ދިވެހިރާއްޖެގެ އަތޮޅުތަކާއި އަތޮޅުތަކުގައި ހިމެނޭ ކޮންމެ ރަށަކީވެސް އެވޭލާ
ޒަމާނުން ފެށި، މިވޭލާހަމައަށް ވާޞިލުވިއިރު ބޮޑެތި
ބަދަލުތަކެއް ދެކެފައިވާ ރަށްރަށްކަމުގައި ބެލެވެ އެވެ. އެހެނީ ދިވެހިރާއްޖޭގެ
ކޮންމެ ފަސްގަނޑެއްގެ ދަށުގައިވެސް އެތަކެއް ތާރީޚީ މަޢުލޫމާތުތަކެއް ފޮރުވިފައި
ވެއެވެ. ރާއްޖޭގެ ފަސްގަނޑުގެ އެންމެ އެތެރެ ޞަތަޙައިން ފެށިގެން ރަށްރަށުގެ
މަލަމަތިން ފެންނަ ގަސްރުކުގެ އެންމެ ކުރިން ތޮޅިލާ ފަތްފަންތަކާއި ހަމައަށް
ދިރާސާކުރެވިއްޖެ ނަމަ މިކަން އިތުރަށް ހާމަވާނެ އެވެ. ރަށްރަށުގެ އެތޭރޭ
ޞަތަޙަތައް ދިރާސާ ކުރެވިއްޖެ ނަމަ ރާއްޖޭގެ ރަށްރަށް އުފެދިފައިވާ ދުވަސްވަރާއި
ރަށްރަށުގެ އުމުރު ޔަޤީންކުރެވި ރާއްޖޭގެ ދޮށިކަމާއިމެދު އުފެދިފައިވާ
ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ލިބިދާނެ އެވެ. ހަމައެހެންމެ، ރަށްރަށުގެ އެއްގަމާއި
ރަށުތެރެއިން ހެދި މަރުވެ ގޮސްފައިވާ ގަސްހަގާއިގެހި ދިރާސާކޮށް މަޢުލޫމާތުތައް
އެއްތަނަކުން ބަލާލެވޭނެ އިންތިޒާމެއް ޤާއިމު ކުރެވިއްޖެ ނަމަ މިކަމުންވެސް
ޢިބުރަތްތެރި މަޢުލޫމާތުތަކެއް ހާމަވެ ޔަޤީންވެގެން ދާނެކަމަށް ބެލެވެ އެވެ. ހަމައެހެންމެ،
ރާއްޖޭގެ ރަށްރަށާއި އެރަށްރަށުގެ ނަންތަކަށް ވިސްނާ އެނަންތައް އުފެދި
އައިސްފައިވާ އުޞޫލުތަކަށް ބަލާ ދިރާސާކުރެވިއްޖެ ނަމަ އެރަށްރަށުގެ އެންމެ ޤަދީމީ
އަޙްލުވެރިންގެ އެތައް މަޢުލޫމާތެއް ހޯދައި އެކަމުން ބޭނުންތެރި މަޢުލޫމާތުތަކެއް
ހޯދިދާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންމެ ރަށަކީވެސް
ތާރީޚުން ފުރި މުއްސަނދި ވެފައިވާ ރަށެއްގެ ގޮތުގައި ބެލެވެ އެވެ.
ހޯދުންތެރިންނަށް އޮތީ އެކަންތައްތައް ހޯދާ ބަލާ ދިރާސާކޮށް އާއްމުންނާ ހަމައަށް
ވާޞިލުކޮށްދިނުމެވެ.
