Wednesday, April 10, 2013

ކާމިޔާބު މުދައްރިސުންގެ ސިފަތައް ނުފެންނަނީ




ފަތުޙުﷲ އަޙްމަދު  ރަޝީދު/ މޫރިތިގެ
 މުދައްރިސުންގެ ޒިންމާއަކީ ހުރިހާ ދަރިވަރުން ޝާމިލުކޮށް ކިޔަވައިދީ، އުނގަނައިދީ، ފުރިހަމަ ގޮތުގައި ތަރުބިއްޔަތުކުރުމެވެ. މިކަން ކުޅައުމުގައި މުދައްރިސުން ވާންޖެހެނީ ހަރުދަނާ ބަޔަކަށެވެ. ޤާބިލު ބަޔަކަށެވެ. ދިވެހިރާއްޖޭގައި ކިޔަވައިދޭ ސުކޫލު މަދަރުސާތަކުގައި ހަރަކާތްތެރިވާ ގިނަ މުދައްރިސުންނަކީ ހުނަރުގެ ގޮތުންނާއި ފަންނީ ގޮތުން މަތީ ސަނަދުތައް ޚާޞިލުކޮށްފައިވާ މުދައްރިސުންކަން ކަމާބެހޭ ވުޒާރާތަކުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މި ފެންވަރުގެ މުދައްރިސުން މަދަރުސާތަކުގައި ތިބި ހިނދު، ކާމިޔާބު މުދައްރިސެއްގެ ސިފަތައް ނުފެންނަނީ ތަފާތު ސަބަބުތަކެއް ހުރީމަ އެވެ. އެއީ، މުދައްރިސުންގެ ފަރުދީ ފެންވަރުން ފެށިގެން، ޤައުމީ ލެވެލްގައި ހުރި ކަންތައްތަކެއްގެ ސަބަބުންނެވެ. އެހެންކަމުން، މި މަޒުމޫނުގައި އަލިއަޅުވާލާފައިވާނީ ކާމިޔާބު މުދައްރިސެއްގައި ހުންނަންވީ ސިފަތައް ނެތުމަށް މެދުވެރިވާ ސަބަބުތަކާއި އެކަމަށް ރާއްޖޭގައި ހުރި ގޮންޖެހުންތަކަށެވެ.

