Saturday, October 15, 2016

އުފެއްދުންތެރިކަމާއި ޞިނާޢީ އިންޤިލާބް

ލިޔުނީ: ފަތުޙުﷲ އަޙްމަދު (2010)

ފެށުން


އިންސާނީ ނަސްލު ދުނިޔޭގައި އާބާދުވީފަހުން މިއަދާހަމައަށް ދުނިޔެއަށް މިވަނީ ބޮޑެެތިބަދަލުތަކެއް އައިސްފައެވެ. އުފެއްދުންތެރިކަމާއި މާއްދީ ގޮތުންނާއި ފަލްސަފީ ގޮތުންވެސް އިންސާނުން މިވަނީ އެތަކެއް ކަންތައްތަކެއް ތަޖްރިބާކޮށްފައެވެ. އިންސާނީ ނަސްލަށް އަދާހަމައަށް ވާޞިލުވެވުނުއިރު، ދުނިޔެ މިވަނީ އެތައްކެއް ބަދަލުތަކަކާއި އިންޤިލާބީ ހަރުފަތްތަކެއް ކަޑައްތުކޮށްފައެވެ. މިގޮތުން، އެންމެ ފާހަގަކޮށްލެވެނީ ފަހުގެ ތާރީޚްގައި ދުނިޔެއަށް އައި އެންމެ ބޮޑު އިންޤިލާބީ ބަދަލު ކަމަށްވާ ޞިނާޢީ އިންޤިލާބެވެ. މިކަމުގެ ސަބަބުން މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ފަންނު ތަރައްޤީވެ މިއަދު މިދެކޭ އުފެއްދުންތެރި 'ދުނިޔެ' ތަޖްރިބާ ކުރުމުގެ ފުރުޞަތު ހޯދައިގަތެވެ. މިގޮތުން، އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ޞިނާއަތު ހަރުދަނާވެ، މަސައްކަތްކުރުމުގެ ވައްޓަފާޅި ބަދަލުވެ، މިޒަމާނުގެ ޓެކޮނޮލޮޖީ ތަޢާރަފްވުމަށް މަގުފަހިކުރުވި އިންޤިލާބަކަށް ޞިނާޢީ އިންޤިލާބު ވެގެންދިޔައެވެ. އެހެންކަމުން، މި ކަރުދާހުގައި ބަލާލެވިފައިވާނީ އުފެއްދުންތެރިކަމާއި ޞިނާޢީ އިންޤިލާބަށެވެ.

ޞިނާޢީ އިންޤިލާބު


އިންސާނުން މި ވުޖޫދުގައި ހޭދަކޮށްފައިވާ ދިގު ތާރީޚުގައި މައިގަނޑު ދެ އިންޤިލާބެއް ތަޖުރިބާކޮށްފައިވެއެވެ. ފުރަތަމައީ، ބީސީ 8000ގެ ތެރޭގައި ފެށިގެން އެއްހާސް އަހަރުގެ މުއްދަތަށް ކުރިއަށް ދިޔަ ނެލިތިކު އިންޤިލާބެވެ. މި އިންޤިލާބުގެ ސަބަބުން ބިމުގައި ވަޒަންވެރިވުމަށް ދަތިތަކެއް ކުރިމަތިވިއެވެ. އެދުވަހަކަށް ބޭނުންވާ މިންވަރަށް އެދުވަހަކު ދަނޑުގައި މަސައްކަތްކޮށްގެން ކާނާ ހޯދަން މަޖުބޫރުވެއެވެ. ދެވަނަ އިންޤިލާބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، ޞިނާޢީ އިންޤިލާބެވެ. މިހަރަކާތް ފެށުނު ވަކި ތާރީޚެއްގައިކަން ކަނޑައެޅިގެން ބުނަން ދައްޗެވެ. ސަބަބު ބަޔާންކުރައްވާ ޖޯސެފް އޭ. މޮންޓަގްނާ (2010) ބަޔާންކުރައްވަނީ މަސައްކަތްތެރިކަމުގެ ޞިނާއަތަށް ބަދަލުތަކެއް ގެނައުމަށް އިންސާނުން ވިސްނަން ފަށާފައިވާ ތާރީޚެއް ކަނޑައެޅިގެން ބުނަން ނޭނގޭކަމަށެވެ. ނަމަވެސް، މަސައްކަތްތެރިކަމުގެ ޞިނާއަތަށް ބަދަލުތަކެއް އަންނަން ފެށީ މީލާދީން 1750 ނުވަތަ 1760 ގެ އަހަރުތަކުން ފެށިގެންކަމަށް ޖޯސެފް އޭ. މޮންޓަގްނާ (2010) ބަޔާންކުރައްވައެވެ. އެހެންކަމުން، ޞިނާޢީ އިންޤިލާބުގެ އަސަރުތައް ފެންނަން ފެށީ 18 ވަނަ ޤަރުނުން ފެށިގެން ކަމަށް ބެލެވެއެވެ.

