Sunday, October 13, 2013

ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާއިދު



`
ދިވެހިބަހުގެ އެކެޑަމީ
މާލެ،
ދިވެހިރާއްޖެ


މި ގަވާއިދާމެދު...
ލަފުޒު ވަކިކޮށް ލިޔުމުގެ ރަސްމީ ގަވާއިދެއް ވުޖޫދުވީއެވެ. މިކަމަށް ޓަކައި އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. ލަފުޒު ވަކިކުރުމުގެ މައްޗަށް އުޞޫލެއް އެންމެ ފުރަތަމަ ހެއްދެވީ 1 އެޕްރީލް 1986 ވަނަ އަހަރު، ދިވެހިބަހާއި ތާރީޚށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުންނެވެ. އެއީ "ބަސްބަސް ވަކިކޮށް ލިޔުން" މި ނަމުގައި އެ މަރުކަޒުގެ ބަސް ކޮމިޓީން ނިންމެވި ނިންމެވުމެކެވެ. އެ އުޞޫލު ވަނީ ޢާއްމުކޮށް އިޢުލާންކުރައްވައިފައެވެ. އޭގެ ފަހުން 24 އޮގަސްޓް 2005 ވަނަ އަހަރުގައި އެ އުޞޫލު އިޞްލާޙުކުރެއްވުމުގެ މަސައްކަތްތަކެއް ވެސް ވަނީ އެ މަރުކަޒުން ކުރައްވައިފައެވެ.

ލަފުޒު ވަކިކޮށް ލިޔުމުގެ މި ގަވާއިދަކީ، މީގެ ކުރީން ޤައުމީ މަރުކަޒުން ހެއްދެވި އުޞޫލުގައި އެކި ފަހަރު މަތިން ކަނޑައަޅުއްވައިފައި ހުރި ކަންކަން އިތުރަށް ދިރާސާކުރުމަށް ފަހު ލަފުޒު ވަކިކޮށް ލިޔުމުގެ އައު ގަވާއިދެއް އެކަށައެޅުމަށް މި އެކެޑަމީން އެކުލަވައިލި ޚާއްޞަ ކޮމެޓީއަކުން ނިންމި ހަމަތަކުގެ މައްޗަށް މި އެކެޑަމީގެ ބަސް ކޮމިޓީން ދެއްވި ލަފާގެ މަތިން ފާސްކޮށް ނިންމި ގަވާއިދެވެ. އެހެންކަމުން، މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް އިޚްލާސްތެރިކަމާ އެކު ޝުކުރުދަންނަވަމެވެ. ވީމާ، އަޅުގަނޑުގެ އިޚްލާސްތެރި ދެންނެވުމަކީ މި ގަވާއިދުގައި ހިމެނޭ ހަމަތަކާއެއް ގޮތަށް ދިވެހިބަހުން ލިޔުމަށް ހުރިހައި ފަރާތަކުން ސަމާލުކަންދެވުމެވެ.
29 ޝަޢުބާން 1434
8 ޖުލައި   2013
އަސްރަފް އަލީ
ދިވެހިބަހުގެ އެކަޑަމީގެ ރައީސް




ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
ތަޢާރަފު
ދިވެހިބަހުން ލިޔުމުގައި ލަފުޒުތައް ވަކިކޮށް ލިޔުމަކީ ޖުމުލައިގެ މާނަ ދޭހަވާން ފަސޭހަކޮށްދޭ ކަމެކެވެ. އަދި މިއީ ލިޔެފައި ހުންނަ ލިޔުން ކިޔާން ފަސޭހަވާ ކަމެއް ވެސް މެއެވެ. ތިރީގައި މި ވަނީ ލަފުޒުތައް ވަކިކޮށް ލިޔުމާ ބެހޭ ގޮތުން ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅައިފައިވާ ގަވާއިދެވެ.
1.      ދިވެހިބަސް ބެހިފައިވާ މައިގަނޑު ބައިތަކުގެ ތެރެއިން އަކުރު ފިޔަވައި އެހެން ބައިތައް ކޮންމެ ހާލަތެއްގައި ވެސް ވަކީން ލިޔުން.
މިސާލު: ރީތި ލިޔުމަކީ ލޮލުގެ މިޔުޒިކެވެ.
2.      އަކުރުތަކުގެ ތެރެއިން އެއްވެސް ހާލަތެއްގައި ލަފުޒުތަކާ މެހޭ އަކުރެއް ނަމަ ލިޔާނީ އެ އަކުތެއް މެހޭ ލަފުޒަކާ ވަކި ނުކޮށެވެ.
-          ދިވެހިބަހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނޭ އަކުރުތަކުގެ ތެރެއިން ވަކީން ލިޔާނީ އެއްވެސް ހާލަތެއްގައި ލަފުޒަކާ ނުމެހޭ އަކުރުތަކެވެ. ލަފުޒަކާ މެހުމޭ ބުނެވޭނީ ލަފުޒަކާ އަކުރެއް ގުޅޭ އިރު، ލަފުޒުގެ ފަހަތަށް ބަދަލުއައުމާއެކު ދެ ލަފުޒު އެއް ލަފުޒަކަށް ބަދަލުވެގެން ދިޔުމެވެ.
މިސާލު: އޭނާ ވެސް ("ވެސް" މިއީ މެހޭ އަކުރެއް ނޫން)
      އޭނާއަށް ޓަކައި ("އަށް" މިއީ މެހޭ އަކުރެއް)
      އޭނާއާ އެކު ("އާ" މިއީ މެހޭ އަކުރެއް)
3.      ގިނަކުރުމުގެ އަކުރުކަމުގައިވާ "ތައް"، "މެން"، "ފަހަރު". "އިން"، "ން" މި އަކުރުތައް ގިނަކުރާ ލަފުޒު ގުޅުވައިގެން ލިޔުން.
މިސާލު:    ފޮތްތައް              ގަލަންތައް                 މޭޒުތައް
         އަހަރުމެން            މަންމަމެން                 ބައްޕަމެން
         ދޯނިފަހަރު            ބޯޓުފަހަރު                  އޮޑިފަހަރު
         މައިން               ވެރީން                   ސިފައިން
         މުދިމުން             މުދައްރިސުން                ކާތިބުން
4.      ލަފުޒެއް ތަކުރާރުކޮށް ލިޔާ އެ ދެ ލަފުޒު ގުޅުވައިގެން ލިޔުން.
ހ. ގިނަކުރުމުގެ ގޮތުން ކުރާ ތަކުރާރު
  މިސާލު: ގަސްގަސް
        ރުއްރުއް
        އަޑުއަޑު
ށ. ލަފުޒު ތަކުރާރުވެފައި ހުންނަ ނަންއިތުރު
 މިސާލު: ރީތިރީތި
       ލޯބިލޯބި
       ދިގުދިގު
ނ. ލަފުޒު ތަކުރާރުވެފައި ހުންނަ ކަންއިތުރު
     މިސާލު: ބާރުބާރަށް      އަވަސްއަވަހަށް      ލަސްލަހުން
ރ. ފަހަތައް "މުން: މި އަކުރު އަންނަ ކަންއިތުރުގެ ތަކުރާރު
     މިސާލު: ދުވަމުންދުވަމުން       ނަށަމުންނަށަމުން
ބ. ނިމިނިމުނުކަމުގެ ތަކުރާރު
     މިސާލު: އިވިއިވި       ކައިކައި
           ބުނެބުނެ       ރޮއިރޮއި
5.      ނަމެއް އެކަހެރި ކުރުމަށް ނަމުގެ ފަހަތަށް އިތުރުކުރާ "އެއް" މި އަކުރު ނަމާ ވަކި ނުކޮށް ލިޔުން.
މިސާލު: ގޮނޑި – ގޮނޑިއެއް
      މޭޒު – މޭޒެއް
      ފޮތް – ފޮތެއް


6.      އިޝާރާތުގެ ނަން ކަމުގައިވާ "އެ"، "މި"، "ތި"، "ތިޔަ" ފަދަ ނަން ވަކީން ލިޔުން.
މިސާލު: އެ މީހާ
      ތި ފޮތް
      މި ފިހާރަ
7.      "ހަމަބަސް" ލިޔާއިރު ދެ ލަފުޒު އެކުގައި ލިޔުން
މިސާލު: ގޮތެއްފޮތެއް       ތަނެއްދޮރެއް
      އާޑެއްފާޑެއް       ލަކުޑިފަކުޑި
8.      "އިދިބަސް" ލިޔާ އިރު ދެ ލަފުޒު އެކުގައި ލިޔުން
މިސާލު:   ވާނުވާ           އުޅޭނޫޅޭ
       ހިނގާނުހިނގާ      ހެދޭނެހެދޭ
9.      މީހަކަށް ނުވަތަ އެއްޗަކަށް ނިންބަތްކުރުމުގެ އަކުރު ކަމުގައިވާ "ގެ" އެ ނިސްބަތްކުރާ ފަރާތާ ގުޅުވައިގެން ލިޔުން
 މިސާލު: ފޮތުގެ ގަނޑެއް      ހިތުގެ ވިންދު
       ދޫނިގެ ފިޔަގަނޑު     ކަނޑުގެ ލޮނުގަނޑު
10.  ޖުމުލަ ފުރިހަމަކޮށްދޭ އަކުރު، "އެވެ" ފަދަ ކުރީގައި އޮންނަ ލަފުޒާ މެހޭ އަކުރުތައް އެ ލަފުޒަކާ ގުޅުވައިގެން ލިޔުން
 މިސާލު: އަންނާނެއެވެ.       ހުނާނާނެއެވެ.
       ރުކެކެވެ.        ދޮށްޓެވެ.
11.  "އަށް" ފަދަ ކުރީގައި އޮންނަ ލަފުޒާ މެހޭ އަކުރުތައް އެ ލަފުޒަކާ ގުޅުވައިގެން ލިޔުން.
      މިސާލު: ބަދިގެއަށް        ގެއަށް         ކޯޓަރިއަށް
            ބޭރަށް          ދޯންޏަށް        އިތުރަށް
12.  ކަންއިތުރު ހެދުމަށް ޓަކައި އިތުރުކުރެވޭ "މުން""، "ގެން"، "ފައި" މި އަކުރުތައް ކަމާ ގުޅުވައިގެން ލިޔުން،
މިސާލު: ބަލަމުން           ދުވަމުން
      ނަގައިގެން         ގޮވައިގެން
      ހިނގައިފައި        ދުވެފައި