ރާއްޖޭގެ ރަށްރަށުގެތެރެއިން ތިލަދުންމަތީ އުތުރުބުރީ
އިހަވަންދުއަކީ ދިވެހި ތާރީޚުން ފާހަގަކޮށްލަންޖެހޭ ރަށެކެވެ. އެހެނަސް، މިވީހާ
ތަނަށް އައިއިރު މިރަށާއި ގުޅޭ އެއްވެސް ސައިންޓިފިކު ތަޙްލީލުތަކެއް ނުވަތަ
އެނޫންވެސް އެޒާތުގެ ތަޙްލީލުތަކެއް ކުރެވިފައިވާ ރަށެއް ނޫނެވެ. ނަމަވެސް،
ފެށުނީންސުރެ އަދާހަމައަށް އައިއިރުވެސް ރާއްޖޭގެ ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް
އެރަށަކުން ލިއްބައިދިން ރަށެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ އެވެ. ރާއްޖޭގެ
ވަޒަންވެރިންގެ އަސްލުހޯދުމަށް ކުރެވޭ މަސައްކަތްތަކުގައިވެސް މިރަށް
އިޙްމާލުކުރެވޭކަށް ނެތެވެ. ދިވެހިބަހުގެ އަސްލު ހޯދުމަށް ނުވަތަ ދިވެހި ބަހާއި
އެންމެ ތިމާގެ ބަސްތައްހޯދުމަށް ކުރާ މަސައްކަތްތަކާއި ބަހުގެ އަދަބީ
ގުލްޝަނުންނާއި ޤައުމީ ބަޠަލުންގެ ފަސްމަންޒަރާއި ޤަދީމީ ބިނާތަކާއި ދިވެހިންގެ
މަސައްކަތްތެރިކަމަށް ބެލިނަމަވެސް ކަން އޮތީ މިމަގުންކަން ސާބިޠުކުރެވިދާނެ
ހެކިތައް ފެންނާން އެބަހުއްޓެވެ. އެހެންކަމުން، މި ލިޔުމުގައި
އަލިއަޅުވާލެވިފައިވާނީ މިގޮތުން ތަފާތު ލިޔެކިޔުންތަކުންނާއި އެކިއެކި ފޯކުލޯރ
ތަކުން ތިލަދުންމަތީ އުތުރުބުރީ އިހަވަންދުއާ ގުޅޭގޮތުން ލިބެންހުރި މަޢުލޫމާތު
ތަކަށެވެ.
އިހަވަންދޫގެ ނަން އުފެދިފައިވާ ގޮތް
އިހަވަންދޫގެ ނަން އުފެދިފައިވަނީ ތަފާތު ތިން ލަފުޒެއް އެކުވެގެން ނެވެ.
އެއީ، އިހަވަންދޫ = އިހަ (ihu/iha)
+ ވަން (van) +
ދޫ (dhoo) މި ތިން ލަފުޒު އެކުވެގެންނެވެ.
'އިހަ' ނުވަތަ 'އިހް' ނުވަތަ 'އިހައް' އަދި 'ވަން' މިއީ މުސްކުޅި ތަމަޅަ ބަހުން
އުފެދިފައިވާ ދެލަފުޒެވެ. 'އިހަ' ނުވަތަ 'އިހް' ނުވަތަ 'އިހައް' މިލަފުޒު ތަކުން
ދޭހަކޮށްދޭ މާނަތަކަކީ ފުރަތަމަ، މުސްކުޅި، އިސް އަދި
ކުރި އެވެ. 'ވަން' މިލަފުޒުން ދޭހަވާ މާނަތަކަކީ ވަނަ، ޖަންގަލި، ވަނުން އަދި އެތެރެވުމެވެ. 'ދޫ'
މިއީ މަލަޔާލަމް ބަހުން ނެގިފައި ނުވަތަ އުފެދިފައިވާ ލަފުޒެކެވެ. ދޫގެ މާނައަކީ
ރަށެވެ. އެހެންކަމުން، ތިން ލަފުޒު އެއްކޮށް ލަފުޒީ މާނައެއްގެ ގޮތުގައި 2 މާނަ
އެއްކުރެވޭ ކަމަށް ޕޮނަމްޕަލަމް ރަގުޕަތީ
(2008) ބަޔާންކުރައްވަ އެވެ. ފުރަތަމައީ 'އިހުގެ ނުވަތަ މުސްކުޅި ޖަންލީގެ
ރަށްކަމަށާއި ދެވަނަ މާނައަކީ ތަނުގެ ނަގާކިޔާ ސަރަޙައްދުގައި އޮތް ޖަންގަލި
ރަށްކަމަށެވެ. މިގޮތަށް މި މާނަކުރެވޭ ސަބަބަކީ އިހަވަންދުއަކީ ރާއްޖޭގެ އެންމެ
އުތުރުގައި ޤުދުރަތީ ގޮތުން އުފެދިފައިވާ އަތޮޅު ނުވަތަ އިހަވަންދިއްޕޮޅުން އެންމެ
ފުރަތަމަ ވަދެވޭ ރަށަކީ މިއީ ކަމަށްވާތީ ކަމަށެވެ. އިސްވެ ބަޔާންކުރެވުނު
މަޢުލޫމާތުތަކަށް ބުރަވާނަމަ އިހަވަންދޫގެ މާނަކުރެވޭނީ 'ފުރަތަމަ ވަދެވޭ ރަށް'
ކަމުގަ އެވެ.