     ޞިނާޢީ އިންޤިލާބަކީ މަސައްކަތްތެރިކަމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކަކަށް ނިސްބަތްކޮށް ކިޔާ ނަމެކެވެ. ކުރިން ގޭގާއި އަތުން ކުރަމުން އައި މަސައްކަތްތައް ފުޅާކޮށް މެޝިނަރީގެ އެހީގައި މަސައްކަތްތައް ކުރެވޭނެ އުޞޫލު ޤާއިމު ކުރުމުން، މަސައްކަތްކުރުމުގެ ވައްޓަފާޅީއަށް ބޮޑެތި ބަދަލުތަކެއް އައެވެ. މިބަދަލުތައް މަސައްކަތްތެރިކަމަށް ކުރިމަތިވި އިންޤިލާބަކަށް ވެގެން ދިޔައެވެ (ޖޯސެފް އޭ. މޮންޓަގްނާ، 2010). މިއީ މަސައްކަތްތެރިކަމުގެ ޞިނާއަތަށް (އިންޑަސްޓްރީއަށް) އައި އިންޤިލާބެއްކަމުން، މި ބަދަލުތަކަށް ނިސްބަތްކޮށް އިނގިރޭސީން ޞީނާޢީ އިންޤިލާބު ނުވަތަ އިންޑަސްޓްރިއަލް ރިވޮލިއުޝަން ކިޔާކަމަށް ދިވެހިރާއްޖޭގެ ތަޢުލީމްކުރިއަރުވާ މަރުކަޒު (1994) ބަޔާންކުރައްވައެވެ. އަދި މިދުވަސްވަރަށް ނިސްބަތްކޮށް 'މެޝިން'ގެ ޒަމާން ކިޔައެވެ.

ޞިނާޢީ އިންޤިލާބުގެ ކުރިން ދިރިއުޅުން ހުރިގޮތް


އެންމެ އިހުގައި ދުނިޔޭގެ ހުރިހާ ބައްރެއްގައިވެސް މީހުން މަސައްކަތްކޮށް އުޅުނީ އަމިއްލަ ގޭގައެވެ. އެދުވަހަކަށް ބޭނުންވާ މިންވަރަށް އެދުވަހަކު އުފެއްދުންތައް އުފައްދައިގެންނެވެ. ޖަނަވާރާއި ފެނާއި އިންސާނުންގެ ޖިސްމާނީ ބާރުތަކެއް ބޭނުންކޮށްގެން މަސައްކަތަށް ބޭނުންވާ ހަކަތަ ހޯދައެވެ. ނަތީޖާއަކަށްވީ އުފެއްދޭ ތަކެތީގެ އަދަދު މަދުވެ މަސައްކަތުގެ ސްޕީޑް ލަސްވުމެވެ. އެހެންމެ، ބޭނުންވާ މިންވަރަށް ތަކެތި ނުއުފެއްދުމެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން މަސައްކަތްކުރެވޭނެ އައު ގޮތްތައް ހޯދުމަށްޓަކައި ތަފާތު އެކިއެކި ދިރާސާތައްކޮށް އެކިއެކި ހޯދުންތައް ހޯދުމުގެ މަސައްކަތްކުރަން ފެށުނު ކަމަށް ޖޯސެފް އޭ. މޮންޓަގްނާ (2010) ހާމަކުރައްވައެވެ. މިގޮތުން، ހޯދުނު ބައެއް ހޯދުންތަކުގެ އަލީގައި ތަފާތު ބާވަތްބާވަތުގެ މެޝިންތައް ތަޢާރަފްކުރެވުނެވެ. އަދި މެޝިނަރީގެ އެހީގައި މަސައްކަތް ކުރެވޭނެ ނިޒާމެއް ފުރަތަމަ ފަހަރަށް ޤާއިމުކުރެވުނުވެ. އެހެންކަމުން، މެޝިންތަކުން މަސައްކަތްކުރުމަށްޓަކައި މެޝިން ބަހައްޓާނެ ތަންތަން ތައްޔާރުކުރަން ޖެހުނެވެ. މިކަމުގެ ސަބަބުން، ތަފާތު ބާވަތް ބާވަތުގެ ކާރުޚާނާތައް އުފެދެން ފެށުނެވެ. އަދި މަސައްކަތްކުރުމަށް ކޮންމެ މީހަކަށް ޒިންމާތަކެއް ޙަވާލުކުރެވި މަސައްކަތުގެ ވައްޓަފާޅި ބަދަލުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، ގޭގައި ކުރަމުން ދިޔަ މަސައްކަތްތައް ކާރުޚާނާތަކަށް ބަދަލުވެ، މަސައްކަތްކުރުމުގެ ވައްޓަފާޅި ބަދަލުވެ، ވަޒީފާތައް އިތުރުވެ، ވަޒީފާގެ ގިންތިތައް ތަފާތު ގިންތިތަކަށް ބެހިގެންދިޔައެވެ.  

ޞިނާޢީ އިންޤިލާބު ފެށެން މެދުވެރިވި ސަބަބުތައް


ޞިނާޢީ އިންޤިލާބު ފެށިގެން އައީ އިނގިރޭސިވިލާތުންނެވެ. މިކަމުގެ ސަބަބުން އަމިއްލަ އުފެއްދުންތެރިކަން ކުރިއަރާ އިޤްތިޞާދީގޮތުން ބާރުގަދަ ޤައުމަކަށްވުމުގެ ފުރުޞަތު އިނގިރޭސިވިލާތަށް ލިބުމަށް މަގުފަހިވިއެވެ. އެހެންކަމުން، ޞިނާޢީ އިންޤިލާބު ގެނައުމަށް އިނގިރޭސިން ބޭނުންވީ މައިގަނޑު ދެކަމެއް ޚާޞިލުކުރުމުގެ ބޭނުމުގައި ކަމަށް މާޓިން ކެލީ (2010) ހާމަކުރައްވައެވެ. އެއީ ސިޔާސީ ބޭނުމަށްޓަކައި ގެނެވުނު ބަދަލުތަކާއި އިޤްތިޞާދީ ބޭނުމަށްޓަކައި ގެނެވުނު ބަދަލު ތަކެވެ.

