއުޅުމުގެ އަޑިގުޑަންތަކާއި ޚިޔާލީ ކަންކަން ހިމަނައިގެން ކިޔައިއުޅުނު
ވާހަކަތަކަކީ ފޯކުޓޭލްސް ކަމަށް ޑޭވިޑް އެލް. ރުސެލް (2009) ހާމަކުރައްވައެވެ. ފޯކްޓޭލްގެ
ގޮތުގައި ހިމެނޭ ގިނަ ވާހަކަތައް ބިނާކޮށްފައި ހުންނަނީ ކޮންމެވެސް ޙަޤީޤީ
ހާދިސާއަކަށް (އެން. ކޭ. ނާސިރު، 2007) ބިނާކޮށް
ކަމަށް ވިޔަސް އެވާހަކަތައް ދޫދޫ މަތިން ވާރުތަވަމުން އަންނަ އިރު ކުދިކުދި
ބަދަލުތައް ހުރެއެވެ. އެހެންކަމުން، ކޮންމެ ފޯކުޓޭލްއެއް އެއީ ފޯކުލޯރގައި
ހިމެނޭނެ އެއްޗެކެވެ. އެހެންނަމަވެސް، ކޮންމެ ފޯކުލޯރއަކީ ފޯކުޓޭލެއް ނޫނެވެ (އޮލަރިންމޮއި،
އެދެއިންކާ ވުލެމަޓް، 2013). އެހެނީ،
ފޯކުޓޭލްގައި ޚާއްޞަ ސިފަތަކަކާއި، ވަކި ބޭނުންތަކެއް ހިމެނޭނެއެވެ.
ފޯކުޓޭލްސްގެ ބޭނުން
ޤައުމީ އަމިއްލަވަންތަކަމާއި، ފަރުދީ ގުޅުންތަކާއި ވަޠަނީ
ރޫޙް ދައްކުވައިދޭ އެންމެ ހަރުދަނާ ހެކި ލިއްބައިދޭ އެއް ވަސީލަތަކީ ފޯކުލޯރއެވެ.
ވަކީން ޚާއްޞަކޮށް ދޫދޫމަތިން ކިޔެމުން ވާރަތަވަމުން އައިސްފައިވާ ފޯކުލޯރ ނުވަތަ
ވަރބަލް ފޯކުލޯރ މިކަމުގެ މުހިއްމު ދައުރެއް އަދާކުރެއެވެ. ފޯކުލޯރތަކުގެ ތެރޭގައި
ހިމެނޭ ފޯކުޓޭލްތަކުން ވެސް މިކަމަށް ބާރު ލިއްބައިދޭ ވަރަށް ގިނަ ހެކިހޯދިދާނެ
ކަމަށް މަރތާ ސީ. ސިމްސް އަދި މަރޓިން ސްޓެފަންސް (2011) ބަޔާންކުރައްވައެވެ.
އެހެނީ، އަނގަބަހުން ކިޔައިދެމުން، ވާރުތަވަމުން އައި ކަމުގައިވީ ނަމަވެސް، ފޯކުޓޭލްތަކުގައި ހިމެނޭ މައިގަނޑު ޚިޔާލަށް ބަދަލެއް ނާންނާނެއެވެ (ނޯމަލީޒާ އަބުދުއް ރަޙީމް، 2014 އަދި މަރތާ ސީ. ސިމްސް އަދި މަރޓިން ސްޓެފަންސް، 2011). އެހެންކަމުން، އެބައެއްގެ ޤަދީމީ ހަޟާރަތާއި
އެހަޟާރަތުގައި ހުރި ޤަދީމީ ވިސްނުންތަކާއި ފިކުރިއްޔާތާއި ޤަބޫލުކުރުންތަކާއި
އެބައެއްގެ ތެރޭގައި އޮތް ގުޅުމާއި މިލިއުޅުންތަކާއި، އަޚްވަންތަކަމާއި،
ދިރިއުޅުމުގެ ހާލަތާއި ފާހަގަކުރެވޭ މުހިއްމު މުނާސަބަތުތައް ފަދަ ކަންކަން
ދިރާސާކޮށް އަދުގެ ޖީލަށް ފޯރުކޮށްދިނުމަށް ޓަކައި ފޯކުޓޭލްތަކަށް ސަމާލުކަންދޭން
ޖެހޭ ކަމަށް އެސް. ޖޭ. ބޯނަރ (2012) ހާމަކުރައްވައެވެ. މިކަމުގެ ސަބަބުން
ދަރިވަރުންނާއި، މުދައްރިސުންނާއި ދާރިހުންނާއި ލިޔުންތެރިންނަށް ގިނަގުނަ
ފައިދާތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.
ފޯކުޓޭލްތަކުގެ އަނެއް ބޭނުމަކީ ރަނގަޅު އާދަތަކާއި
ރަނގަޅު ސުލޫކަށް ހިތްވަރުދިނުމެވެ. ފޯކުޓޭލްގެ ގޮތުގައި ކިޔަމުން އަންނަ ކޮންމެ
ވާހަކައަކުން ވެސް ފުރިހަމަ ބޭނުންތެރި ޢިބްރަތެއް، މެސެޖެއް ނުވަތަ ފިލާވަޅެއް
ފޯރުކޮށްދެއެވެ. މިގޮތުން، ކާބަފައިންގެ ޒަމާނުންފެށިގެން މުޖުތަމައުގައި ހުރި
ރަނގަޅު އާދަތަކާއި އެ އާދަތަކަށް އިހުތިރާމު ކުރުމުގެ މުހިއްމުކަމާއި
ބޭނުންތެރިކަން ފޯކުޓޭލްތަކުން އަދުގެ ޖީލަށް ފަހުމުވާނެކަމަށް އެސް. މިލަރ (2013)
ބަޔާންކުރައްވައެވެ. އެހެންކަމުން، އެކި އުމުރުފުރާތަކަށް ޚާއްޞަ ފޯކުޓޭލްތައް
ދިރާސާކޮށް އެ ވާހަކަތަކުގައި ޝަޚްޞިއްޔަތުން ހުށަހަޅައިދީފައި ހުންނަ ގޮތް
ދެނެގަނެވިއްޖެ ނަމަ އެ މުޖުތަމައެއްގެ ޤަބޫލުކުރުންތަކާއި އާދަކާދަތައް ހުރި ގޮތް
ވަރަށް ރަނގަޅަށް ދޭހަވާނެއެވެ.
ފޯކުޓޭލްގެ ވައްތަރުތައް
ފޯކުޓޭލްތަކުގެ ތެރޭގައި ތަފާތު އެކިވައްތަރު ހިމެނެއެވެ.
މިގޮތުން، ފާހަގަކޮށްލެވޭ މައިގަނޑު ހަތަރު ވައްތަރަކީ (ހ) ޓްރިކަރސް ޓޭލް، (ށ)
ފޭބްލްސް ޓޭލް، (ނ) ޕޯރިކޯއީ ސްޓޯރީސް އަދި (ރ) ފެއަރީ ޓޭލްސްއެވެ (އަމީ މަޑިގަން،
2014). ނަމަވެސް، ނޯޝަން ދޮނާ އީ އަދި ސައުނދުރާ އީ ނޯޝަން (2003)
ބަޔާންކުރައްވަނީ ފޯކުޓޭލްގައި ހިމެނޭ މައިގަނޑު ހަ ވައްތަރަކީ، (ހ) ކިއުމިލޭޓިވް
ޓޭލް، (ށ) ހިއުމަރަސް ޓޭލް، (ނ) ބީސްޓް ޓޭލް، (ނ) މެޖިކް އެންޑް ވޮންޑަރ ޓޭލް، (ރ)
ޕޯރިކޯއީ ޓޭލް، (ބ) ރިއަލިސްޓިކްއެވެ.
ހ. ކިއުމިލޭޓިވް ޓޭލް
މި ވައްތަރުގެ ވާހަކަތަކުގައި ހަރަކާތްތަކާއި
ޝަޚްޞިއްޔަތުން ނުވަތަ ވާހަކަތައް ކުންނާ ހަމައަށް އަންނަންދެން
ތަކުރާރުވަމުންދާނެއެވެ. މިސާލަކަށް ޖިންގަ ބުރެޑް ބޯއީ، ޕޭންކޭކު، ޖޯނީ ކޭކު،
ހެނީ ޕެނީ ފަދަ ވާހަކަތައް ވަދެގެންދާނީ މިބަޔަށް ކަމަށް ނޯޝަން ދޮނާ އީ އަދި
ސައުނދުރާ އީ ނޯޝަން (2003) ހާމަކުރައްވައެވެ. ދިވެހި ފޯކުޓޭލްގެ ތެރޭގައި ހިމެނޭ
އަނބޮށްފުޅާއި ދަނބޮއްފުޅު މި ގިންތިއަށް ފެތިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.
އެހެނީ، މިވާހަކައިގައި ވެސް ޝަޚްޞިއްޔަތުން ބަދަލުވި ނަމަވެސް އެއް ކަމެއް
ތަކުރާރުވަނީއެވެ.
ށ.
