Monday, November 9, 2015

އިހަވަންދޫގައި ސިލްސިލާ ވަމުން އަންނަ ވެރިކަމުގެ ޢާއިލާގެ ފެށުން




އަބުދުލްޣަނީ ޙުސައިން/ ހާޝިމީމަންޒިލް ހއ. އިހަވަންދޫ



ނެގީ: އަބުދުލްޣަނީ ޙުސައިން. (ނޮވެމްބަރު 10، 1986). އުތުރު އޮއިވަރު 1. ވޮލިޔުމް (1) ނަންބަރު (1). ޞ. 43 ން 47 އަށް.

އެކެއް އަނެއްކެއްގެ ކިބައިން އައިސްފައިވާ މި މަޢުލޫމާތު ކޮޅުގެ މައްޗަށް ބަލާއިރު، އަދިވެސް "ކައްޕީނި ތަކުރުފާނަކީ" ކޮން ރަށެއްގެ ބޭކަލެއް ކަމެއް ނުވަތަ އެއީ ކޮން ޢާލަމަކުން އައިސްހުރި ކާކުކަމެއް ނޭނގެއެވެ.
އާދެ، އެއްވެސް ޝައްކެއްނެތި އެނގޭކަމަކީ ކައްޕީނި ތަކުރުފާނަކީ އިހަވަންދޫ ބޮޑުންގެ މަތިކޮޅުގެ ފެށުމެވެ. އެ ތަކުރުފާނާ މެދު އެނގޭހާވެސް މަޢުލޫމާތަކީ އެއީ އެދުވަސްވަރު ރާއްޖޭގައި ހުރި ހިތްވަރުގަދަ ދިވެހި ދަރިއެއްކަމެވެ.