'އިހަވަންދޫ' މިނަން
އުފެދިފައިވާ ގޮތަށް ބަލާއިރު މި ނަމުގައި ހިމެނޭ ތިން ލަފުޒު ނިސްބަތްވެގެން ދަނީ
ތަމަޅަ ބަހާއި މަލަޔާލަމް ބަހަށެވެ. މަލަޔާލަމް ބަހާއި ތަމަޅަ ބަހަކީ ޑްރެވީޑިއަން އާއިލާގެ
ބަސްބަހެވެ. މިކަމުން ދޭހަވާ އެއްކަމަކީ އެންމެ އިހުގައި އިހަވަންދޫގައި މަލަޔާލަމް
ބަހުންނާއި ތަމަޅަ ބަހުން ވާހަކަދައްކާ ބަޔަކު ވަޒަންވެރި ވެފައިވާކަމެވެ. ސަބަބަކީ
ރާއްޖެގެ ޤަދީމީ ރަށްރަށުގެ ނަންނަމުން އެރަށްރަށުގެ އަހުލުވެރިން ނުވަތަ ފުރަތަމަ
ވަޒަންވެރިންގެ އަސަރުތައް ފެންނަން ހުންނާތީ ކަމަށް މުޙައްމަދު އިބްރާހިމް ލުޠުފީ
(1997) ބަޔާން ކުރައްވަ އެވެ. އެހެންކަމުން، އިހަވަންދޫގެ ފުރަތަމަ ވަޒަންވެރިންނަކީ
މަލަޔާލަމް ބަހާއި ތަމަޅަބަހުން ވާހަކަ ދައްކާ ބައެއްކަމަށް ބެލެވެ އެވެ. އެހެނީ،
ރާއްޖޭގެ ރަށްރަށުގެ ނަންނަމަކީ އެރަށްރަށުގައި އެންމެ ކުރީގެ ވަޒަންވެރިވި މީހުން
ދީފައިވައިވާ ނުވަތަ ކިޔާފައިވާ ނަންނަން ކަމަށް ވާތީ އެވެ (މުޙައްމަދު އިބްރާހިމް
ލުޠުފީ، 1997). ކޮންމެގޮތަކަށް ކަންތައްވީނަވެސް، ޑްރެވީޑިއަން އާއިލާގެ ބަސްތަކަކުން
'އިހަވަންދޫ' މިނަން އުފެދިފައިވުމުން ވަރަށް ގިނަމެސެޖްތަކެއް ދޭހަކުރެވިދާނެ
ކަމަށް ޤަބޫލުކުރެވެ އެވެ.
އިހަވަންދޫގެ ވަޒަންވެރިން
އިހަވަންދޫގެ އެންމެ ފުރަތަމަ
ވަޒަންވެރިންނަކީ ޑްރެވީޑިއަނުން ކަމަށް ބެލެވެ އެވެ. އެއީ، އިހަވަންދޫގެ އިހުގެ
މީހުން ކިޔައި އުޅޭ ފޯކްލޯރތަކުން އެނގޭގޮތުގައި އެންމެ އިހުގައި އިހަވަންދޫގައި
އުޅުނީ ކަޅު ނުވަތަ 'ޒައިޠޫނި' ކުލައިގެ ޖާނު ވަރުގަދަ ބައެއް ކަމަށް ދޭހަވާތީ
އެވެ. މިކަމަށް ހެކިދައްކަވާ މުޙައްމަދު އިބްރާހިމް ލުޠުފީ (1989) ބަޔާންކުރައްވަނީ
އިހަވަންދޫ މީހުންނަކީ ހަށިގަނޑުން ބޮޑު ބިޔަ ބައެއް ކަމަށެވެ. މިސިފަތައް އެންމެ
ވައްތަރުވަނީ ޑްރެވީޑިއަނުންގެ ސިފަތަކާއެވެ. މިކަމަށް
އިޝާރަތްކުރައްވާ ޙަބީބާ ޙުސައިން ޙަބީބު (1996) ބަޔާން ކުރައްވަނީ
"ޑްރެވީޑިއަނުންނަކީ އާއްމުގޮތެއްގައި މެދުމިނުގެ އިސްކޮޅުގެ ބިމަށް ގަދަ
ފާޑަށް ތިބޭބައެކެވެ. އެއީ ކުލަކަޅު
ނުވަތަ އޮޅަޅި ބައެކޭ
ބުނެވޭނެއެވެ. އަރިމަތިން ބަލާއިރު ޑްރެވީޑިއަނުންގެ ނިތްކުރިން ފެށިގެން ބޮލުގެ
ފަހަތުބައި ނުވަތަ ފުއްކިބަ ބޮޑުކޮށް ދައްކަ އެވެ. އެހެންކަމުން، ޑްރެވީޑިއަނުން
ނަކީ ފުއްކިބަ ބޮޑު ބައެއްގެ ގޮތުގައި ބެލެވިދާނެއެވެ" (ސ. 10) އެވެ. ޒަމާނާއި އެކު އެއްޖީލުން އަނެއްޖީލަށް މީހުންގެ
ސިފަތައް ބަދަލުވަމުން އައިސް މިއަދާ ހަމައަށް ވާޞިލުވީއިރުވެސް އިހަވަންދޫގެ
މިހާރުގެ އަޙްލުވެރިންގެ ބޭރުފުށުން ޑްރެވީޑިއަނުންގެ އަސަރުތައް ފެންނަން
ހުންނަކަމަށް ބެލެވެ އެވެ. ނަމަވެސް، މިކަމަކީ ސައިންސްޓިފިކް ތަޙްލީލުތަކަކަށް
ބޭނުން ކަންކަމެވެ.