ހިއުމަރަސް ޓޭލް
މިއީ ސަމާސަ ގޮތްގަނޑު ހިމެނޭ ވާހަކަތަކެވެ. މިކަހަލަ
ވާހަކަތަކުގައި އާންމު ގޮތެއްގައި ވާހަކައިގައި އުޅޭ ކޮންމެވެސް ޝަޚްޞިއްޔަތަކު
ކުރާ މޮޔަކަމެއް ނުވަތަ ހަމަ ނުޖެހޭ ކަމެއްގެ ސަބަބުން ވާހަކައިގެ ހާދިސާތަކުން
ކިޔުންތެރިންނަށް ވަރަށް ބޮޑަށް ހޭން މަޖުބޫރުވާނެއެވެ (ނޯޝަން ދޮނާ އީ އަދި
ސައުނދުރާ އީ ނޯޝަން، 2003). މިސާލަކަށް މަސްވެރިޔާއާއި އޭނާގެ އަނބިކަނބުލޭގެ،
މިސްޓަރ އެންޑް މިސިސް ވިނެގަރ، ޕީސެންޓް ޕީ ޕެޗު ފަދަ ވާހަކަތަކުގައި އުޅޭ
ޝަޚްޞިއްޔަތުންގެ ސަބަބުން ކިޔުންތެރިން ހޭން މަޖުބޫރުވެއެވެ. ދިވެހި ވާހަކަތައް
ކަމަށް ބަލާ ޖުހާގެ ވާހަކަތަކާއި އަލީގެ ވާހަކަތައް މި ގިންތިއަށް ފެތޭނެ ކަމަށް
ޤަބޫލުކުރެވެއެވެ.
ނ.
ބީސްޓް ޓޭލްސް
މި ވައްތަރުގެ ފޯކުޓޭލްތަކުގައި ގިނައިން އުޅެނީ
ޖަނަވާރުތަކެވެ. މިގޮތުން، މުސަޅު، ހިޔަޅު، ރާމާމަކުނު، ފައިދިގު މަކުނު، ބަކަރި،
ކުކުޅުހާ ފަދަ ދޫނިސޫފާސޫފި ވެސް މި ވައްތަރުގެ ވާހަކަތަކުގައި އުޅޭކަން
ފާހަގަކުރެވޭ ކަމަށް ނޯޝަން ދޮނާ އީ އަދި ސައުނދުރާ އީ ނޯޝަން (2003)
ހާމަކުރައްވައެވެ. މިކަހަލަ ވާހަކަތުގައި ވަރަށް މުހިއްމު ފިލާވަޅުތަކާއި ގިނަގުނަ
އިބްރަތްތައް ލިއްބައިދޭ ކަމަށް ކުރެވުނު ދިރާސާތަކާ ހަވާލާ ދެއްވާ ނޯމަލީޒާ
އަބުދުއް ރަޙީމް (2014) ފާހަގަކުރައްވައެވެ. މިގޮތުން، ފާހަކުރައްވާފައިވާ
ކަންކަމަކީ އިޚްތިރާމުކުރުން، ލޯބި، އަޅައިލުން، އިޚްތިރާމާއި ހިތްވަރާއި ޢަޒުމު
ހާމަކޮށްދޭ ފަދަ ކަންކަމެވެ. ދިވެހި ވާހަކަތަކަށް ބަލާއިރު ސިންގާއާއި މީދާ ފަދަ
ވާހަކަތައް މި ގިންތިއަށް ވަންނާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ރ.
އަޖައިބުކުރުން ތަކާއި ޖާދޫ ގެ ވާހަކަތައް (މެޖިކް އެންޑް ވޮންޑަރ ޓޭލް)
މި ވައްތަރުގެ ވާހަކަތަކުގެ މައިގަނޑު އުންސުރަކަށް ވެފައި
އޮންނަނީ ޖާދޫ ހެދުމެވެ. ނުވަތަ އާދަޔާ ޚިލާފު ބާރުތައް ލިބިފައިވާ
ޝަޚުޞިއްޔަތުންގެ މޮޅުކަން ހާމަކޮށްދިނން އިތުރުވާނެ ކަމަށް ނޯޝަން ދޮނާ އީ އަދި
ސައުނދުރާ އީ ނޯޝަން (2003) ހާމަކުރައްވައެވެ. މިގޮތުން، ފާހަގަކޮށްލެވޭ
ބައެއް ވާހަކަތަކަކީ، ސިނދުރެއްލާ ވާހަކަ، ބިއުޓީ އެންޑް ބީސްޓް، ސްލީޕިން ބިއުޓީ
ފަދަ ވާހަކަތަކެވެ. ކުރެވުނު ތަހުލީލުތަކާ ހަވާލާދެއްވާ ނޯމަލީޒާ އަބުދުއް
ރަޙީމް (2014) ބަޔާންކޮށްފައިވަނީ ފިރިހެން ކުދިންނަށް ވުރެ ބޮޑަށް އަންހެން
ކުދިން މިފަދަ ވާހަކަތަކަށް ގަޔާވާކަމަށެވެ. ސަބަބެއްގެ ގޮތުގައި
ބަޔާންކޮށްފައިވަނީ މިފަދަ ވާހަކަތަކުގައި އުޅޭ އަންހެނުންނަށް އާދަޔާ ޚިލާފު
ބާރުތަކެއް ލިބުމާއި ވާހަކައިގައި ހިތްދަތި ކަމެއް މެދުވެރިވީ ނަމަވެސް، ފަހުން ވަރަށް ރަނގަޅު މޮޅު ގޮތްތަކެއް ވާނެތީކަމަށާއި، މިފަދަ ވާހަކަތަކުގައި އަންހެނުން ހުށަހަޅާފައި ހުންނަނީ ވަރަށް ގަޔާވާ ގޮތަށް ވަރަށް ރީތިކޮށް ކަމަށެވެ. އަދި ފިރިހެން ކުދިން މިފަދަ ވާހަކަތަކަށް އެހައި ލޯބި ނުކުރާ ސަބަބެއް ކަމަށް ނޯމަލީޒާ އަބުދުއް
ރަޙީމް (2014)އަށް ހޯދުނުކަމަށް ބަޔާންކޮށްފައިވަނީ ވާހަކާގައި ހިނގާ ކަންކަމަކީ
ޚިޔާލީ ކަންކަންކަމަށް ވުމެވެ.
ބ. ޕަރީޒާދުންގެ ވާހަކަ
(ފެއާރީ ޓޭލްސް)
މި ވައްތަރުގެ ވާހަކަތަކުގައި އުޅޭނީ ދެ ވައްތަރެއްގެ
ޝަޚްޞުންނެވެ. އެއީ ރަނގަޅު އާދަތަކާއެކު އުޅޭ ޝަޙްޞުންނާއި ގޯސް ޢަމަލުތައް
ހިންގާ ޝަޚްޞުންނެވެ. އާންމުގޮތެއްގައި މިފަދަ ވާހަކަތަކުގައި ޖާދޫގެ ކޮންމެވެސް
ކަމެއް ހިނގާނެ ކަމަށް އަމީ މަޑިގަން (2014) ހާމަކުރައްވައެވެ. އެހެންކަމުން، މިއީ
ނޯޝަން ދޮނާ އީ އަދި ސައުނދުރާ އީ ނޯޝަން (2003)ހާމަކުރައްވާ ޖާދޫގެ ވާހަކަތަކުގެ ގިންތީގައި
ހިމެނޭ ވާހަކަ ކަމަށް ޤަބޫލުކުރަމެވެ. މި ފަދަ ވާހަކަތަކުގައި އަދަޔާ ޚިލާފު ރީތި
އަންހެނުން އުޅެއެވެ.
ޅ.
ޕޯރިކޯއި ޓޭލްސް
މިއީ، ދުނިޔޭގައިވާ ތަކެތީގެ އެކަތި އަނެއްކެއްޗާ ތަފާތުވާ
ސިފަތަކާއި، އެތަކެތި ދުނިޔޭގައި ލައްވާފައިވަނީ ކޮން ބޭނުމަކު ކަމާއި، އިންސާނުންނާއި
ޖަނަވާރު އަދި ގަސްގަހާއި ގެހީގައި ހުންނަ ޚާއްޞަ ސިފަތަކާ ގުޅޭ ގޮތުން ސުވާލުކޮށް
އެކަންކަމަށް ބިނާކޮށް ހުންނަ ވާހަކަތަކެއް ކަމަށް ނޯޝަން ދޮނާ އީ އަދި ސައުނދުރާ
އީ ނޯޝަން (2003) އަދި އަމީ މަޑިގަން (2014) އިއްތިފާގުވެ ލައްވައެވެ. މިސާލުގެ
ގޮތުގައި، އަމީ މަޑިގަން (2014) ހުށަހަޅުއްވާފައިވަނީ މީހުންގެ 'ގައިގައި މަދިރި
ކަށިޖަހަނީ ކީއްވެ؟'، 'އެތައް ބޮޑު ހޮނޑެއް ދެއްވީ ކީއްވެ؟' ފަދަ ކަންކަމެވެ.
އަނެއްކޮޅުން، މީހުންގެ މެދުގައި ހުންނަ ޤަބޫލުކުރުންތަކާއި ބޯދާ ޚިޔާލުތައް
ހިމެނޭ ވާހަކަތައް ފެތިގެންދަނީ މި ގިންތިއަށްކަމަށް އަމީ މަޑިގަން (2014)
ބަޔާންކުރައްވައެވެ.
ކ.
ޙަޤީޤީ ވާހަކަ (ރިއަލިސްޓިކް)
މިއީ ހިނގާފައިވާ ކޮންމެވެސް ހާދިސާއަކާ ގުޅުވައިގެން
އެކަމުން ލިއްބައިދޭ އިބްރަތްތައް ކުޑަކުދީންގެ ސިނކުޑިއަށް ވިސްނޭނެހެން ތަފާތު
ޝަޚްޞިއްޔަތުންގެ ބޭނުންކޮށްގެން ހުށަހަޅައިދީފައި ހުންނަ ވާހަކަތައް ކަމަށް
ނޯޝަން ދޮނާ އީ އަދި ސައުނދުރާ އީ ނޯޝަން (2003) ހާމަކުރައްވައެވެ.