ދުވަސްވަރަކީ ހޮޅިން ރާއްޖެއަށް ތަފާތު އުނދަގޫތައް ކުރަމުން ގެންދިޔަ ދުވަސްވަރެވެ. ރާއްޖޭގެ އެކިއެކި ރަށްރަށަށް އަރާ ފޭރެމުން ގެންދިޔަ ދުވަސްވަރެވެ. ކޮންމެވެސް ގޮތަކުން މަލިކުގެ އަހުލުވެރިންނަށް މިކަން އެނގިއްޖެއެވެ. ލިބުނު ފުރުޞަތުގައި މަލިކުގެ ބައެއް ގުރާބުތައް ރާއްޖެ އައިސް ރަށްރަށް އަރާ މުދާކޮޅު ފޭރި ކުޑަކުދިންނާއި އަންހެނުންގެ  ކަރުގިލަ އަތުލާ އިހާނަތްތެރިވަމުން ގެންދިޔަ ކަމަށްވެއެވެ. މަލިކުމީހުން ތިބެނީ ހޮޅިންނަށްވެގެން އެމީހުން އަޅާ ވައްތަރުގެ ހެދުން އަޅާ އޮޅުވާލައިގެން ކަމަށްވެއެވެ. މިގޮތަށް މިބައިމީހުން މި ޢަމަލު ހިންގަމުން ގެންދިޔަ ދުވަސްވަރު ދިވެހިރާއްޖޭގެ ވެރިންނަށް ވެސް މިކަން އެނގިވަޑައިގެންފިއެވެ.
 އެދުވަސްވަރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ޚިޔާރުކުރެއްވީ މަލިކު މީހުން މި ކުރަމުންދާ އިހާނާތްތެރި ޢަމަލުގެ ބަދަލު ހިއްޕެވުމަށެވެ. މިކަމާމެދު ސަރުކާރުގެ ކަމުވޮށިގެންވާ އެންމެ ބޭކަލުންގެ މެދުގައި ކުރެއްވުނު މަޝްވަރާތަކަށްފަހު ރޯނު ޖެހި ބައު އޮޑިކޮޅުތައް މަދަންއަޅާ މަރާމާތު ކުރުމަށްފަހު ވަރަށް އަވަސް ފުރުޞަތެއްގައި ބާލައި ދަތުރަށް ތައްޔާރުކޮށްފިއެވެ. ބަންޑާރައިންގެ އަމުރުފުޅަށް މަލިކަށްގޮސް މަލިކު ތަޅާލުމަށް ހިތްވަރުހުރި 40 މީހުން މާލެތެރެއިން ނަންގަވާ އަތަށް ހެޔޮވަރުގެ މުގުރާ އަދި މި މަސައްކަތަށް ބޭނުންވާނޭ ސާމާނު އެ ޒާމާނުގައި ރާއްޖޭގައި ހޯދެން ހުރި އެންމެ ރަނގަޅަކަށް ހޯދާ ތައްޔާރުކުރައްވައިފިއެވެ.
ނަމަވެސް އެހިސާބުން މައްސަލައެއް ކުރިމަތިވެއްޖެއެވެ. މަލިކަށް ދާން އެނގޭ މީހަކު ނެތުނީއެވެ. ކޮންމެއަކަށް މަލިކަށް ދާން އެނގޭ މީހަކު ހުރިތޯ ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށާއި މާލެވެސް ބައްލަވާ ހެއްދެވިއެވެ. ނަމަވެސް ކުރެވުނުހާ މަސައްކަތެއް ދިޔައީ ނާކާމިޔާބު ވެގެންނޯލައެވެ. ކޮންމެއަކަށް މަލިކަށްދާނެ މީހަކު ހޯދުމަށް މަސައްކަތް ކުރައްވަމުން ވަޑައިގަތް ބޭފުޅުކަށް ތިލަދުންމަތީ އިހަވަންދޫއަށް ވެސް ވަޑައިގެންނެވުނެވެ. މި ބޭފުޅަކު ކައްޕީނި ތަކުރުފާނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅަށް ޖަވާބުގައި ދެންނެވީ އެ ތަކުރުފާނަށް މަލިކަށް ދާން އެނގިލައްވާ ކަމަށެވެ. ނަމަވެސް މި ވަގުތު އަނބިކަނބަލުން ހައްޔަރުގައި އިނދެ ދުވަހާ ގާތްވެފައިވާތީ ދެވެން ނެތްކަމަށެވެ. އެހެންނަމަވެސް، އެބޭފުޅަކު މާލެ ވަޑައިގަތީ ކައްޕީނި ތަކުރުފާނު ގޮވައިގެން ކަމަށްވެއެވެ. ލަހެއްނުވެ ބަންޑާރައިންގެ އަރިހަށް އެ ތަކުރުފާނުން ގެންދެވުނެވެ. ތައްޔާރު ކުރެވިފައިވާ ރޯނުޖެހި ބަޑުއޮޑިކޮޅުގައި މަލިކަށް ދުރުވެ މަލިކު ތަޅާލައި ދިނުމަށް އެދިވަޑައިގަތެވެ. ކައްޕީނި ތަކުރުފާނުން ބުނުއްވީ އަންހެނުން ހައްޔަރުގައި އިނދެ ދުވަހާ ގާތްވެފައިވާތީ އެއްގޮތަކަށް ވެސް މި ވަގުތު ދިޔުން ވަރަށް ދަތި ކަމަށެވެ. އެއީ ގޭތެރޭގެ ހާލަތު ހުރި ގޮތުންނެވެ.