ރާއްޖޭގެ ޤަދީމީ ވަޒަންވެރިންނާއި އިހަވަންދޫގެ
ޤަދީމީ ވަޒަންވެރިންނާއި ގުޅުންތަކެއް ވާކަމަށް ބެލެވެ އެވެ. މިކަމަށް
ބާރުލިއްބައިދޭ ފޯކްލޯރ އެއް އައްލާމާ އަޙްމަދު ޝިހާބުއްދީނު ލިޔުއްވާފައިވާ
'ކިތާބުލް ފީ އާޘާރި މީދޫ އަލް ޤަދީމިއްޔާ'ގައި ވެއެވެ. މިފޯރކްލޯގައި އަޙްމަދު
ޝިހާބުއްދީން (އަހަރުނެތް) ލިޔުއްވާފައިވަނީ ދިވެހިރާއްޖެއަށް ފުރަތަމަ އައީ، އިންޑަސްވާދީގެ ކޯރެއްކަމަށްވާ ސަރަސްވަތީގެ ކޯރުގެ އައްސޭރިގައި އޮތް "ކާލީބަންގަން" ނަމަކަށް ކިޔުނު ރަށެއްގެ މީހުންކަމަށެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ "ދީވީން"
ގެ ނަމުން ނިސްބަތްވީ ބަޔެއްކަމަށާއި މީލާދީން 4 ވަނަ
ޤަރުނުގައިވެސް، އިޓަލީގެ ރޯމުގެ ލިޔުމެއްގައި،
ދިވެހީންނަށް "ދިވީން" މިފަދައިން ލިޔެފައިވާތީ ފެނިފައިވާކަމަށް
ނަސީމާ މުޙައްމަދު (2004) ބަޔާންކުރައްވަ އެވެ. ދީވީންގެ ހަމުގެ ކުލަ އަކީ "ޒައިޠޫނި"
ކުލަކަމަށާއި އިސްކޮޅުގެ ދިގުމިނަކީ މެދު މިންކަމަށް އަހްމަދު ޝިހާބުއްދީން
(އަހަރުނެތް) ބަޔާންކުރައްވަ އެވެ.
ދީވީން ފުރަތަމަ ވަޒަންވެރިވީ ހައްދުންމަތީގައި ކަމަށާއި، ފަހުން ރާއްޖޭގެ އެހެން ރަށްރަށަށް ދިޔަކަމަށް ބެލެވޭކަމަށާއި ދީވީން އައުމުގެ ދުވަސްތަކެއް ފަހުން ދެންއައީ "ރެދިން" ކިޔުނު ބަޔެއްކަމަށް
އަޙްމަދު ޝިހާބުއްދީން (އަހަރުނެތް) ލިޔުއްވާފައިވެ އެވެ. މިއީވެސް އިންޑިޔާއިން
އައި ބަޔެއް ކަމަށްބުނެވެ އެވެ. މީގެއިތުރުން، އަހްމަދު
ޝިހާބުއްދީން (އަހަރުނެތް) ލިޔުމާ ޙަވާލާދެއްވާ ނަސީމާ މުޙައްމަދު (2004)
ބަޔާންކުރައްވާފައިވަނީ މިބައިމީހުން ބޮޑެތި ޢިމާރާތްތައް ހަދައި އުޅުނު ކަމަށާއި،
ކަނޑުމަތީގައި ވަރަށް ބާރަށް ދަތުރުކޮށް އުޅުނު ކަމަށް ކިޔައިއުޅޭ
ކަމަށެވެ. އެހެންކަމުން، މިރެދިން ރާއްޖެގައި ފުރަތަމަ ވަޒަންވެރިވިތަނެއް
ހޯދުމަށް ކުރެވުނު މަސައްކަތާ ޙަވާލާދެއްވާ ތޯހައިދާލް (1986) ބަޔާންކުރައްވަނީ
ރެދިން އެންމެ ފުރަތަމަ މަޑުކުރީ އިހަވަންދޫގައި ކަމަށެވެ. މިކަން އިތުރަށް ތަފްޞީލުކޮށްދެއްވައި
ތޯހައިދާލު (1986) ހާމަކުރައްވާފައިވަނީ "ރެދިންނާއި ގުޅޭގޮތުން ދިވެހިންނަށް
އެނގިހުރި މަޢުލޫމާތެއް ސާފުކުރުމަށް ކުރެވުނު މަސައްކަތުން، އެކި އަތޮޅުތަކުގެ
އަތޮޅުވެރިންނާއި ވަކިވަކިން ބައްދަލުކޮށް ރެދިންނާއި ގުޅޭ ތަފާތު މަޢުލޫމާތުތައް
އެއްކުރެވުނެވެ. އަދި އެންމެ އިތުބާރުކުރެވޭ ވާހަކަތަކެއް ދެއްކެވީ ރ. އަތޮޅު
އަތޮޅުވެރިޔާ އަޙްމަދު ސައިބު އެވެ. އޭނާގެ ވާހަކާގައި އެސަރަޙައްދުގައި (ރ.