އ. ޓްރިކަރސް ޓޭލްސް
މި ވައްތަރުގެ ވާހަކަތަކުގައި އުޅޭނީ ވަރަށް ވިސްނުންތޫނު
ހުޝިޔާރު ބަޠަލެކެވެ. އަދި މި ޝަޚްޞިއްޔަތަށް އެހެނިހެން ޝަޚްޞިއްޔަތުންގެ ނުފޫޒުފޯރި
ނަމަވެސް ކާމިޔާބު ހޯދާނީ ބަޠަލުކަމަށް އަމީ މަޑިގަން (2014) ހާމަކުރައްވައެވެ.
މިސާލެއްގެ ގޮތުން، ފާހަގަކޮށްފައިވަނީ ދެކުނު އެމެރިކާގައި ކިޔައި އުޅޭ 'ހާރޭ'
ޔޫރަޕްގައި ކިޔައި އުޅޭ 'ވޯލްފް' ފަދަ ވާހަކަތަކެވެ.
ވ.
ފޭބްލްސް
މި ވައްތަރުގެ ވާހަކުން އިބްރަތްތެރި މުހިއްމު
ފިލާވަޅުތަކެއް ދަސްކޮށްދޭނެއެވެ. މައިގަނޑު ޝަޚްޞެއްގެ ގޮތުގައި އުޅޭނީ
ކޮންމެވެސް ޖަނަވާރެކެވެ. ވާހަކައިން ޢިބްރަތް ފެންނަން ނެތަސް ކިޔުންތެރިންނަށް
ވިސްނައިލުމުން މުހިއްމު ޢިބްރަތެއް ލިބިގެންދާނެ ކަމަށް އަމީ މަޑިގަން (2014)
ވިދާޅުވެއެވެ. މިސާލެއްގެ ގޮތުން ފާހަގަކޮށްފައިވަނީ ކަންޒު ކަހަނބާއި މުސަޅު އަދި
ހިންޏާއި މަސްކާށި ދޫނި ވާހަކައެވެ.
ފޯކުޓޭލްގެ ތެރޭގައި ތަފާތު ވައްތަރު ހުރިކަން ހާމަވެއެވެ.
އަދި އެއް ވައްތަރު އަނެއް ވައްތަރުގައި ވަރަށް ގާތްގުޅުންތަކެއް ހުންނަ ކަން ވެސް
ހާމަވެއެވެ. މި ނޫނަސް ތަފާތު ވައްތަރުގެ ފޯކުޓޭލް ހުންނާނެ ކަމަށް ވެސް
ޤަބޫލުކުރަމެވެ. އެހެނީ، ކޮންމެ ފޯކުޓޭލެއް ވެސް އުފެދިގެން އަންނަނީ އެބައެއްގެ
ވެށީގައި ހުންނަ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށްވާތީއެވެ. އަދި އެބައެއްގެ
ދީނާއި ޤަބޫލުކުރުންތައް މިފަދަ ވާހަކަތައް އުފެދުނުގެ އަސްލަކަށްވާނެއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައި ފޯކުޓޭލްގެ ގޮތުގައި ހިމެނޭ ވާހަކަތައް ދިރާސާކޮށް
އެކި ގިންތިތަކަށް ބަހައިފައިވެއެވެ. ނަމަވެސް، ދިވެހިންގެ މެދުގައި ކިޔެމުން
އަންނަ ފޯކުޓޭލްތައް މިފަދައިން ދިރާސާކޮށް ގިންތި ކުރެވިފައި ނުވެއެވެ.
އެހެންކަމުން، މިއީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ މުހިއްމު ކަމެއްކަމަށް
ދެކެމެވެ. އެހެންނޫނީ، ކާބަފައިންގެ ފުށުން ވާރުތަވަމުން އައިސްފައިވާ ފޯކުޓޭލްގެ
އެކި ވައްތަރުތައް އޮޅުންބޮޅުން އަރައި އެބައިތައް ވަޅުޖެހިގެން ހިނގައިދާނެއެވެ.
ފޯކުޓޭލްގެ ސިފަތައް
ފޯކުޓޭލްގެ އެންމެ މުހިއްމު އެއް ސިފައަކީ ޒަމާނުންސުރެ
ކިޔެމުން ދޫދޫމަތިން ވާރުތަވަމުން އައުން ކަމަށް މަރތާ ސީ. ސިމްސް އަދި މަރޓިން
ސްޓެފަންސް (2011) ހާމަކުރައްވައެވެ. މިގޮތަސް ކިޔެމުން އަންނަ ވާހަކަތައް ތަފާތު
ވިޔަސް ފާހަގަކުރެވޭ ކުދިކުދި ބަދަލުތަކުގެ ސަބަބުން ވާހަކައިން ހާމަކޮށްދޭން
ކަންކަމަށް ބަދަލެއް ނާންނާނެ ކަމަށް ނޯމަލީޒާ އަބުދުއް ރަޙީމް (2014)
ޚިޔާލުފާޅުކުރައްވައެވެ. މީގެއިތުރުން، މިފަދަ ވާހަކަތަކުގައި ހާދިސާތަކުގައި
އެއްކަހަލަ ކަންކަން ތަކުރާރުވާ މިންވަރު އިތުރުވާނެއެވެ. އާންމުގޮތެއްގައި
ވާހަކަތައް ފަށައިފައި ހުންނާނީ އެއްކަހަލަ ގޮތަކަށެވެ. މިގޮތުން، 'އެއް
ސަހަރެއްގައި'، 'އެއް ޒަމާނެއްގައި' ފަދަ ޢިބާރާތްތަކުން ވާހަކަތައް ފަށާކަމަށް
ނޯމަލީޒާ އަބުދުއް ރަޙީމް (2014) ބަޔާންކުރައްވައެވެ. އަނެއްކޮޅުން، މި ފަދަ ގިނަ
ވާހަކަތަކުގެ ނިމުމުގައި ވެސް އެއްކަހަލަ ސިފަތަކެއް ހުންނަކަމަށް ފާހަގަވާ ކަމަށް
މަރތާ ސީ. ސިމްސް އަދި މަރޓިން ސްޓެފަންސް (2011) ހާމަކުރައްވައެވެ. މިގޮތުން،
އާންމުކޮށް ވާހަކަތައް ނިންމާނީ، 'އެދުވަހަށް ފަހު ވަރަށް އުފަލުން އުޅުނެވެ.'،
'އޭގެ ފަހުން އެސޮރުގެ އެއްވެސް އުނދަގުލެއް ކުރިމަތި ނުވެއެވެ' ފަދަ
ޢިބާރާތްތަކުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކިޔެމުން އަންނަ
ފޯކުޓޭލްތަކުގައި އެއް ކަހަލަ ސިފަތަކެއް ހުންނަކަމަށް ފާހަގަކުރެވެއެވެ.
ނަމަވެސް، ކޮންމެ ފޯކުޓޭލެއްވެސް އެބައެއްގެ ވެށްޓާއި ދީނާއި ޤަބޫލުކުރުންތަކަށް
ފައްތައިގެން ކިޔަމުން އަންނަ ކަން ފާހަގަކުރެވެއެވެ. މިގޮތަށް ދިމާވަނީ، އެއް
ސަގާފަތުގެ އަހުލުވެރިން އަނެއް ސަގާފަތުގެ އަހުލުވެރިންނާ މިލިއުޅެވޭ މިންވަރު
އިތުރުވުމާއި އެއްބައެއްގެ ސަގާފަތް އަނެއް ބަޔަކަށް ހިއްސާކުރެވޭ މިންވަރު
އިތުރުވުމުން ކަމަށް މެލެނިއަ ރެޑްޒިކި މެކްމެނަސް (2014) ހާމަކުރައްވައެވެ.
މިގޮތުން، ފޯކުޓޭލްތަކުގައި އުޅޭ ޝަޚްޞިއްޔަތުން
ހުށަހެޅުމުގައި ވެސް ފާހަގަކޮށްލެވޭ އެއްގޮތް ސިފަތަކެއް ހުންނަ ކަމަށް
ފާހަގަކުރެވެއެވެ.
ފޯކުޓޭލްގައި އުޅޭ ޝަޚްޞިއްޔަތުން
ފޯކުޓޭލްގައި އުޅޭ ޝަޚްޞިއްޔަތުން ބިނާވެފައި އޮންނަނީ
ފޯކުޓޭލްގެ ވައްތަރަށް ބިނާވެގެންނެވެ. މިގޮތުން، ބީސްޓް ޓޭލްސް، ފެއާރީ ޓޭލްސް
އަދި ފޭބްލް ފަދަ ފޯކުޓޭލްގައި ބޮޑަށް ފެނިގެންދާނީ އިންސާނުން ނޫން އެހެނިހެން
ޝަޚްޞިއްޔަތުންނެވެ (ނޯމަލީޒާ އަބުދުއް ރަޙީމް، 2014).
މީގެއިތުރުން، ކުޑަކުދިންނާއި ބޮޑެތިމީހުން އަދި މުސްކުޅިން ހިމެނޭ ވާހަކަތައް
ވެސް ފޯކުޓޭލްގެ ތެރޭގައި ހިމެނޭކަން ފާހަގަވެއެވެ. އެހެންމެ، އިންސާނުންނާއި
އެހެނިހެން މަޚްލޫގުން އުޅޭ ފޯކުޓޭލްތައް ވެސް ހުރެއެވެ.