     އިޤްތިޞާދީ ބޭނުމަށްޓަކައި ގެނެވުނު ބަދަލުތައް ބިނާވެފައިވަނީ އިނގިރޭސީންގެ އަގުހުރި ރައުސެލްމާލެއް ކަމަށްދެކޭ ފެނާއި ދަނގަޑާއި ބޯޓްދެލި ނެގުމަށް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކަށެވެ. މިގޮތުން، މި އިންޤިލާބު ފެށިގެން އައި ދުވަސްވަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ފަރުބަދަ މަތީ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާނީ ކޯރުތަކުން ދަތުރުކުރާ ފެނުގެ އެހީގައެވެ. ކޯރުތައް ހުރަސްކޮށް ދަތުރުފަތުރު ކުރެވޭނެ ގޮތްތައް ޤާއިމު ކުރެވުނެވެ. އަނެއްކޮޅުން، ދަގަނޑުގެ ބޭނުން ކުރެވޭނެ ތަފާތު އުޞޫލުތައް ތަޢާރަފްކުރެވުނެވެ. ހަމައެހެންމެ، ބޯޓުދެލި ނެގުމުގެ މަސައްކަތްތައް ތަޢާރަފްކުރެވުނެވެ. އަދި ބޯޓްދެލީގެ ބޭނުންތެރިކަން ފުޅާކޮށް ހަކަތަ އުފެއްދުމުގެ މަސައްކަތަށް ބޭނުންކުރަން ފެށުނެވެ.

       ސިޔާސީ ބޭނުންމަށްޓަކައި ގެނެވުނު ބަދަލުތައް ނިސްބަތްވަނީ އިޤްތިޞާދު ހަރުދަނާކުރެވުމަށް ކުރެވުނު މަސައްކަތްތަކަށެވެ. މިގޮތުން، އިނގިރޭސީންނާއި ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ބޭނުމުގައި އެކިއެކި ޤައުމުތަކާއި ގުޅުންތައް ބާއްވަމުން ގެންދެވިއެވެ. މިގޮތުގެ މަތިން، ކަނޑުގެ ބާރުވެރިކަން ފުޅާކުރުމުގެ މަސައްކަތްތައް 18ވަނަ ޤަރުނުގެ ކުރީގައި ކުރިއަށް ގެންދިޔައެވެ. އެއީ، އިނގިރޭސި އުފެއްދުންތަކުން މަންފާ ހޯދުމަށްޓަކައި ފަސޭހަކަމާއެކު ކަނޑުދަތުރުފަތުރު ކުރުމުގެ ބޭނުމުގައެވެ. ނަތީޖާއެއްގެ ގޮތުން، ކުދިޤައުމުތައް އިނގިރޭސީންގެ ބާރުގެ ދަށަށް ގެންނަށް ފެށުނެވެ. މިހަރަކާތްފުޅާވެ، ކޮލޯނިއަލިޒަމްގެ ތަޢާރަފްވި ކަމަށް ލޭންޑްސް ޑޭވިޑް (2003)ަ ހާމަކުރައްވައެވެ.

އުފެއްދުންތެރިކަމަށް އިންޤިލާބު ގެނުވި ބައެއް އުފެއްދުންތައް


މިޒަމާނުގެ އުފެއްދުންތައް އުފެއްދުމުގެ ޚިޔާލާއި ފިކުރިއްޔާތު އުފެދެންފެށީ ޞިނާޢީ އިންޤިލާބުގެ ދުވަސްވަރު އުފެއްދުނު އުފެއްދުމެއްގެ ސަބަބުންނެވެ. މިގޮތުން، ޞިނާޢީ އިންޤިލާބުގެ އަސްލެއްކަމަށްބެލެވޭ އުފެއްދުމަކީ ފޭރާން ވިޔާ މެޝިނެވެ. މީލާދީން 1760ގައި އިނގިރޭސިވިލާތުގެ އެންމެ އުފެއްދުންތެރި މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވޭ މަސައްކަތަކީ ފޭރާން ތައްޔާރުކުރުމެވެ. އަދި ފޭރާން ތައްޔާރުކުރާ ބާވަތްތަކުގެ ތެރެއިން ކޮޓަންގެ ޑިމާންޑް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ބޭނުންވާ މިންވަރަށް ކޮޓަން ނުއުފެއްދެއެވެ. އާޚިރު ނަތީޖާއަކަށްވީ، މިމަސައްކަތްކުރުމަށް މެޝިނެއް އުފެއްދުމެވެ. މިގޮތުން، ޖޯންކީ ކިޔާ އިނގިރޭސި ރައްޔިތަކު ފޭރާން ވިއުމަށްޓަކައި ފޮތިވިޔާ މެޝިން ނުވަތަ ފްލައިން ޝަޓަލް އުފެއްދިއެވެ. މިއީ މެޝިނުގެ ޞިނާޢަތުގެ މަންމަ ކަމުގައި ބެލެވޭކަމަށް ޖޯސެފް އޭ. މޮންޓަގްނާ (2010) ޚިޔާލުފާޅުކުރައްވައެވެ. 