އެވަގުތު ބަންޑާރައިންގެ ވިދާޅުބަހަށް ފަތްކޮޅެއް ލިޔެ ސިއްކަ ޖެހުނެވެ. ތިލަދުންމަތީ ވާރުގެ ½ އާއި އިހަވަންދޫ "ގޮއި ފާލައްބަ" (ރުއްގަނޑެއް) އެތަކުރުވާނަށް ދެއްވުމަށެވެ. އަދި އެތަކުރުފާނުގެ ގޭގެ ފުޅައް އެޅުމާއި ފުރާޅުގައި ފަންގެލުމަށާއި ވޮށިތެލާ (ވޮށުތެޔޮ) ކެއިން ބުއިމުގެ ޚަރަދު ކުރާނީ ވާރުގެއިން ކަމަށް އެންގެވިއެވެ. އެ ތަކުރުފާނުންގެ އަނބިކަނބަލުން ފިރިހެން ކުއްޖެއް ވިހައިފި ނަމަ މަގުމަރުވަޅި (އުއްޖެހި މަރުވަޅި) ދެއްވިއެވެ. އޭނާ ހުންނަވާ ދޯންޏެއްގައި ރިޔާ ނެގުމުގެ ހުއްދަ އޮންނާނެ ކަމަށް އެންގެވިއެވެ. މިހެން ގޮސް ކިތައްމެކިތައްމެ ކަމެކެވެ. ކޮންމެ އަކަސް އިތުރު ވާހަކައެއްނެތި ބަންޑާރައިންގެ ވިދާޅުބަހަށް އެ ތަކުރުފާނު ރޯނުޖެހި ބަނޑުއޮޑިކޮޅުގައި 40 ބޭކަލުން ގޮވައިގެން ފުރުއްވައިގެން ދަތުރުކުރައްވާ ދުރުވެއްނެވީ ވަނގާރަށެވެ. ވަނގާރު ބޭރުގައި ބަނޑުއޮޑިކޮޅު ރަނގަޅަށް އަޅާ މަޑުކޮށްގެން ތިއްބެވިކަމަށްވެއެވެ. އެއީ، މަލިކު މީހުން ކަންނަންނޫރަށްދާ ދުވަސްވަރާ ދިމާކޮށް މަލިކަށް ދުރުވުމަށްޓަކައެވެ.
ކަންޕީނި ތަކުރު މި ދަތުރު ނުކުންނެވި އިރު 10 އަހަރާއި 13 އަހަރުގެ ދެކުދިން އިހަވަންދޫގައި އައިސާދިޔޯ ކައިރީގައި ތިއްބެވެ. އެއީ އާމިނަތުފާނާއި (އާމިނާ ދިޔޯއާއި) އިބުރާހިމު މަނިކުފާނެވެ. ކޮންމެއަކަސް ރޯނު ޖެހި ބަނޑުއޮޑިކޮޅު ތިލަދުންމަތީ ވަނގާރު ބޭރުގައި ދުވަސްކޮޅަކު މަޑުކުރިއެވެ. މަހެއްހާ ދުވަހާ ގާތްވެފައި ވަނިކޮށް އެ ތަކުރުފާނު ބައްލަވަމުން ގެންދެވި ދުވަސްވަރު އަތުވެއްޖެއެވެ. ލަހެއްނުވެ ބަނޑުއޮޑިކޮޅު ވަނގާރު ކަނޑުން ނުކުމެގެން ހުޅަނގުން ޖެހިޖެހިހުރި ފަހި ވައިގައި މަލިކަށް މިސްރާބުދީ ދުއްވަން ފަށައިފިއެވެ.
ޖެހިގެން އައި ދުވަހުގެރޭ އެގާރަ ޖަހައި އެހައި ކަންހާއިރު، އޮޑިކޮޅު މަލިކު ސާލުން ވަންނަ ކަމަށްވެއެވެ. މިހާހިސާބުން ކައްޕީނި ތަކުރުފާނު އެނބުރި ރާއްޖެ ދުރުވިކަމެއް ނުވަތަ ނޫން ކަމެއް އެނިފައެއް ނެތެވެ. އަދި އެތަކުރުފާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކައްޕީނި ތަކުރުފާނުގެ އަނބިކަނބަލުން ދުވަސްފުރާ ފިރިހެން ކުއްޖެއް ވިހައިފިއެވެ. މި ކުއްޖާއަކީ ހަށިގަނޑުގެ ސަމައްތަރު ހެޔޮ އަގުނުތައް ވަރުގަދަ ހައިބަތު ހުރި ކުއްޖެކެވެ. މި ކުއްޖާ ނަމަކަށް ކިޔުނީ މުޙައްމަދު ބޮޑުތުން މަނިކުފާނެވެ. 
ބޮޑުތުން މަނިކުފާނަކީ ހައިބަތު ބޮޑު ބާރުގަދަ ފިރިހެނެކެވެ. އެ ދުވަސްވަރު ރާއްޖެ ނުދެކޭ ފަދަ ވަރުގަދަ ބާރުހުރި ބޭކަލެކެވެ.  ބޮޑުތުން މަނިކުފާނުން ޢުމުރުން 16 އަހަރުގައި މާލެ ދުރުވަންނަވައި ރަދުން ފައިންޕުޅު ދެކިލެއްވުމަށް ގަނޑުވަރު ތެރެއަށް އެއް ދުވަހަކު ދުރުވެއްނެވިއެވެ. އެވަގުތު ގަނޑުވަރު ތެރޭގައި ދެކެވެމުން ދަނީ ބޭރު މީސްމީހުންގެ މޮޅުކަމާއި ބާރުގަދަ ކަމުގެ ވާހަކައެވެ. މި އަޑު އެއްސެވުމަށްފަހު މި މަނިކުފާނު އިންނެވީ ބޮޑުއަށިކޮޅުގައެވެ. ބައެއް ފަހަރަށް ދަތްކުނޑި ވިކެމުންދާތަނާއި އަށިމަތީގައި އިންނަވައިގެން ކުރައްވަމުންދާ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ރަދުން ބައްލަވާ ކަމުގައި ވިއެވެ.
ވާހަކައިގެ އެންމެ ފޯރިގަދަވީ ވަގުތު ބޮޑުތުން މަނިކުފާނު އަށި މަތިން ތެދުވަންނަވައިގެން ގަނޑުވަރުން ބޭރަށް ނުކުންނަވައިފިއެވެ. އެވަގުތު ރަދުން ވިދާޅުވީ މަނިކުފާނު ވަރަށް ރުޅި ދުރުވެގެން ދުރުވާ ދުވަހެކެވެ. ކިހިނެއްވީ ބާވައެވެ.
އެވަގުތު ގަނޑުވަރުގެ ޚާދިމަކު ދެންނެވިއެވެ. މަހާރަދުން ނިކަން ބައްލަވާށެވެ. އޭނާ އިންނެވިތާ އޮތް 7 ކުނާ ފޫދުއްވާލައްވާފައި މަޅުގަނޑު ވެސް ވަނީ ވަރަށް ބޮޑުތަން ކަންފަތި ކޮށްލައްވާފައެވެ. ހަމައެކަނި ދެ ފަރާތަށް ކޭއްތިލެއްވަމުންނެވެ.