ފޯކުޓޭލް ތަކުން އެންމެ ބޮޑަށް ފާހަގަވާ އެއްކަމަކީ
ވާހަކައިގައި އުޅޭ ބަޠަލުގެ ޝަޚްޞިއްޔަތެވެ. މިގޮތުން، ގިނަ ފަހަރަށް ބަޠަލަކީ ޒުވާން، ގައިގެ ކުލަ ދޮން، އޯގާތެރި، ވިސްނުން ތޫނު އަމިއްލަ އެދުމެއް ނެތް، ޚާއްޞަ ބާރުތައްކެއް ލިބިފައިވާ ބައެއްގެ ގޮތުގައި ފޯކުޓޭލް ތަކުން ފާހަގަވާކަމަށް އަމީ މަޑިގަން
(2014) ހާމަކުރައްވައެވެ. އަދި ޝަޚްޞުން ބަދަލުވަނީ
ވާހަކައިގެ ތެރެއިން ފިލާވަޅު ނުވަތަ ޢިބުރަތެއް ލިބުމުންނެވެ. ފޯކުޓޭލްގައި އުޅޭ
ޝަޚްޞިއްޔަތުން ހުށަހަޅައިދިނުމުން ފާހަގަވާ އަނެއްކަމަކީ "ރޫލް އޮފް
ތުރީ" ބޭނުންކޮށްފައިވުމެވެ. ރޫލް އޮފް ތުރީއަކީ ފުރަތަމަ ދެ ފަހަރު ވާހަކައިގެ
މައްސަލަ ކުރިމަތި ކުރުވުމެވެ. ތިންވަނައަށް މައްސަލަ ހައްލު ވުމެވެ (ލިޒް
ބްރޭމަން، އ.ނ). އިހުގެ ވަރަށް ގިނަ ފޯކުޓޭލް ތަކުގައި މި އުޞޫލު ބޭނުންކޮށްފައި
ހުންނަކަމަށް ފާހަގަކޮށްފައިވެއެވެ.
ފޯކުޓޭލްތަކުގައި އުޅޭ ޝަޚްޞުންގެ ތެރެއިން ދެން އެންމެ
ފާހަގަކޮށްލެވޭނީ ނުބައި ދައުރުއަދާކުރާ މީހާއެވެ. ނުވަތަ އެންޓޯގޮނިސްޓެވެ.
އެހެން ޢިބާރާތަކުން ނަމަ ވާހަކައިގެ ވިލަންއެވެ. ކޮންމެ ފޯކުޓޭލެއްގައި ވެސް
ވިލަންއެއް ހަރަކާތްތެރިވާނެއެވެ. އާންމުގޮތެއްގައި ވިލަންގެ ޝަޚްޞު ތަރައްޤީ
ކޮށްފައި ހުންނަނީ އެއީ ބާރާއި ނުފޫޒު ގަދަ، ގޯސް ކަންކަމަށް މަގުދައްކައިދޭ، ގޯސް
ޚިޔާލުތަކަށް މީހުން ހައްލުވައިލާ އާދަޔާ ޚިލާފު ހުތުރު ސިފަތަކެއްގެ ވެރި
ބައެއްގެ ގޮތުގައި ކަމަށް ސިމޯން ޖޭ. ބްރޯނަރ (2007) ހާމަކުރައްވައެވެ.
މީގެއިތުރުން، ވިލަންގެ ދައުރަކަށް އޮންނާނީ ބަޠަލަށް މައިގަނޑު މައްސަލަ ކުރިމަތި
ކުރުވުން ކަމަށާއި ފޯކުޓޭލް ތަކުގައި ވިލަންއަށް ދުވަހަކު ވެސް ކާމިޔާބެއް
ނުލިބޭނެ ކަމަށް ވެސް ބަޔާންކުރައްވައެވެ.
ފޯކުޓޭލްތަކުގައި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި
އުޅެނީ ބަޠަލު އަދި ބަޠަލާގެ އިތުރުން ފްލެޓް ކެރެޓަރުންނެވެ. މީގެއިތުރުން،
ބަޠަލު އަދި ބަޠަލާއަކީ ޒުވާން ޝަޚްޞުންގެ ގޮތުގައި ހުށަހަޅައިދީފައި ހުންނައިރު،
ބަޠަލަކީ ޤަދަރުވެރި، ހިތްވަރުގަދަ، އަމިއްލައެދުމެއް ނެތް، އޯގާތެރި އަޅައިލާ
ޝަޚްޞުންކަމަށް ރޮބަރޓް ސްވީޓްލެންޑް (އ.ނ) ހާމަކުރައްވައެވެ. ވަކީން ޚާއްޞަކޮށް
ފޯކު ޓޭލްގައިއުޅޭ ބަޠަލަށް އާދަޔާ ޚިލާފު ބާރުތަކާއި ކަށިން ހިތްވަރު ނެރެ
މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބައެއްގެ ގޮތުގައި ހުށަހަޅައދީފައި
ހުންނަ ކަމަށް ވެސް ފާހަގަކުރައްވައެވެ.
ފޯކުޓޭލްގައި އަންހެން ޝަޚްޞިއްޔަތުން ހުށަހަޅާފައި ހުންނަ
ގޮތް
އެހެނިހެން ވާހަކަތައް ފަދައިން ފޯކުޓޭލް ތަކުގައި ވެސް
އަންހެން ޝަޚްޞުން ހުށަހަޅައިދީފައި ހުންނަނީ އެކި ކަހަލަ ރޯލުތަކުންނެވެ.
މިގޮތުން، އާންމު ގޮތެއްގައި އަންހެން ޝަޚްޞުން ހުށަހަޅައިދީފައި ހުންނަނީ ރާނީ،
ޝާޚުޒާދާ، ގޭގައި ގެންގުޅޭ މީހުން، ދޮންމަންމަ، ވިޗުން އަދި އަޅުން ފަދަ މީހުންގެ
ގޮތުގައި ކަމަށް ލުމާ އިބްރާހިމް އަލް ބަރަޒެންޖި (2014) ހާމަކުރައްވައެވެ.
މީގެއިތުރުން، އަންހެނުންގެ ސިފަތައް ހުށަހަޅައިދީފައި ހުންނަނީ ކަންނެތްކަން،
މަކަރުވެރިކަން، ހިތްހެޔޮކަން، ބާރުވެރިކަން އަދި ނުފޫޒު ގަދަ ބައެގެ ގޮތުގައެވެ (ލުމާ
އިބްރާހިމް އަލް ބަރަޒެންޖި، 2014). އެހެންކަމުން، ފޯކުޓޭލްތަކުގައި
އަންހެނުންނަށް އެކި ދައުރު ދިން ނަމަވެސް، ބާރާއި ނުފޫޒުހުރި ރޯލުތައް ދީފައި
ނުހުންނަކަން ފާހަގަކުރެވެއެވެ.
އަންހެނުންނަށް ބާރާއި ނުފޫޒުވެރިކަން ލިއްބައިދޭ ރޯލުތައް ލިބިފައި ނެތުން އެއީ އަންހެނުން
ދަށްކޮށްލާ ކަމުގެ ނިޝާނެއް ކަމަސް ޤަބޫލުކުރެވެއެވެ. މިގޮތުން،ޕަރސިއަން 40
ފޯކުޓޭލްގައި އަންހެނުންގެ ޝަޚުޞިއްޔަތު ހުށަހަޅައިފައިވާ ގޮތް ދިރާސާކޮށް
ބެލިބެލުމުން ހާމަވިކަމެއް ކަމަށް އެޗް. ބަޔަޓް (2010) ބަޔާންކުރައްވަނީ
ޕަރސިއަންގެ ފޯކުޓޭލް ތަކުގައި އަންހެނުންގެ ޝަޚްޞުން ހުށަހަޅާފައި ހުންނަނީ
އަންހެނުންގެ އަގުދަށްވާ ގޮތަށްކަމަށެވެ. މީގެއިތުރުން، 22 ފޯކުޓޭލް ދިރާސާކޮށް ބެލިބެލުމުން ހާމަވިކަމަށް ބީ. ބަގްހެރި
(2013) ހާމަކުރައްވަނީ އަންހެނުންނާއި ފިރިހެނުން ހުށަހަޅައިދީފައި ހުންނައިރު އިސްކަންދީ ބާރުވެރިކޮށްފައި
ހުންނަނީ ފިރިހެނުންކަމަށެވެ. އުތުރު ސުދާނުގެ ފޯކުޓޭލްތަކުގައި ވެސް އަންހެނުން ހުށަހަޅައިދީފައި ހުންނަނީ ވަރަށް ދަށްބައެއްގެ ގޮތުގައެވެ. ނަމަވެސް، ބަޠަލާއަކީ ވިސްނުންތޫނު، ތަނަވަސް، އޯގާތެރި އަޅައިލާ އަދި ފަހުވަގުތު ކޮންމެވެސް ނުލަފާ ޖިންނިއެއް ނުވަތަ
އެނޫން ވެސް މަޚްލޫގެއްގެ އަތްދަށުވެ ސަލާމަތްވާ ބައެއްގެ ގޮތުގައި ހުށަހަޅާދީފައި
ހުންނަ ކަމަށް އީމާން އައްބާސް އެޗް. އަލި ނޫރް
(2011) ހާމަކުރައްވައެވެ. އަދި ވާހަކައިގެ ވިލަންގެ ކިބައިން އަންހެން ކުއްޖާ ސަލާމަތްކުރުމުން ބަޠަލަށް ބަދަލުގައި ލިބޭ ހަދިޔާއަކީ
އަންހެންކުއްޖާގެ ގޮތުގައި ހުށަހަޅާފައި ހުންނަ ކަމަށް ވެސް ބަޔާންކުރައްވައެވެ.