އަތޮޅުގައި) ވަރަށް ގިނަ ތަފާތު ވާހަކަތައް ރެދިންނާއި ގުޅޭގޮތުން ކިޔައި
އުޅުނުކަމަށް ބުނެދިނެވެ. އަދި ރެދިން އިހަވަންދޫއިން ދެން އައީ ރ. އަތޮޅު 'ލުނބޯ
ކަނޑު'ން ނިލަންދޫ، މިލަންދޫ އަދި ލަންދުއަށާއި ރާއްޖޭގެ އުތުރުގެ
އެކިސަރަޙައްދަށެވެ" (ޞ. 220).
އެހެންކަމުން، މިރެދިން ރާއްޖޭގައި އެންމެ ފުރަތަމަ
މަޑުކުރީ ނުވަތަ ވަޒަންވެރިވީ އިހަވަންދޫގައި ކަމަށް ބެލވިދާނެ އެވެ. އަދި
މިދަންނަވާ ރެދިންނާއި ޑްރެވީޑިއަނުންގެ ސިފާގައި އެއްގޮތް ކަންތައްތަކެއް
ހުރުމުން ބައެއް ލިޔުންތަކުން މި ދެބައި މީހުންނަކީ އެއްބައެއްކަމަށް
ލިޔުއްވާފައިވާތީ ފެންނަ ކަމަށް ނަސީމާ މުޙައްމަދު (2004) ހާމަކުރައްވަ އެވެ.
މިއީވެސް އިތުރަށް ތަޙްލީލުކުރަން ޖެހިފައިވާ ކަމެއްކަމުގައި ބެލެވޭ ކަމެކެވެ.
(ނުނިމޭ)
ޙަވާލާ
ވޮނަމްޕަލަމް ރަގުޕަތީ. (2008). އޭން އެޓިމޮލޮޖިކަލް
ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލަންޑް ނޭމްސް. މާލެ: ނެޝަނަލް ސެންޓަރ ފޯރ
ލިންގުއިސްޓިކް އެންޑް ހިސްޓޮރިކަލް ރިސަޗރޗް ސެންޓަރ.
މުޙައްމަދު އިބްރާހިމް ލުޠުފީ. (1997).
ރާއްޖޭގެ ރަށްރަށުގެ ނަންނަން. ފަތްތޫރަ،221 ،ޞ. 20 - 21.
ނަސީމާ މުޙައްމަދު.
(2004). ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުން. ފަންވަތް. ނެގީ
ސެޕްޓެމްބަރ 3، 2009
http://www.fanvai.info/dhivehi/thaareekh/860-2009-06-20-10-30-56.html ން.
ޙަބީބާ ޙުސައިން ޙަބީބު. (1996).
ޑްރެވީޑިއަނުން. ފަތްތޫރަ،211 (13)، ޞ. 9-11.
އަޙްމަދު ޝިހާބުއްދީން.
(އަހަރުނެތް). މީދޫ ހިސްޓްރީ- މީދޫ އެންޓިކިއުޓީ. މޯލްޑިވްސް ރޯޔަލް ފެމިލީ.
ނެގީ
ތޯހައިދާލް.
(1986). ދަ މޯލްޑިވް މިސްޓްރީ. ލަންޑަން: ޖޯޖް އެލަން އެންޑް އަންވިން.
No comments:
Post a Comment