       މީލާދީން 1764 ގައި ޖޭމްސް ހާގްރީވްސް ފޭރާން ވިޔުމަށް އައު މެޝިނެއް ތަޢާރަފްކުރިއެވެ. މިއީ ޖޯންކީ އުފެއްދި މެޝިން އަސްލަކަށް ބަލައި ތަރައްޤީކުރެވުނު މެޝިނެކެވެ. މި މެޝިންނަށްވެސް އިތުރު ބަދަލުތަކެއް ގެނެވުނެވެ. އަދި 1778 ނިމުނު އިރު 20،000 އަށްވުރެ ގިނަ މެޝިން ފޭރާން ވިއުމުގައި ބޭނުންކުރަމުންދިޔައެވެ(ޖޯސެފް އޭ. މޮންޓަގްނާ، 2010). މީގެއިތުރުން، މީލާދީން 1764ގައި ރިޗަރޑް އަރކްރައިޓް 'ފެން ފްރޭމް' އެއް ތައްޔާރުކުރިއެވެ.  އިހުގައި މި ފްރޭމަށް ކިޔާއުޅުނީ އެނބުރޭ ފެރޭމެވެ. މިއީ އަތުން އަނބުރައިގެން ފެންނަގާ ގޮތަށް ހަދާފައިވާ އެއްޗެކެވެ. ފަހުން ހަކަތަ ބޭނުންކޮށްގެން މި ފްރޭމުން ފެން ނެގޭނެ ގޮތަށް ތަރައްޤީކުރެވުނެވެ. މީލާދީން 1779 ގައި މފްރޭމް އިތުރަށް ތަރައްޤކޮށް މެޝިނެއްގެ އެހީގައި މަސައްކަތްކުރާގޮތަށް ފަރުމާކުރެވުނެވެ. އަދި މިފްރޭމް އިތުރަށް ތަރައްޤީކޮށް ތަފާތު އެކިއެކި ބޭނުންތަކުގައި ބޭނުންކޮށް އުޅުނެވެ.

        މެޝިންތައް ތަޢާރަފްކުރެވި އައު އުފެއްދުންތައް އިތުރުވުމަށް ކުރެވުނު މިމަސައްކަތްތަކުގެ ސަބަބުން ދަނޑުވެރިކަމާއި، ހަކަތަ އުފެއްދުމާއި ދަތުރުފަތުރާއި ފޭރާންވިއުމުގެ އިތުރުން މުވާޞަލާތުގެ ދާއިރާއަށް އިތުރު ފުރިހަމަ ކަން ލިބިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، އިތުރު ދާއިރާތަކުން އައު އީޖާދުތައްކޮށް މަސައްކަތްކުރުމަށް ތަފާތު އުކުޅުތައް ބޭނުންކުރާން ފެށުނެވެ. އެހެންކަމުން، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށްވެ ޤައުމުގެ މާލީ ޙާލަތު ތަނަވަސްވިއެވެ.

މިޒަމާނުގެ އުފެއްދުންތެރިކަމާއި ޞިނާޢީ އިންޤިލާބު


މިޒަމާނުގެ އުފެއްދުންތެރިކަން ފެށިގެން އައީ ޞިނާޢީ އިންޤިލާބުގެ ސަބަބުން ކަމަށްބެލެވެއެވެ. މިކަމަށް އިޝާރާތްކުރައްވާ ލޭންޑްސް ޑޭވިޑް (2003) ބަޔާންކުރައްވަނީ މިޒަމާނުގެ ޓެކޮނޮލޮޖީ، ޚާއްޞަކޮށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަމާއި، ހަކަތަ އާއި ކެމިކަލް ފަދަ ވަޞީލަތްތަކުގެ އިތުރުން، މުވާޞަލާތު ކުރުމަށް ބޭނުންކުރާ ހުރިހާ އާލާތަކާއި ދަތުރުފަތުރާއި ވިޔަފާރީގެ މޒަމާނުގެ އެންމެހާ މުޢާމަލާތްތަކެއް ފެށިގެން އައީ ޞިނާޢީ އިންޤިލާބުގެ ސަބަބުން ކަމަށެވެ. އެހެނީ، މިހާރުގެ ވަޞީލަތްތައް އެންމެ ފުރަތަމަ އީޖާދުކުރީ ޞިނާޢީ އިންޤިލާބުގެ ދުވަސްވަރުއެވެ. މިކަމަށްޓަކައި، ފުރަތަމަ ފަހަރަށް ޤުދުރަތީ ވަޞީލަތްތައް ތަފާތު ތަކެތި އުފެއްދުމުގައި ބޭނުންކުރަންފެށުނެވެެ. މިކަމުގެ ސަބަބުން، ހަކަތަ އުފެއްދުމުގެ ޤާބިލުކަމަށް އައު ގޮތްތައް ތަޢާރަފް ކުރެވުނެވެ. ހަމައެހެންމެ، ދަތުރުފަތުރު ކުރުމަށް އިތުރުކުރި އެރުންތަކެއް ލިބި، މުވާޞަލާތާއި ބޭންކުގެ ޚިދުމަތްތައް ތަޢާރަފްވެގެން ދިޔައެވެ. ފަހުން އެކިއެކި ބަދަލުތަކާއެކު މިހާރުގެ ޖީލުން މިކަންތައްތަކާއި މިއުޞޫލުތަކަށް ބަދަލު ތަކެއް ގެނައީއެވެ.