މިކަމުގެ ސަބަބުން އަންހެނުންނަކީ ބާރެއް ނެތް ބައެއްގެ ގޮތުގައި ސިފަކުރުމަށް
ފުރުޞަތު ފަހިވާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ފެއާރީ ޓޭލް ތަކުގައި ވެސް އަންހެނުން ހުށަހަޅައިދީފައި
ހުންނަ އިރު މާ ގިނަ ބާރުތަކެއް ލިބޭގޮތަށް އަދި އަންހެނުންނަކީ ބާރުވެރި
ބައެއްކަން ހާމަވާ ގޮތަށް ހުށަހަޅައިދީފައި ނުހުރެއެވެ. މިކަމަށް
އިޝާރާތްކުރައްވާ، ސިލިމާ ނަންދާ (2014) ހާމަކުރައްވަނީ ފެއާރީ ޓޭލްތަކުގައި
އަންހެނުންގެ ބޭރުފުށުގެ ރީތިކަން ހާމަކޮށްދީ އަންހެނުންނަކީ ޗާލުބައެއްކަން
ހާމަކޮށްދިނުމަށް ވަރަށް މަސައްކަތްކޮށްފައިވީ ނަމަވެސް، އަންހެނުންގެ ބާރާއި
ނުފޫޒާއި އެމީހުންގެ މަތިވެރިކަން ހާމަކޮށްދިނުމަށް މާބޮޑު ސަމާލުކަމެއް ދީފައި
ނުހުންނަކަމަށެވެ. މިސާލެއްގެ ގޮތުގައި ހިމަނުއްވާފައިވަނީ ސްނޯވައިޓްގެ ވާހަކަތަކެވެ.
އަދި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަންހެނުން އަމިއްލައަށް އަރައި
ނުގަނެވޭކަން ހާމަވާ ވަރަށް ގިނަ ފެއާރީޓޭލް ހުރިކަމަށް ފާހަގަކުރައްވާ މިސާލު
ޖައްސަވާފައިވަނީ، ސްލީޕިން ބިއުޓީ އާއި ސިންދުރެއްލާ ވާހަކައިންނެވެ. މިގޮތުން،
ސްލީޕިން ބިއުޓީގައި ގާތްގަނޑަކަށް ސަތޭކަވަރަކަށް އަހަރުވަންދެން ނިދައިފައި
އޮތުމަށްފަހު، ޕްރިންސްގެ އެންމެ ބޮސްދިނުމަކުން ހޭއެރުމާއި، ސިންދުރެއްލާ
ވާހަކައިގައި ސިންދުރެއްލާއަށް ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކުން އޭނާ
ސަލާމަތްކޮށްދެނީ ވެސް ފިރިހެނެއްކަމަށް ސިލިމާ ނަންދާ (2014) ހާމަކުރައްވައެވެ.
އެހެންކަމުން، އަންހެނުންނަކީ އެމީހުންނަށް ދިމާވާ ދަތި އުނދަގޫ މަރުހަލާތަކުން
އަމިއްލަ ނަފުސު ސަލާމަތްކުރަން ނޭގޭ އެކަމަށް ނާޤާބިލުބައެއްގެ ގޮތުގައި
ސިފަކުރުމަށް މިފަދަ ވާހަކަތަކުން ފުރުޞަތު ފަހިވެގެންދެއެވެ.
ފޯކުޓޭލް ތަކުގައި މިންތީގެ ފަރަގު ހުންނަ މިންވަރު
ދެނެގަތުމަށް ތަފާތު އެކިކަހަލަ ދިރާސާތައްވަނީ ކުރެވިފައެވެ. މިގޮތުން، ކުރެވުނު
ދިރާސާތަކަށް ހާމަވިކަމަށް ލުމާ އިބްރާހިމް އަލް ބަރަޒެންޖި
(2014) ބަޔާންކުރައްވަނީ ފޯކުޓޭލް ތަކުގައި އަންހެނުން ހުށަހަޅައިފައި ހުންނަނީ، ހަށިގަނޑުގެ ބައްޓަމާއި
ޖިންސީ ޣަރީޒާތައް ފުރިހަމަކުރުމަށް ބޭނުންކުރާ ބައެއްގެ ގޮތުގައި ކަމަށެވެ. މިއާ
ޚިލާފަށް ފިރިހެނުން ހުށަހަޅައިދީފައި ހުންނަނީ ބާރާއި ނުފޫޒުވެރިކަން
ލިބިފައިވާކަމާއި، ރުޅިވެރިކަމާއި ޖިސްމާނީ ވަރުގަދަކަމާއި، މިނިވަންކަމާއި
ޖިންސީގޮތުން ހަރަކާތްތެރި ބައެއްގެ ގޮތުގައި ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އަނެއްކޮޅުން، ބަހްމަން ޒަރިންޖޫއީ (2017) ކުރައްވި ދިރާސާތަކުން ހާމަވިކަމަށް
ބަޔާންކޮށްދެނީ ފޯކުޓޭލް ތަކުގައި އަންހެން ޝަޚްޞުން ހުށަހަޅައިދީފައި ހުންނަނީ
އަންހެނުންނަކީ ވަރަށް ދަށްބައެއްކަން ހާމަވާގޮތަށް އެފަދަ ރޯލުތަކަށް އަންހެން
ޝަޚުޞުން ލައިގެން ކަމަށެވެ. އަދި އަންހެނުންނަކީ ނުފޫޒާއި ޒީލަ ގަދަބައެއް ކަމާއި
ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ އަސްލުކަމުގައި ވެސް ސިފަކޮށްދީގެން ކަމަށެވެ.
ފޯކުޓޭލްތަކުގައި އަންހެނުންގެ ޝަޚްޞިއްޔަތު ހުށަހެޅުމުން
ފާހަގަކޮށްލެވޭ އަނެއްކަމަކީ ވާހަކައިގެ ބަޠަލަކަށް އަންހެނަކު އުޅޭއިރު، އަންހެން
މީހާއަކީ ހުސްހަށިބަޔަށް ހުންނަ މީހެއްގެ ގޮތުގައި ހުށަހަޅައިފައިވުމެވެ. ތަފާތު
48 ސަގާފަތުގައި ކިޔައި އުޅޭ ފޯކުޓޭލްތައް ދިރާސާކޮށް ބެލިބެލުމުން ހާމަވިކަމަށް،
ޖޯނަތަން ގޮޓްޝަލް (2005) ބަޔާންކޮށްފައިވަނީ
ކައިވެނި ކުރާ އުމުރުގެ އަންހެނުން އެއްގޮތަކަށް ވެސް ކައިވެނި ނުކޮށް
ފޯކުޓޭލްތަކުގައި ބަޠަލާގެ ރޯލުން ހުށަހަޅައިދީފައިވާ ކަމަށެވެ. އަދި މިފަދަ
އަންހެނުން ހުށަހަޅައިދީފައިވަނީ، ރީތިކަމާއި ފުރިހަމަ ބައެއްގެ ގޮތުގައެވެ. އަދި
މިފަދަ ގިނަ ވާހަކަތަކުގައި އަންހެން ޝަޚްޞިއްޔަތު ކާވެނި ކުރަ ހިސާބުން ވާހަކަ
ނިންމާލާކަމަށެވެ.
މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށް ކުރެވެމުންދާ
މަސައްކަތްތަކުގެ އަސަރުތައް ފޯކުޓޭލްތަކުން ފެންނަމުންދާ ކަމަށް
ޤަބޫލުކުރެވެއެވެ. މިގޮތުން، އިހުގެ ފޯކުޓޭލް ތަކާއި ފަހުގެ ތާރީޚުތަކުގައި އުފަންވެފައިވާ
ފޯކުޓޭލްތައް އަޅައިބަލައި ކުރެވުނު ތަހުލީލުތަކުން ހާމަވިކަމަށް އޮލަރިންމޯއީ
އަދެޔިންކާ ވޮލްމެޓް (2013) ބަޔާންކުރައްވަނީ އަންހެނުންނަށް އިސްކަންދީ ބާރުވެރި
ރޯލުތަކުން އަންހެނުން ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށެވެ. މިކަމުގެ
ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އަންހެން ލިޔުންތެރިން ލިޔަން ފެށުމާއި
ޒަމާނާއެކު ފެތުރެމުންދާ މައުލޫމާތުތަކުން މީހުންގެ ހޭލުންތެރިކަން
އިތުރުވުންކަމުގައެވެ. ވީމާ، ދިވެހިރާއްޖޭގައި އުފެދެމުންދާ ފޯކުޓޭލްތަކުންނާއި
އިހުގައި ކިޔައި އުޅުނު ފޯކުޓޭލްތަކުގައި މިންތީގެ ފަރަގު ކުރުންތައް ހުންނަ
މިންވަރު ދެނެގަތުމަށް މިދާއިރާއަށް ޚާއްޞަ ވަކި ދިރާސާއެއް ހެދިދާނެ ކަމަށް
ޤަބޫލުކުރެވެއެވެ.
ދިވެހި ފޯކުޓޭލް
ޒަމާނުންސުރެ ދިވެހިންނަކީ އަމިއްލަ ގޮތްތަކެއް
ގެންގުޅެމުން އައި ބަޔެކެވެ. ސަރަހައްދީ ނިސްބަތުން، ލިޔަންކިޔަން
ދަތުމުގެ ރޭޓު މަތި ޤައުމެއް ނަމަވެސް، ލިޔެކިޔުމުން މުޢާމަލާތް ކުރުން
މަދުބައެކެވެ. އެންމެ އިހުން ފެށިގެން ދިވެހިންނަކީ ދޫދޫމަތިން
ކިޔެމުން ފެތުރެމުން އައި ފޯކުޓޭލްތައް އެކެއްގެ ފުށުން އަނެއްކަކަށް ކިޔައިދެމުން
އެ އާދަތައް ފަތުރަމުން އައި ބަޔެކެވެ. މިގޮތުން، އިހުގައި ކިޔަމުން އައި
ވާހަކަތައް ކިޔައިދެމުން މީހުންތެރެއަށް ހާމަކުރަމުން އައީ ވާހަކަކިޔައިދޭ
މީހުންގެ ފަރާތުންނެވެ (ޒޭވިއަރ ރޮމޭރޯ ފްރިއަސް، 2012).