ރަދުން ވިދާޅުވިއެވެ. އަވަހަށް މިހާރު ބޮޑުތުން މަނިކުފާނުން ކޮބައިތޯ ބަލާފައި ދުރުވެ ނަންގަންވަނާށެވެ.
ކުދިމީހާ (ކުދިބޭކަލުން) އަވަސްއަވަހަށް ބޭރަށް ނުކުމެ ބަލައިލި އިރު ގޯތިތެރޭގައި ހުރި ވަޅުމަތީ އޮތް ދާނީގެ ދަނޑިމައްޗަށް ފުންމައިގެން ގޮސް ބޮޑުތުން މަނިކުފާނު ޖެހެނީއެވެ. އޭނާ ހީކޮށްގެން ހުރީ މަނިކުފާނު ވެއްޓޭނީ ވަޅުތެރެއަށް ކަމަށެވެ. ވީމާ، އަޑަށް ލެވުހާ ބާރެއްލާފައި ބޮޑުތުން މަނިކުފާނު ވަޅަށް ފުންމާލައިފިއޭ ގޮވާލައިފިއެވެ. މި އަޑަށް ރަދުންނާއި ގަނޑުވަރު ތެރޭ ތިބި އެންމެން ނުކުމެ ބެލިއިރު ވަޅުމަތީގައި އޮތް ދާނީގެ ދަނޑި 3 ބުރިއަށް ބިންދާލައިފައި ވަޅުގެ އަނެއް ފަރާތަށް ގޮސް ބިންމައްޗަށް މަނިކުފާނު ތިރިވަނީއެވެ. އަދި ލަހެއް ނުވެ ކައިރީގައި އޮތް 5 މުށު ބޮޑު ބަޑިއެއްގެ ފުލުގައި ފައިކުރުކޮށްފައި ޖެހިޖެހީނުން ބަޑީގެ ދެ ދިގުމިނަށް ކުރިއަށް ދުއްވާލާފައި ފަސް އެނބުރި ބަލާވެސް ނުލާ ބޮޑު ތުންމަނިކުފާނު ގަނޑުވަރުން ނުކުންނަވައިގެން ދުރުވީއެވެ.
ރަސްގެފާނާއި އެ ހާޒިރުގައި ތިބި އެންމެންނަށް ބުނެވުނެވެ. ނޫނެކެވެ. ދިވެހިރާއްޖޭގައި ވެސް ބާރުގަދަ ހިތްވަރުހުރި ދަރިން އެބަތިއްބެވެ. އެއީ ވަކިން ބޭރުބަޔަކަށް އޮތްކަމެއް ނޫނެވެ. ބޮޑުތުން މަނިނކުފާނުން ނިޔަވަންދެން ހުންނެވީ އިހަވަންދޫގައެވެ. ފަސްދާނު ލެވިފައިވަނީ އިހަވަންދޫ އާޘާރީ މިސްކިތުގެ އުތުރު ފަރާތުގައެވެ. އިބުރާހިމު މަނިކުފާނު ވަޒަންވެރިވެ އުޅުއްވިކަމަށް ވަނީ ތިލަދުންމަތީ ކެލާގައެވެ. އާމިނާފާނު އުތީމު ޙަސަން ޚަތީބު ތަކުރުފާނާ ކައިވެނި ކުރެއްވައިގެން އުޅުއްވީ އުތީމުގައެވެ. މިއީ މުޙައްމަދު ތަކުރުފާނުގެ މަންމާފުޅެވެ. އާމިނާފާނުގެ ނަން އެތައް ގޮތަކަށް ކިޔައި އުޅެތެވެ. ކޮންމެއަކަސް މި ޙަޤީޤަތެއް ކަމުގެ އަސަރު މީގެ ކުރިން އިހަވަންދޫ އާޘާރީ މިސްކިތުގެ ގަބުރުސްތާނުގައި ޖަހާފައި ހުރި ގާތަކުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހިތާމައަކީ މިއީ ތެދު ޙަޤީޤަތެއްކަން ފުރިހަމައަށް ސާބިތުކޮށް ދެވެން ނެތުމާއި މިކަމާމެދު އެއްވެސް ފަރާތަކުން މިހާތަނަށް އަޅާ ނުލެވި އޮތްކަމެވެ.



  

No comments:

Post a Comment