  1. ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރަން ފެށުން

އިހުޒަމާނުގައި ދަގަނޑާއި ބޯޓުދެއްޔާ ތެޔޮފަދަ ޤުދުރަތީ ވަޞީލަތްތަކަކީ އުފެއްދުންތެރިކަމުގައި ބޭނުންކޮށް އުޅުނު ތަކެއްޗެއްނޫނެވެ. އެހެންކަމުން، މިއީ، އެއްވެސް މާނައެއްނެތް ތަކެތި ކަމުގައި ދެކެވެނެވެ. ނަމަވެސް، އަބުރަހަމް ޑާބީ 17 ވަނަ ޤަރުނުގެ ކުރީކޮޅު ޤުދުރަތީ މައުދަނެއްކަމަށްވާ ދަގަނޑުން ތަކެތި އުފެއްދޭނެ ފަސޭހަ ނިޒާމެއް ހޯދުމުން ދަގަނޑުގެ ބޭނުން އިންތިހާޔަށް ބޮޑުވެގެން ދިޔައެވެ. މިގޮތުން، އިންޖީނު ފަރުމާކުރުމަށާއި ތަފާތު މެޝިންތަކަށް ދަގަނޑު ޚާއްޞަކުރެވުނެވެ. ހަމައެހެންމެ، ތަފާތު އުޅަނދުތަކާއި ޢިމާރާތްތައް ފަރުމާކުރުމަށްވެސް ދަގަނޑު ބޭނުންކުރަން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން، މިފަދަ އެހެނިހެން ވަޞީލަތްތަކުގެ ބޭނުންކުރަން އިންސާނުން ދަސްކުރަން ފެށިކަމަށް ލޭންޑްސް ޑޭވިޑް (2003) ބަޔާންކުރައްވައެވެ. މިގޮތުން، ސަރ މިލިއަން 1868ގައި ސްޓީލުން ތަކެތި އުފައްދަންފެށުމުން ސްޓީލުގެ އީޖާދުތައް ދުނިޔެއަށް ތަޢާރަފްވާން ފެށިއެވެ. އެހެންކަމުން، ފަސޭހައިން ދަތުރުކުރެވޭނެ ގޮތްހޯދުމަށްޓަކައި މަތިންދާބޯޓް އުފެއްދުމުގެ މަސައްކަތާއި، ގިނަދުވަހަށް ކާނާ ރައްކާކުރުމަށްޓަކައި ތަކެތި އުފެއްދުމުގެ ތެރެއިން އައިސް އަލަމާރި އީޖާދުކުރުން ފަދަ ކަންތައްތައް ސްޓީލްގެ އެހީގައި ކުރިއަށް ގެންދިޔަ ކަމަށް ސްމިލް ވަކްލަވ (2005) ލިޔުއްވާފައިވެއެވެ. 

       މީލާދީން 1800 ވަނަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގައި ތަފާތު އުޞޫލެއްގެ ދަށުން ބޯޓުދެލި ނެގުމުގުު މަސައްކަތް ކުރަންފެށުނެވެ. އެއީ، އިހުގައި އިންސާނުންނާއި ޖަނަވާރުންގެ ހަކަތައިގެ އެހީގައި އުފުލުމުގެ މަސައްކަތްކުރި ބޯޓްދެލި، އެކަމަށް ޚާއްސަ ސްޓީމް އިންޖީނެއްގެ އެހީގައި އުފުލަންފެށުމެވެ. މިއީ 1775 ގައި ޖޭމްސް ވައްޓް އުފެއްދި އިންޖީނެއްކަމަށް ސްޓްރީމް ޕީޓަރ އެން. (1998) ހާމަކުރައްވައެވެ.  މިކަމުގެ ސަބަބުން 1829 ވަނަ އަހަރު ބޯޓުދެލި ނެގޭ މިންވަރު 2.5 އިން 15 މިލިއަންނަށް އިތުރުވެގެން ދިޔަކަމަށް ޖޯސެފް އޭ. މޮންޓަގްނާ (2010) ލިޔުއްވާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، ޤުދުރަތީ މިފަދަ ވަޞީލަތްތަކުގެ މަންފާ އިތުރުވެގެން ދިޔައެވެ.

3. ހަކަތަ އުފެއްދުން

މީލާދީން 1780 ގައި ޖޭމްސް ވައްޓް އުފައްދާފައިވާ ސްޓީމް އިންޖީނު އިތުރަށް ތަރައްޤީ ކުރެވުނެވެ. މިއީ، ޞިނާޢީ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ގެނެސްދީ ފެކްޓްރީތައް އިތުރުކުރުވި ވަޞީލަތެއް ކަމުގައި ސްޓްރީމް ޕީޓަރ އެން. (1998) ހާމަކުރައްވައެވެ. މި އިންޖީނުގެ ސަބަބުން ފެނުން ހަކަތަ އުފައްދައިގެން ކުރަމުން އައި މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބި މަސައްކަތްތެރިކަން އިތުރަށް ހަލުއިވިއެވެ. ޖޭމްސް ވޮޓުގެ މި އީޖާދުގެ ސަބަބުން އެތައް ސްޓިމު އިންޖީނެއް އުފެއްދި އެ އިންޖީނުތަކުގެ އެހީގައި އާ ފެކްޓަރީތަކަކާއި މެޝިންތަކެއް އޮޕަރޭޓް ކުރެވެން ފެށުނެވެ.

       ސްޓީމް އިންޖީނަށް އެޅުމަށް ބޭނުންވާ ތެޔޮ އުފެއްދުމުގެ މަސައްކަތްތަކުގެ ތެރެއިން ވިލިއަމް މަޑޯޗްއަށް ގޭސް އުފެއްދުނު ކަމަށް ސްޓްރީމް ޕީޓަރ އެން. (1998)  ބަޔާންކުރައްވައެވެ. މިގޮތުން، 1812 ގައި ދުނިޔޭގައި އުފެއްދުނު ގޭސް އުފައްދާ ޔުޓިލިޓީ މަރުކަޒު ލަންޑަނުގައި ޤާއިމު ކުރެވުނެވެ. މިކަމުގެ ސަބަބުން ރޭގަނޑު މަސައްކަތްކުރުމުގެ ވައްޓަފާޅި ތަޢާރަފްވެ މަސައްކަތްތެރި ކަމަށް އިތުރު ކުރިއެރުމެއް ލިބުނެވެ.