އާންމުގޮތެއްގައި ވާހަކަ ކިޔައިދިނުމުގައި ހަރަކާތްތެރިވެފައި ވަނީ ފިރިހެނުން ކަމަށާއި، ޚާއްޞަ ރަސްމިއްޔާތާއި މުނާސަބަތުތަކަށް
ވާހަކަކިޔައިދޭ މީހުން ޚާއްޞަ ސަމާލުކަމެއްދީގެން ވާހަކަ ކިޔައިދޭކަމަށް ވެސް
ބަޔާންކޮށްފައިވެއެވެ. މިގޮތަށް ކިޔައިދީ އުޅޭ ވާހަކަތަކުގެ މައިގަނޑު އެއްގޮތް
ނަމަވެސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ވާހަކައެއް އެކި ގޮތްގޮތަށް
ކިޔައިއުޅޭ ކަމަށް ޒޭވިއަރ ރޮމޭރޯ ފްރިއަސް (2012) ހާމަކުރައްވައެވެ.
ދިވެހިން ކިޔާއުޅޭ ވާހަކަތައް އެއްކޮށްލައި އެއް
ފޮތެއްގައި ޝާއިޢުކޮށްފައިވަނީ މަދުންނެވެ. މިގޮތުން، ދިވެހި ފޯކުޓޭލްތަކަށް
ޚާއްޞަކޮށް ފޮތެއް އެކުލަވައިލާފައިވާ އެއް ފަރާތަކީ ޒޭވިއަރ ރޮމޭރޯ ފްރިއަސް
(2012)އެވެ. މިގޮތުން، ދިވެހިންގެ
މެދުގައި ކިޔެމުން އަންނަ ފޯކުޓޭލްތައް މައިގަނޑު 6 ގިންތިއަކަށް ބަހައިލެވިދާނެ
ކަމަށް ޒޭވިއަރ ރޮމޭރޯ ފްރިއަސް
(2012) ހާމަކުރައްވައެވެ. އެއީ، (ހ) ރޫހާނީ ވާހަކަ، (ށ) ފެއާރީ ޓޭލްގެ ދިގުވާހަކަ، (ނ) ސަމާސާ ޝަޚްޞިއްޔަތުން ހިމެނޭ ވާހަކަ، (ރ) ކަނޑުމަތީގެ ވާހަކަ، (ބ) ވެހި ޖަނަވާރުންގެ ވާހަކަ އަދި (ޅ) ތާރީޚާ ގުޅުން ހުރި ވާހަކަތަކެވެ.
(ހ)
ރޫހާނީ ވާހަކަތައް
ރޫހާނީ ކަންކަމާ ގުޅޭ ވާހަކަތަކުގެ ތެރެއިން ދިވެހިންގެ
މެދުގައި އެންމެ މަޤުބޫލު އެއް ބާވަތަކުގެ ވާހަކައަކީ ޖިންނި ނުވަތަ ޝައިޠާނުންނާ
ގުޅުން ހުރި ވާހަކަތައް ކަމަށް ޒޭވިއަރ ރޮމޭރޯ ފްރިއަސް
(2012) ހާމަކުރައްވައެވެ. މިކަހަލަ ވާހަކަތަކުގައި ބޮޑަށް ހުށަހަޅައިދީފައިވަނީ ރޫޙާނީ ކަންކަމުން ސަލާމަތްވުމަށް ބޭނުންވާނެ އަސާސީ ބައެއް ކަންކަމާ ގުޅުން ހުންނަ މެސެޖުތައް ކަމަށް ޤަބޫލުކުރެވެއެވެ. މިދާއިރާއިން މަޤުބޫލު ވާހަކަތަކެއް
ކަމަށް ޒޭވިއަރ ރޮމޭރޯ ފްރިއަސް (2012) ބަޔާންކޮށްފައިވާ ވާހަކަތަކަކީ
އޮޑިތާންކަލޭގެ ވާހަކަ، ގަބުޅި ބާދަލާ، ހަންޑި ފަދަ ވާހަކަތަކެވެ.
އާންމު ގޮތެއްގައި ހަންޑި ވާހަކަތަކުގައި އުޅޭނީ ރީތިކޮށް ރަތްކުލައިގެ
ހެދުންއަޅައިގެން، ބޮލުގައި ރަތްކުލައިގެ މަލެއް ޖަހައިގެން އުޅޭ
އަންހެންކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މިނޫން ގޮތްގޮތަށް ވެސް
ހަންޑީގެ ޝަޚްޞިއްޔަތު ހުށަހަޅައިދީފައި ހުރެއެވެ. މިގޮތުން، މިނިކާ ދައިތަ،
އޮޑިތާންކަލޭ އަންހެނުން ދޮގި އައިހާ ފަދަ ޝަޚްޞުން ތަފާތުކަން
ފާހަގަކޮށްލެވެއެވެ. މި ފަދަ ވާހަކައިގެ ތެރެއަށް ސިހުރު ހާހޫރައާއި ފަންޑިތައާ
ގުޅުން ހުރި ވާހަކަތަކާއި ޖިންނި ޝައިޠާނުންނާ ގުޅުން ހުރިވާހަކަތައް ވަދެގެންދާނެ
ކަމަށް ލަފާކުރެވެއެވެ.
(ށ) ފެއާރީ ޓޭލްގެ ދިގުވާހަކަ
ޒުވާން އަންހެން ޝާޚްޒާދާއިންގެ ވާހަކަ ނުވަތަ ފެއާރީ ޓޭލް
ވައްތަރުގެ ދިގުވާހަކަތައް ވެސް ދިވެހިން ކިޔައި އުޅޭކަން ފާހަގަކުރެވެއެވެ.
މިގޮތުން، ދޮންހިޔަލައާއި އަލިފުޅު ވާހަކަ އާއި މާކެޔޮޅުކަމުގެ ރައިވަރުބައިން
އުފައްދާފައިވާ ދޮންމޮހޮނާއި މިޔަރުގެ ވާހަކަ ވެސް މި ގިންތީގެ ތެރެއަށް ފެތިގެން
ދާކަމަށް ޒޭވިއަރ ރޮމޭރޯ ފްރިއަސް (2012) ހާމަކުރައްވައެވެ. މިފަދަ ގިނަ
ވާހަކަތައް އައިސްފައިވަނީ ރައިވަރުން ނުވަތަ ވަޒަންބަހުރުވައިގެ ކޮންމެވެސް
ބާވަތަކުން ކަންވެސް ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، އަވައްޓެރި ކަރަތަކުގެ
ފޯކުޓޭލް ވާހަކަތަކާއި މި ވާހަކަތަކުގައި އެއްގޮތް ސިފަތަކެއް ހުންނަ ކަމަށް ވެސް
ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ދިވެހި ފޯކުޓޭލްތަކުގެ ތެރޭގައި ހިމެނޭ
ފެއާރީ ޓޭލުގެ ދިގު ވާހަކަތަކާއި އެހެނިހެން ކަރަތަކުގެ މިފަދަ ވާހަކަތަކާ
ދެމެދުގައި ހުރި އެއްގޮތް ކަންކަން ބެލުމަށް ފުންދިރާސާތަކެއް ކުރެވިދާނެ ކަމަށް
ދެކެމެވެ.
(ނ) ސަމާސާ ޝަޚްޞިއްޔަތުން
ހިމެނޭ ވާހަކަ
މިފަދަ ވާހަކަތަކުގައި ބޮޑަށް ހުށަހަޅައިދީފައި ހުންނަނީ
ދިވެހިންގެ އާދަކާދައާ ދިވެހިންގެ ޤަބޫލުކުރުންތަކާ ގުޅުން ހުންނަ ކަންކަމާ ގުޅުން
ހުންނަ ސަމާސާ ޝަޚްޞިއްޔަތުންނެވެ. މިކަމަށް ބާރުދެއްވާ ޒޭވިއަރ ރޮމޭރޯ ފްރިއަސް
(2012) މިސާލު ދައްކަވަނީ، މާކުންބޭ، ރޯނުއެދުރު ނުވަތަ ނާލާފުށީ ފަގީރުކޮއި،
ކަރުކުރު، ފަސްމާމުލުންގެ ފަސްވަގު ފަދަ ޝަޚްޞިއްޔަތުން ކަމަށެވެ. މިފަދަ
ޝަޚުޞުންގެ ފަރާތުން ބޮޑަށް ފާހަގަވެގެން ދަނީ ދިވެހިންގެ ދިރިއުޅުމުގެ
ވައްޓަފާޅިއާއި ދިވެހިންގެ ހާލަތާއި ދިވެހި އާދަކާދަތަކާ ގުޅުން ހުންނަ ކަންކަން
ހުށަހަޅައިދީފައި ހުންނާނީ މީހުން ގަޔާވާގޮތަށް ސަމާސާ އުސްލޫބަކުންނެވެ. ދިވެހިން
ކިޔައިއުޅޭ ފޯކުޓޭލްތަކުގައި އުޅޭ ޝަޚްޞިއްޔަތުންގެ ތެރޭގައި ސަމާސާ ގޮތްގަނޑު
ފާހަވާ ޝަޚްޞިއްޔަތުން ދެނެގަތުމަށް އެ ފަދަ ފުން ދިރާސާއެއް ހެދިދާނެ ކަމަށް
ދެކެމެވެ.