13.  "އިން"، "އަކީ"، "އަކު" ފަދަ އަކުރުތައް އޭގެ ކުރީގައި އޮންނަ ލަފުޒާ ގުޅުވައިގެން ލިޔުން
މިސާލު: ގެއިން        ރަށުން          ދުރުން
      އޭނާއަކީ      އެ ގެއަކީ         ބުޅަލަކީ
      މީހަކު        ފަހަރަކު         އަދަކު މާދަމާއަކު
14.  ނަފީގެ އަކުރުތައް ނަފީ ކުރެވޭ ލަފުޒާ ވަކި ނުކޮށް ލިޔުން
މިސާލު: ރަނގަޅު – ނުރަނގަޅު      ބާއްޖަ - އަބާއްޖަ
      ނަސީބު – ބަދުނަސީބު      މުސްލިމުން – ޣައިރުމުސްލިމުން
      ކާމިޔާބު – ނާކާމިޔާބު      އިންސާނީ – ލާއިންސާނީ
      ދުވުން – ނުދުވުން        ކެއުން -  ނުކެއުން
      ދުވުން – ނުދުވުން         ކުޅުން  - ނުކުޅުން
      ހަދާނެ – ނަހަދާނެ
15.  ސުވާލުގެ އަކުރުތައް ކަމުގައިވާ "ތަ"، "ތޯ"، "ހޭ"، މި އަކުރުތައް އޭގެ ކުރިއަށް އަންނަ ލަފުޒާ ގުޅުވައިގެން ލިޔުން
މިސާލު: ކިހިނެއްތަ؟       ކިހިނެއްތޯ؟
     ކާކުހޭ؟          އަންނާނަންހޭ؟
16.  އާނ ބަސް ބުނުމުގެ ގޮތުންނާއި ބަސް ގަދަކުރުމުގެ ގޮތުންނާއި ބަސް ގަދަކުރުމުގެ ގޮތުން ބޭނުން ކުރާ "ދޯ"، "އުތަ"، "ތަ"، ފަދަ އަކުރުތައް އޭގެ ކުރިއަށް އަންނަ ލަފުޒާ ވަކީން ލިޔުން
   މިސާލު: އަންނާނަން ދޯ؟
         އެހެން ބުނިން އުތަ؟
         މަ ބުނިން ތާ!
17.  ހ. އަދަދު ލިޔާ އިރު އަދަދު ކުރެވޭ ނަމާ ވަކީން އަދަދު ލިޔުން
  މިސާލު: ދެ ކުދިން       ތިން ކުދިން     ފަސް މީހުން

ށ. ހިސާބު އަދަދެއް ލިޔާ އިރު ލިޔާނީ ކޮންމެ އަދަދެއް ވަކީންނެވެ.
މިސާލު: ފަސް ސަތޭކަ
      ހަތަރު ހާސް
      އެއް ލައްކަ ފަންސާސް ހަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ
ނ. ވަނަ ބަޔާންކުރާ އަދަދު ލިޔާ އިރު އަދަދުގެ ވަނައާ ގުޅުވައިގެން ލިޔުން
   މިސާލު:    އެއްވަނަ      ފަސްވަނަ      ދިހަވަނަ      ބާރަވަނަ      ސަތޭކަވަނަ

18.  އެންމެ މާތް ދަރަޖައިގެ ގޮތަށް ނަން ބޭނުންކުރާ އިރު ބޭނުން ކުރާ "ފުޅު"، "ކޮޅު"، "ފޮދު" އެ ނަމާ ގުޅުވައިގެން ލިޔުން
މިސާލު: ވިސްނުންފުޅު       ލޯފުޅު
      ގަމީސްކޮޅު        ސައިފޮދު

19.  މިންވަރެއް ދޭހަކުރުމަށް ބޭނުންކުރާ "ކޮޅު"، "ފޮދު"، "ގަނޑު" އޭގެ ކުރިއަށް އަންނަ ނަމާ ގުޅުވައިގެން ލިޔުން
މިސާލު: ފެންފޮދު     ބަތްކޮޅު     ހިލަގަނޑު
1                       ޖުލައި 2013

No comments:

Post a Comment