4. ދަތުރު ފަތުރުގެ ކުރިއެރުންތައް

ފެކްޓަރީތަކުގައި ފެންވަރު ރަނގަޅުކޮށް މަސައްކަތް ކުރެވޭނެ އުޞޫލުތައް ޤާއިމުވާން ފެށުމުން ތަކެތި އުފެއްދޭ މިންވަރު އިތުރުވެ ސަޕްލައި އިތުރުކުރަން ޖެހުނެވެ. އެހެންކަމުން، ތަކެތި އެއްތަނުން އަނެއްތަނަށް ސަޕްލައި ކުރެވޭނެ އުޞޫލުތަކެއް ހަމައްޖައްސަންޖެހުނެވެ. ނަތީޖާއަކަށްވީ މުދާ އުފުލާނެ ބޮޑެތި އެއްގަމު އުޅަނދުފަހަރު ތައްޔާރުކުރަން ފެށުމެވެ. އެއްގަމު އުޅަނދު ފަހަރުތައް ތަޢާރަފްކުރެވި، އެއުޅަނދުތަކުގައި ސްޓީމް އިންޖީނު އަޅައި މުދާ އެއްތަނުން އަނެއްތަނަށް ގެންދެވެން ފެށުނެވެ. މިކަމާއި ގުޅިގެން އުޅަނދުތައް ދުއްވޭނެ ފަދަ މަގުތައް ތައްޔާރުކުރަން ޖެހުނެވެ. މިގޮތުން، މީލާދީން 1814ގައި ސްޓީމް އިންޖީނު އިތުރުބަދަލުތަކަކާއެކު ރޭލްގައި ބޭނުންކުރެވޭނެ ގޮތަށް ސްޓޭފަން ބްލެޝަރ ތަރައްޤީކުރިއެވެ. މިކަމުގެ ސަބަބުން ޔޫރަޕާއި އިނގިރޭސިވިލާތާ ދެމެދުގައިވާ މަގުތައް ތަރައްޤީކުރެވި ރޭލް ތަޢާރަފްކުރެވުނެވެ. ނަތީޖާއަކަށްވީ މިޞިނާޢަތު އިތުރަށް ފުޅާވެ، ޔޫރަޕާއި އިނގިރޭސިވިލާތާއި ދެމެދުގައި އެކުވެރިކަން އާލަވެ، ދުވަހަކު ނުދެކޭފަދަ އިޤްތިޞާދީ ފުދުންތެރި ތިޔާގި ކަމެއް އިނގިރޭސިވިލާތަށް ލިބިގެން ދިއުމެވެ (އެމް.ސީ. ކްލޮސްކީ ޑިއެޑަރ، 2004).

 5. ކަނޑުދަތުރު ފަތުރުތައް އަވަސްވުން

ސްޓީމް އިންޖީނުގެ ސަބަބުން އެއްގަމުގެ ދަތުރުފަތުރުކުރުމުގެ އުޞޫލުތަކައި ލިބުނު ކުރިއެރުންތައް ފެނުމާއި ގުޅިގެން އިނގިރިރޭސީން ބޭނުންވީ އެބަދަލުތައް ކަނޑުދަތުރު ފަތުރު ކުރުމަށްވެސް ތަޢާރަފްކުރާށެވެ. މިގޮތުން، ކަނޑުދަތުރުތަކަށް ޚާއްޞަކޮށް ސްޓީމް އިންޖީނު އިތުރަށް ތަރައްޤީކޮށް ރޮބަރޓް ފުލްޓަން 1807 ގައި ކަނޑުބޯޓެއްގައި ސްޓީމް އިންޖީނު އެޅިއެވެ. މިކަމުން، 3 ނުވަތަ 4 މަސް ދުވަހުގެ ތެރޭގައި ކުރެވެމުން އައި ދަތުރުތައް 4 ނުވަތަ 5 ހަފްތާތެރޭގައި ނިންމާލެވޭނެ މަގުފަހިވެގެން ދިޔައެވެ. ނަތީޖާއަކަށްވީ ކަނޑުދަތުރު ފަތުރުވެރީންގެ ޝައުޤު މިކަމަށް އަމާޒުވެ އެދާއިރާއަށް އައު ހޯދުންތައް ތަޢާރަފްވުމެވެ. މިގޮތުން، ދިގުރާސްތާ އިން ދެވޭ މަގުތައް ކުރުރާސްތާ މަގުތަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅެން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން، އެފްރިކާ ވަށާލާ އިންޑިޔާއަށް އައުމުގެ ބަދަލުގައި ކެނަލެއް ކޮނެ ކުރުރާސްތާ އެއް ހޯދިދާނެކަމަށް ވިސްނާ ސްވިޒް ކެނަލް ކޮނުމުގެ މަސައްކަތް 18ވަނަ ޤަރުނުގެ ތެރޭގައި ނިންމާލެވުނު ކަމަށް ބްލެއަރ ޖޯން (2007) ހާމަކުރައްވައެވެ. މީގެއިތުރުން، ޕެނަމާ ކެނަލާއި ކީލް ކެނެލް ކޮނުމުގެ މަސައްކަތް ކުރެވެން ފެށުނެވެ. މިކަމުގެ ސަބަބުން، ދަތުރުފަތުރުކުރުމަށް އިތުރު ފަހިކަމެއް ލިބިގެން ދިޔައެވެ.