(ރ) ކަނޑުމަތީގެ ވާހަކަ
ރާއްޖެއަކީ މަސްވެރިކަމަށް ބިނާވެފައިވަ ޤައުމަކަށްވާތީ
ކަނޑުމަތީގެ ހާދިސާތަކާ ގުޅުން ހުރި ގިނަ ފޯކުޓޭލްތަކެއް ހުންނާނެ ކަމަށް
ޤަބޫލުކުރެވެއެވެ. މިގޮތުން، ބޮޑު މަލިމީ، ދޮންބެއްޔާ އަދި ދޮންމޮހޮނާއި މިޔަރު
ފަދަ ވާހަކަތަކުގައި ކަނޑާ ގުޅުން ހުރި ކަންކަން ބަޔާންކޮށްދީފައި ހުންނަކަމަށް ޒޭވިއަރ ރޮމޭރޯ ފްރިއަސް
(2012) ހާމަކުރައްވައެވެ. މިފަދަ ވާހަކަތަކުގައި އަންހެނުންނަށް ދީފައިވާ ދައުރާއި ކުރާ މަސައްކަތްތައް ދެނެގަތުމަށް ފުން ދިރާސާތަކެއް ކުރުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ. އޭރުން، ދިވެހި މުޖުތަމައުގައި
އަންހެނުންނާ މެދު ދެކެވޭ ގޮތުގެ ތަސައްވަރެއް ފެނިގެންދާނެ ކަމަށް
ލަފާކުރެވެއެވެ.
(ބ)
ވެހި ޖަނަވާރުންގެ ވާހަކަ
ރާއްޖެއަކީ ބިންތިރި ޖަންގަލި ކުޑަ ޤައުމަކަށް ވުމާއެކު
ރާއްޖޭގެ ފޯކުޓޭލްތައް ބޮޑަށް ބަރޯސާވެފައިވަނީ އޮޅު ޖަނަވާރުތަކަށާއި ވެށީގައި
އުޅޭ އެކިކަހަލަ ސޫފާސޫފީގެ ވާހަކަތަކަށެވެ. މިގޮތުން، ކަކުންޏާއި، މަހާއި،
ކަނޑުމަތީ ދޫނިތަކާއި އެއްގަމުގެ ދޫނިތައް ފަދަ ކަންކަމަށް ބިނާކޮށްގެން ކަމަށް
ޒޭވިއަރ ރޮމޭރޯ ފްރިއަސް (2012) ބަޔާންކުރައްވައެވެ. މިގޮތުން، ފިނދަންފުޅާއި
ބޮޑަންފުޅާއި، މާކަނާ ޅިޔަންބޭގެ ވާހަކަތައް މި ގިންތިއަށް ފެތިގެންދާނެ ކަމަށް
ދެކެމެވެ. މި ފަދަ ވާހަކަތަކުގައި އަންހެން ޝަޚްޞު ނުވަތަ އަންހެން ޖިންސަށް
ނިސްބަތްވާ ޝަޚްޞިއްޔަތު ހުށަހަޅައިފައިވާ ގޮތްތައް ދިރާސާކުރުމުން، ދިވެހިންގެ
މެދުގައި މިންތީގެ ހަމަހަމަކަން އޮތްގޮތް ހާމަވެގެންދާނެއެވެ.
(ޅ)
ތާރީޚާ ގުޅުން ހުރި ވާހަކަ
މިއީ ތާރީޚީ ގޮތުން ހިނގައިފައިވާ ކަންކަމަށް
ރިއާޔަތްކޮށްގެން ކިޔައި އުޅޭ ފޯކުޓޭލްތަކެވެ. ނިސްބަތުން ރާއްޖޭގައި މިފަދަ
ވާހަކަތައް މަދުކަމަށް ޒޭވިއަރ ރޮމޭރޯ ފްރިއަސް (2012) ބަޔާންކުރައްވައެވެ. މި
ގިންތީގެ ތެރޭގައި ހިމެނޭ މަދު ވާހަކަތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ
ވާހަކަތަކަކީ، ހިމިއްޗަށް އެރި ފުރޭތަ، ޚާލިދާއި ސިއްތި، ކުޑަރިކުލުގައި ގޮވި
ބޮމުގެ ވާހަކަ ފަދަ ހާދިސާތަކެވެ. މިއީ، ނޯޝަން ދޮނާ އީ އަދި ސައުނދުރާ އީ ނޯޝަން
(2003) ބަޔާންކުރައްވާ ރިއަލިސްޓިކް ޓޭލްކަމަށް ވެސް ދެކެމެވެ. މިފަދަ ވާހަކަތަކުގައި
އަންހެނުންގެ ދައުރާއި ވާހަކަ ހުށަހަޅައިދީފައިވާ ގޮތުން އަންހެނުންނާ މެދު
ފަރަގެއް ކުރެވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ފުންދިރާސާތަކެއް ކުރެވިދާނެކަމަށް
ދެކެމެވެ.
ދިވެހި ފޯކުޓޭލްގައި އަންހެން ޝަޚްޞިއްޔަތުން
ދިވެހިންގެ ތެރޭގައި ކިޔެމުން އަންނަ ފޯކުޓޭލްތަކުގައި
އެކި ކަހަލަ ފޯކުޓޭލްތައް ހުރިކަން ފާހަގަކުރެވެއެވެ. މި ފޯކުޓޭލްތަކުގައި
އަންހެނުންގެ ޝަޚްޞުން ހުށަހަޅައިދީފައި ހުންނަ ގޮތްތަކާމެދު ފުންކޮށް ދިރާސާކޮށް
އާންމުކޮށްފައިވާތީ ނުފެނެއެވެ. ޒޭވިއަރ ރޮމޭރޯ ފްރިއަސް (2012)ގައި ދިވެހި
ފޯކުލޯރތައް އެއްކޮށްގެން ޝާއިޢުކޮށްފައިވާ ފޮތުގައި ވެސް އަންހެން ޝަޚުޞުން
ހިމެނޭ ބައެއް ވާހަކަތައް ހުރިކަން ފާހަގަކުރެވެއެވެ. މިގޮތުން، 'ސަފަރުކަތްދަ'،
'ކުއްޅަވައްފަޅު ރަނިން'، 'ޚާލިދާއި ސިއްތި'، 'ހަންޑި ދޮންކަމަނަ'،
'ސަންތިމަރިޔަނބު' ފަދަ ވާހަކަތައް ހިމަނާފައިވެއެވެ. މިވާހަކަތަކުގައި އަންހެނުން
ވަރަށް އިސްދައުރެއް އަދާކޮށްފައިވާތީ ފެނެއެވެ. އެހެންކަމުން، މިފަދަ
ވާހަކަތަކުގައި އަންހެނުންގެ ޝަޚްޞިއްޔަތުން ހުށަހަޅައިދީފައިވާ ގޮތްތައް ތަހުލީލު
ކުރުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ. އޭރުން، އިހުގައި ދިވެހިންގެ މެދުގައި
އަންހެންނާ މެދު ގެންގުޅިފައިވާ ވިސްނުންތަކާއި އަންހެނުން މުޖުތަމައުގައި
އަދާކޮށްފައިވާ ދައުރުތައް ހާމަވާނެ ކަމަށް ދެކެމެވެ.
ފޯކުޓޭލަކީ ފޯކުލޯރގައި ހިމެނޭ ބައެކެވެ. ފޯކުޓޭލްގެ
ގޮތުގައި ބެލެވެނީ ކުރިންސުރެ ކިޔެމުން އަންނަ އޭގައި ކޮންމެވެސް ނަސޭހަތެއް
ނުވަތަ ޢިބްރަތެއް ނުވަތަ ޙަޤީޤަތެއް ހިމެނޭ ވާހަކަތަކަށެވެ. ފޯކުޓޭލްގެ އެކި
ވައްތަރުތައް ހުންނަކަން ލިޓްރޭޗަރއިން ހޯދުނެވެ. މީގެއިތުރުން، ފޯކުޓޭލުގައި
ހިމެނޭ ވާހަކަތައް ފެށޭ ގޮތާއި ނިންމާ ގޮތުގައިވެސް އެއްކަހަލަ ސިފަތަކެއް ހުންނަކަން
ވެސް ހޯދުނެވެ. އަދި ފޯކުޓޭލްގައި އުޅޭ ޝަޚްޞުން ތަރައްޤީކޮށްފައި ހުންނަނީ އެ
ފޯކުޓޭލެއްގެ ވައްތަރަށާއި، ހާމަކޮށްދޭން ބޭނުންވާ މެސެޖަށް
އަމާޒުކޮށްގެންނެވެ. އަނެއްކޮޅުން، ފޯކުޓޭލްތަކުގައި އަންހެނުން ހުށަހަޅައިދީފައި
ހުންނަނީ އަންހެނުންގެ ނިކަމެތިކަން ހާމަވާފަދަ ގޮތަކަށް އަންހެނުން ދަށްވާ ގޮތަށް
އެ ފަދަ ރޯލުތަކެއް ދީގެންކަން ވެސް ލިޓްރޭޗައިން ހޯދުނެވެ. އަދި ޒަމާނާއެކު
ތަޢާރަފުވަމުންދާ ފޯކުޓޭލްތަކުން އަންހެނުން ބާރުވެރި ރޯލުތަކުން
ޖާގަހޯދަމުންދާކަން ވެސް ހޯދިފައިވެއެވެ. ދިވެހި ފޯކުޓޭލްތައް ބަހައިލެވޭނެ
ބައިތަކާމެދު ޢިލްމީ ގޮތެއްގައި ފުން ދިރާސާތަކެއް ކޮށް އެކަންކަން ހާމަކުރަން
ޖެހޭކަމަށް ދެކެމެވެ. އެހެންމެ، އެހެނިހެން ޤައުމުތަކުގައި ފޯކުޓޭލްތައް
ތަހުލީލުކޮށް ދިރާސާކޮށްފައިވާ ބީދައިން ދިވެހި ފޯކުޓޭލްތައް ދިރާސާކުރަން
ބޭނުންތެރިކަމަށް ފާހަގަކުރެވުނެވެ. އެކިކަހަލަ ފޯކުޓޭލްތަކުގައި އަންހެން
ޝަޚުޞުން ހުށަހަޅައިދީފައި ހުންނަ ގޮތާއި ދީފައިވާ ދައުރުތައް ދެނެގަތުމަކީ
މުހިއްމުކަމެއް ބޭނުންތެރިކަމެއް ކަމުގައި ލިޓްރޭޗައިން ހޯދުނެވެ.