6. މުވާޞަލާތުގެ ފަހިކަން ލިބެން ފެށުން

ޞިނާޢީ މަސައްކަތްތައް ތަޢާރަފްވެ ވިޔަފާރީގެ މުޢާމަލާތްތައް ކުރާން ފެށުމުން ތަފާތު އެކިއެކި ތަފާތު އެކިކަހަލަ މުޢާމަލާތްތައް ކުރަން ފަށައެވެ. އެހެންކަމުން، މިދުވަސްވަރު މުޢާމަލާތް ކުރެވޭނެ ފަސޭހަ އުޞޫލުތަކާއި ވަސީލަތްތަކަކަށް ބޭނުންވި އެވެ. މިގޮތުން މީލާދީން 1837ގައި ސެމިއަލް އެފް. ބީ. މޯސް ޓެލެގްރާމެއް ތަޢާރަފްކުރިއެވެ. މީގެއިތުރުން، 1870 ގައި އެލިޝްގްރޭ އަދި އެލެކްސެންޑްރާ ގްރަހަމްބެލް ވަކިވަކީން މަސައްކަތްކޮށް މުވާޞަލާތުކުރެވޭނެ ފަދަ ދެޑިވައިސް ތަރައްޤީ ކުރިކަމަށް މޭރީ ބެލިސް (2010) ބަޔާންކުރައްވައެވެ. މިކަމުގެ ސަބަބުން މުވާޞަލާތުކުރުމަށް އިތުރު ފަހިކަމެއް ލިބިގެން ދިޔައެވެ. މީގެއިތުރުން، ޖީ މާކޯނި ރޭޑިޔޯގެ ޚިދުމަތް ތަޢާރަފްކުރިއެވެ. ދުރުގައިހުރެ ވާހަކަ ދެއްކޭނެ އުޞޫލުތައް ތަޢާރަފްވެ ޚަބަރު ދަބަރު ސާފުވާންފެށުމުން މަސައްކަތްތަކަށް އިތުރު ހަލުއި ކަމެއް ލިބިގެންދިޔައެވެ. ހަމައެހެންމެ، މިޞިނާއަތާއެކު ނޫސްވެރިކަން ތަޢާރަފްވެ، ދުނިޔޭގެ ފުރަތަމަ ނޫސް އެޖެންސީ އެއްގެ ގޮތުގައި ރޮއިޓަސް އުފަންވިއެވެ (މޭރީ ބެލިސް، 2010). މިކަމުގެ ސަބަބުން ލިޔުންތެރިކަން ފުޅާވެގެން ދިޔައެވެ. މިޤަރުނުގެ ތެރޭގައި އުފެއްދުނު އެންމެ އުފެއްދުންތެރި މެޝިނަކަށް ފާހަގަކޮށްލެވެނި ޗާލުސް ބެބޭޖް އުފެއްދި ކޮންޕިއުޓަރެވެ.

7. އަމިއްލަ ފަރާތްތަކުގެ ބޭންކް ތަޢާރަފްވުން

ޞިނާޢީ މަސައްކަތްތައް ހަލުއިވުމާއި އެކު ފައިސާ ގެންގުޅެވޭނެ ފަސޭހަ އަދި ރައްކާތެރި ގޮތެއް ބޭނުންވިއެވެ. 1690 ގެ އަހަރުތަކުގެ ތެރޭގައި ބޭންކު އޮފް އިންގްލެންޑްގެ ނަމުގައި ޚިދުމަތްދެމުން އައި ބޭންކަށް އިންވެސްޓަރުން ބޭނުންވާ މިންވަރަށް ޚިދުމަތް ނުދެވުނެވެ(ޖޯސެފް އޭ. މޮންޓަގްނ، 2010). އެއީ ކްރެޑިޓްގެ އުޞޫލުން ވިޔަފާރިކުރެވޭ އުޞޫލެއް ޤާއިމުވެފައި ނެތުމާއި ވިޔަފާރިކުރުމަށް ރައުސްމާލެއް ހޯދޭނެ ފަސޭހަ ގޮތްތަކަށް ނެތުމުންނެވެ. އިނގިރޭސިވިލާތުގެ އިންވެސްޓަރުން ދެވައްތަރެއްގެ ރައުސުލްމާލްތަކެއް ބޭންކުން ބޭނުންވިކަމަށް ޖޯސެފް އޭ. މޮންޓަގްނާ (2010) ބަޔާންކުރައްވައެވެ. އެއީ ދިގުމުއްދަތުން ދައްކާ ޚަލާސްކުރާ ގޮތަށް ދޫކުރާ ލޯނު ތަކާއި ކުރުމުއްދަތުން ދައްކާ ޚަލާސްކުރާ ގޮތަށް ދޫކުރާނެ ލޯނުތަކެވެ. ނަމަވެސް، ސަރުކާރު ބޭންކުން މިކަމަށް ނުކުުކުޅެދުމުގެ ސަބަބުން މީލާދީން 1700 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ބޭންކުތައް ތަޢާރަފް ކުރެވުނެވެ. މިފަދަ ބޭންކުތަކުގެ ޙިދުމަތް ވެރިކަން ހިންގާ ރަށުގެ އިތުރުން ރަށްފުށުގެ ސަރަހައްދު ތަކަށްވެސް ފުޅާވެގެން ދިޔައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް އުފެދި ބޮޑެތި ވިޔަފާރިތަކުގައި އިތުރު ކުރިތައްފަޅާ ހެދޭން ފެށުނެވެ. އަދި ބޭންކުތަކުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެން ދިޔައެވެ.  