ހަވާލާތައް
ނޯޝަން ދޮނާ އީ އަދި ސައުނދުރާ އީ ނޯޝަން. (2003). ތުރު
ދަ އައިސް އޮފް ޗައިލްޑް: އޭން އިންޑްރޮޑަކުޝަން ޓު ޗިލްރަންސް ލިޓްރޭޗަރ (6ވަނަ
އިސްދާރު). އަޕަރ ސެޑްލް ރިވަރ، އެންޖޭ: މެރިލް ޕެރެންޓިސް ހޯލް.
ނޯމަލީޒާ އަބުދުއް ރަޙީމް. (2014). ޓަރކިޝް
އޮންލައިން ޖަރނަލް އޮފް އެޑިޔުކޭޝަން ޓެކުނޮލޮޖީ. (13)3. ޞ.
216 ން 221.
ރޮބަރޓް ސްވީޓްލެންޑް. (އ.ނ). ފޯކް ޓޭލް – ޑިސްކުރިޕްޝަން
އޮފް ސްޓޯރީ އިލެމެންޓްސް އެންޑް ކުއަލިޓީ ކަރެކްޓަރިސްޓިކްސް. ހޯމް
އޮފް ބޮބް.ކޮމް. ނެގީ: http://www.homeofbob.com/literature/genre/fiction/folktales/elements.html ން.
ބީ. ބަގްހެރި. (2013). އެކްޓިވް އެންޑް ޕެސިވް ވިމެން އިން
ފޯކްޓޭލްސް. ފަހަންގް ވަ އަދަބިއަތެ އަމެ. ނެގީ: http:// cfl. modares. ac.ir/ article _ 10846_
5081.html ން.
ބަހްމަން ޒަރިންޖޫއީ. (2017). ވިމެންސް އޮޕްރެސްޑް އެންޑް
ޑިސްފިގަރޑް ލައިފް އިން މައިގްރެޓް އަތުވޫޑްސް ދަ ހޭންޑްމެއިސްޑް ޓޭލްސް. އެޑްވާންސެސް
އިން ލެންގިވިއެޖް އެންޑް ލިޓަރަރީ ސްޓަޑީޒް. އޮޓްރޭލިއާ:އޮސްޓްރޭލިއަން އިންޓަރނޭޝަލަން އެކެޑެމިކް ސެންޓަރ.
އެން. ކޭ. ނާސިރު. (2007). ސިރައިކި
ޝައިރި ދަ އިރްޓިކާ (ފުރަތަމަ އިސްދާރު). މަލްޓަން: ސިރަކައި އަދަބި ބޯޑް.
އަމީ މަޑިގަން. (2014). އިލެމެންޓްސް އޮފް ފޯކްޓޭލްސް. ސްލައިޑް
ޝެއަރ.ނެޓު. ނެގީ:https://www.slideshare.net/Doneven20/elements-of-folktales-33616644?next_slideshow=1 ން.
އީމާން އައްބާސް. އެޗް. އަލި ނޫރް. (2011). ނޮޓް ޖަސްޓް އަ
ޕްރެޓީ ފޭސް: ވިމެން އޭސް ސްޓޯރީ ޓެލަރސް އެންޑް ސަބްޖެކްޓް އިން ދަ ފޯކްޓޭލްސް
އޮފް ނޮދަރން ސޫދާން. ޓީޑްސްކްރިފް
ވިރް ލިޓްރޭކުންޑެ. 48(2).
ޞ.
171 –
185.
އޮލަރިންމޮއި، އެދެއިންކާ ވުލެމަޓް. (2013).
ދަ އިމޭޖްސް އޮފް ވިމެން އިން ޔޮރުބާ ފޯކްޓޭލްސް. އިންޓަރނޭޝަނަލް
ޖަރނަލް އޮފް ހިއުމިނިޓީޒް އެންޑް ސޯޝިއަލް ސައިންސް.
3 (4). ޞ. 138 – 149.
އެސް. މިލަރ. (2013). ދަ ކަންޓްރީ ފޯކް-ލޯރ ސީރީޒް އޮފް ދަ
ފޯކް ލޯރ ސޮސައިޓީ. ޖަރނަލް
އޮފް ދަ ފޯކުލޯ ސޮސައިޓީ. 124
(3). ޞ. 327-344
އެސް. ޖޭ. ބޯނަރ. (2012). ޕްރެކްޓިސް ތިއަރީ އިން ފޯކުލޯރ
އެންޑް ފޯކްލައިފް ސްޓަޑީޒް. ޖަރނަލް
އޮފް ދަ ފޯކުލޯ ސޮސައިޓީ. 123
(1). ޞ. 23 -47.
އެޗް. ބަޔަޓް. (2010). ސެންޓްރަލް ރޯލް އޮފް ހިރޮއިންސް
އިން ފޯކުޓޭލްސް. ނަހެދެ
އަދަބި. ނެގީ http://www.noormags.ir /view/fa/ articlepage/ ން.
މުޙައްމަދު މުމްތާޒްޚާން އަދި ޖާވިދު ހަސަން ޗަންދިއޯ.
(2015). ދަ ސްޓަޑީ އޮފް ކަރެކްޓަރައިޒޭޝަން އިން ދަ ސިކްރައިކި ފޯކް ޓޭލްސް. ޕާކިސްތާން
ޖަރނަލް އޮފް ކޮމާސް އެންޑް ސޯޝިއަލް ސައިންސެސް 9(3).
ޞ. 1017 – 1029.
މެލެނިއަ ރެޑްޒިކި މެކްމެނަސް. (2014). ހައު ފޯކުލޯރ
ވޯކްސް. ސިމިލަރިޓީޒް އެންޑް ޑިފަރެންސަސް އިން ފޯކުލޯރ އެރައުންޑަ ދަ ގްލޯބް. ޕީޕަބްލް.
ހައު ސްޓަފް ވޯކްސް. ކޮމް. ނެގީ: http://people.howstuffworks.com/folklore3.htm ން.
ލިޒް ބްރޭމަން. (އ.ނ). ދަ ރޫލް އޮފް ތުރީ. ދަ
ރައިޓަރ ޕްރކްޓިސް.ކޮމް. ނެގީ: http://thewritepractice.com/the-rule-of-three/ ން.
ލުމާ އިބްރާހިމް އަލް ބަރަޒެންޖި. (2014، ސެޕްޓެމްބަރ 8-10). ވިމެންސް ވޮއިސް އެންޑް
އިމާޖްސް އިން ފޯކް ޓޭލްސް އެންޑް ފެއާރީ ޓޭލްސް. އިންޓަރނޭޝަނަލް
ކޮންފަރެންސް އޮން ސޯޝިއަލް ސައިންސެސް އެންޑް ހިއުމާނިޓީ. ޞ. 144 – 150.
ސިމޯން ޖޭ. ބްރޯނަރ. (2007). މީނިން
އޮފް ފޯކުލޯރ. އަރބަން އިންޓިއުޓް: ޔުނިވަރސިޓީ ޕްރެސް އޮފް ކޮލޮރާޑޯ.
ސިލިމާ
ނަންދާ. (2014). ދަ ޕޯޓްރަޔަލް އޮފް ވިމެން އިން ދަ ފެއާރީ ޓޭލްސް. ދަ
އިންޓަނޭޝަނަލް ޖަރނަލް އޮފް ސޯޝިއަލް ސައިންސެސް އެންޑް ހިއުމޭނިޓީސް
އިންވެންޝަން. 1(4).
ޞ.
246 –
250.
ޑޭވިޑް. އެލް. ރުސެލް. (2009). ލިޓްރޭޗަރ
ފޯރ ޗިލްޑްރެން: އަ ޝޯޓް އިންޓްރޮޑަކްޝަން. ޔޫއެސްއޭ: ރެނޯ.
ޒޭވިއަރ ރޮމޭރޯ ފްރިއަސް. (2012). ފޯކުޓޭލްސް
އޮފް ދަ މޯލްޑިވްސް. ސިންގަޕޫ: ނިއަސް ޕްރެސް.
ޖޯނަތަން ގޮޓްޝަލް. (2005). ދަ ހިރޮއިން ވިތު އަ
ތައުސަންޑް ފޭސެސް: ޔުނިވަރސަލް ޓްރެންޑްސް އިން ދަ ކެރެޓަރައިޒޭޝަން އޮފް ފީމޭލް
ފޯކު ޓޭލް ޕްރޮޓޯގޮނިސްޓް. އެވޮލިއުޝަނަރީ
ސައިކޮލޮޖީ. ކެންޓަން: ލޯރެންސް ޔުނިވަރސިޓީ.
No comments:
Post a Comment