ނިންމުން


ޞިނާޢީ އިންޤިލާބުގެ ދުވަސްވަރު ތަފާތު އެތަކެއް އައު އުފެއްދުންތަކެއް ވަނީ އުފައްދާފައެވެ. މިގޮތުން، ފޮތިވިޔާ މެޝިން އުފެއްދުމުގެ ކާމިޔާބު މަސައްކަތުގެ ސަބަބުން ތަފާތު އެތަކެއް މެޝިންތަކެއް ތަޢާރަފްކުރެވުނެވެ. ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވެ، ހަކަތަ އުފެއްދުން ތަޢާރަފްކުރެވުނެވެ. އެއްގަމާއި ކަނޑުދަތުރުތައް އަވަހަށް ކުރެވޭނެ ގޮތްތައް ހޯދާ އެކަންތައް ތަޖުރިބާކޮށް، ދަތުރުފަތުރާ ގުޅުންހުރި އެކި އެކި ވަޞީލަތްތައް ޤާއިމު ކުރެވުނެވެ. މުޢާޞަލާތުކުރުމުގެ އައު ގޮތްތައް އީޖާދުކުރެވި ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަރައިގެން ދިއުމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދު ހަރުދަނާ ވެގެންދިޔައެވެ. އެހެންކަމުން، ދުނިޔެ މިހާރު މިދެކޭ ތަޙްޒީބާއި ކުރިއެރުންތަކުގެ ފެށުމެއްގެ ގޮތުގައި ޞިނާޢީ އިންޤިލާބު ފާހަގަ ކޮށްލެވެއެވެ. ކަންމިހެންހުރުމުގެ ސަބަބުން، ޞިނާޢީ އިންޤިލާބު ފާހަގަވެގެންދަނީ އުފެއްދުންތެރިކަމަށް ދިރުންގެނެސްދިން މަރުޙަލާއެެއްގެ ގޮތުގައެވެ.
 
 
ޙަވާލާތައް
ބްލެއަރ ޖޯން. (2007). ވޯޓަރވޭސް އެންޑް ކެނަލް ބިލްޑިން އިން މެޑިވެއަލް އިންގްލެންޑް. އޮކްސްފޯޑް: އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.

އެމް. ސީ. ކްލޮސްކީ ޑިއެޑަރ. (2004). ޑިއެޑަރޑްރަމްކްލޮސްކީ: ރިވިއު އޮފް ދަ ކެމްބްރިޖް އިކޮނޮމިކް ހިސްޓްރީ އޮފް ބްރިޓިއަން. ނެގީ އޯގަސްޓް 23، 2010، http://deirdremccloskey.org/articles/floud.php ން.

މެރީ ބެލިސް. (2010). އިންވެންޓަރސް: ދަ ހިސްޓްރީ އޮފް ޓެލެފޯން. ނެގީ ސެޕްޓެމްބަރ 23، 2010،  http://inventors.about.com/od/bstartinventors/a/telephone.htm ން.

މާޓިން ކެލީ. (2010). އެމެރިކަން ހިސްޓްރީ: އިންޑަސްޓްރިއަލް ރިވޮލިއުޝަން. ނެގީ  ޖުލައި24، 2010،  http://americanhistory.about.com/od/industrialrev/a/indrevoverview_2.htm ން.

ދިވެހިރާއްޖޭގެ ތަޢުލީމްކުރިއަރުވާ މަރުކަޒު. (1994). ޞިނާޢީ އިންޤިލާބް. އިޖްތިމާޢީ ޢިލްމް 1 ގްރޭޑް 6. މާލެ: ނޮވެލްޓީ ޕްރެސް.

ލޭންޑްސް ޑޭވިޑް. (2003). ދަ އަން ބައުންޑް ޕްރޮމްތަސް: ޓެކްނިކަލް ޗޭންޖް އެންޑް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް އިން ވެސްޓަރން ޔޫރަޕް ފްރޮމް 1750 ޓު ދަ ޕްރެޒެންޓް (2ވަނަ  އިސްދާރު). ނިއުޔޯކް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.

ސްމިލް ވަކްލަވ. (2005). ކްރިއޭޓިން ދަ ޓްވެންޓިއަތު ސެންޗަރީ: ޓެކްނިކަލް އިނޮވޭޝަން އޮފް 1867- 1914 އެންޑް ދެއަރ ލާސްޓިން އިންޕެކްޓް. (ޕަބްލިޝަރ ނެތް).

ސްޓްރީމް ޕީޓަރ އެން. (1998). ކުއެސްޓިއާ: ދަ އިންޑަސްސްޓްރިއަލް ރިވޮލިއުޝަން އިން ދަ ވޯލްޑް ހިސްޓްރީ. ނެގީ އޯގަސްޓް 20، 2010، http://www.questia.com/PM.qst?a=o&d=6967400 ން.

ޖޯސެފް އޭ. މޮންޓަގްނާ. (2010). ޔާލް ނިއު ހެވަން ޓީޗަރސް އިންސްޓިޓިއުޓް. ނެގީ ސެޕްޓެމްބަރ 11، 2010، http://www.yale.edu/ynhti/curriculum/units/1981/2/81.02.06.x.html ން.

No comments:

Post a Comment