ކާމިޔާބު މުދައްރިސެއް ނަމަ އެމުދައްރިސެއް "ދަރިވަރުންގެ ބޮލަށް ވަދެ، އެމީހުންގެ ހިތް ފަތަޙަ ކުރާނެ" ކަމަށް ވޯލްކް، އެސް، (2003) ހާމަކުރައްވަ އެވެ. މިކަން ކުޅައުމަށްޓަކައި މައިގަނޑުގޮތެއްގައި ކަންކުރަން ޖެހޭ އުޞޫލާމެދު ޚިޔާލުފާޅުކުރައްވަމުން ހަބަރމަން، އެމް، (1995) ބަޔާންކުރައްވަނީ، ދަރިވަރުންގެ ހިތް އަތުލެވޭނީ މުދައްރިސުން ދަރިވަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދަރިވަރުންނާ މުވާސަލާތު ކުރެވޭ މަގުތައް ތަނަވަސްކޮށްގެންނެވެ. އަޅުގަނޑުމެންގެ ކުލާސް ރޫމުތަކުގައި މުދައްރިސުންނާއި ދަރިވަރުންނާ އޮންނަނީ އެންމެ އެދެވޭ ގުޅުމެއްތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ. ގިނަ މުދައްރިސުންނަށް ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ތަފާތު އުޞޫލުތަކާއި ތަފާތު ނަޒަރިއްޔާތައް އެނގެއެވެ. ނަމަވެސް، އެގޮތްތައް ކުލާހުގައި ބޭނުން ކުރުންމަދުވަނީ ދަރިވަރުންގެ ފަރާތުން އަތުވެދާނެ ކަންކަމަށް ބަލައިފަ އެވެ. ގިނަފަހަރަށް ކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ފިލާވަޅެއް ކުރިއަށް ގެންދާ ނަމަ ކުލާހުގެ އަޑުގަދަވެ، ކުލާހުގެ ހަލަބޮލިކަން އިތުރުވާ ކަމަށް މުދައްރިސުންނަށް ޤަބޫލުކުރެވެ އެވެ. އަދި އެގޮތަށް، ކުލާހެއް ގެންދެވިގެން ކުދިންނަށް އެނގެންބޭނުންވާ މިންވަރު ޚާސިލުވި ކަމާމެދު މުދައްރިސަށް ސުވާލު އުފެއްދެ އެވެ. އެހެންކަމުން، ކުލާސް ކާމިޔާބު ކުޅައުމަށާއި ކިޔަވައިދިނުމުގައި ތަފާތު އުޞޫލުތަކާއި ގޮތްތައް ބޭނުންކުޅައުމަށް ބޭނުންނަމަ އެންމެ ފުރަތަމަ މުދައްރިސާއި ދަރިވަރުންގެ ދެމެދުގައި ހަރުދަނާ ބަދަހި ގުޅުމެއް ޤާއިމުކުރުން މުޙިއްމެވެ.
'ބައެއް' މުދައްރިސުންނަށް ހީވެފައި އޮންނަނީ ކުލާހުގެ އަޑުގަދަވެ ހަލަބޮލި ވުމަކީ ދަރިވަރުން އުނގެނުމާ ދުރަށް ދިއުމުގެ ސިގުނަލެއްކަމަށެވެ. ނަމަވެސް، ކާރް އޭ، ޖޮނާސެން އެޗް، ލިޓް ޒިންގަރ އީ އަދި މަރާ އެމް، (1998) އިޝާރާތްކުރައްވަނީ އިސްވެ ބަޔާންކުރެވުނު ފަދައިން ކުލާއިހުގައި އަޑުގަދަވެ ހަލަބޮލި ވުމަކީ ކުދިން އުނގެނުމާ ދުރަށްދާ ކަމެއްކަމަށް ވިސްނޭނަމަ އެއީ ގޯސް ވިސްނުމެއް ކަމަށެވެ. ދެން އުފެދޭ ސުވާލަކީ މުދައްރިސުންނަށް މިގޮތަށް ވިސްނެނީ ނުވަތަ މިގޮތަށް އިޙްސާސް ކުރެވެނީ ކީއްވެތޯ އުފެދޭ ސުވާލެވެ. ޖަވާބަކީ މުދައްރިސް، ދަރިވަރުންނަށް އިތުބާރު ނުކުރެވުމެވެ. ނުވަތަ މުދައްރިސަށް ދަރިވަރުން ރަނގަޅަށް ދަސްނުވުމެވެ. ކުދިން ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ދެނެ ނުގަނެވުމެވެ. މިކަން މިގޮތަށް ދިމާވަނީ މުދައްރިސާއި ކުދިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވާތީ އެވެ. މިދެންނެވި ގުޅުން ހަރުދަނާ ކުރެވިއްޖެ ނަމަ މުދައްރިސަށް ކުލާސް ކޮންޓްރޯލް ނުކުރެވިގެން އެކަމާ މާޔޫސް ވާކަށް ނުޖެހޭނެ އެވެ. އެހެންވީމަ، ޤާބިލް މުދައްރިސަކަށް ވާން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއްކަމަށް، ޤަބޫލުކުރެވޭނީ މުދައްރިސަކީ ދަރިވަރުންގެ ހިތް އަތުލުމުގެ ޤާބިލުކަން ހޯދުމެވެ.
ދަރިވަރުންނާއި މުދައްރިސުންނާ ދެމެދު ހަރުދާނާ ގުޅުމެއް ޤާއިމުކުރެވުމުން، ދެން ކުރަންޖެހޭ ކަމަކީ ދަރިވަރުންގެ އިޙްސާސްތަކަށް ބިނާކޮށް ފިލާވަޅުތައް ރާވާލުމެވެ. މިސާލަކަށް، މިހާރަކަށް އައިސް ދިވެހި ބަހަކީ ފަޤީރުބަހެއް ކަމަށް ބުނެ ބައެއް ކުދިން ޚިޔާލު ފާޅުކުރެ އެވެ. މަޒުމޫނު ލިޔުމުގެ ފިލާވަޅެއް ކުރިއަށް ގެން ދިއުމަށްޓަކައި، ދަރިވަރުންނަށް ޚިޔާލު ފާޅުކުރުމަށް ފުރުޞަތު ހުޅުވަލެވިދާނެ އެވެ. މިގޮތުން، އެކުދިންގެ ވިސްނުމާ އެއްގޮތަށް، 'ދިވެހި ބަހަކީ ފަގީރު ބަހެއް' ކަމަށް ބުނެ މަޝްވަރާކުރުމަށް ފުރުޞަތު ދެވިދާނެ އެވެ. އަދި ކުދިންގެ ޚިޔާލު ހުރި ނެތް ގޮތް ބެލުމަށްފަހު އެ ފަގީރުކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން ލިސްޓްކުރަން ދިނުމުން އެކަންކަމާމެދު ވިސްނަން މަޖުބޫރު ވާނެ އެވެ. އެއަށްފަހު، ލިސްޓްކުރެވުނު ކަންކަމަށް ބިނާކޮށް މަޒުމޫނެއް ލިޔުމަށް ހަވާލު ކުރެވިއްޖެ ނަމަ ކުދިންގެ ޚިޔާލުތަކާ އެއްގޮތަށް ފިލާވަޅު ގެންދެވުނީ އެވެ. ކުދިންގެ އިޙްސާސްތައް ބޭރުކުރާނެ ފުރުޞަތުވެސް ފަހިވެގެން ދިޔައީ އެވެ. މިގޮތަށް ކަންކުޅައުމުން، ދަރިވަރުންގެ އިހްސާސްތަކަށް ކަމޭހިތުމުގެ އިތުރުން، މުދައްރިސް ބޭނުންވާ ނަތީޖާ ނެރުމަށް ފުރުޞަތު ފަހިވެގެން ދާނެ އެވެ (މޭރިއަ ޓީ، މުސްތަފާ އެސް، 2009). އަޅުގަނޑުމެންގެ ކުލާސްތަކުގައި މިފަދައިން ކަންކުރެވޭ މިންވަރު މަދީ އެވެ.
އެޑްލްމަން އަދި ޓޭލަރ (2002) ހާމާކުރައްވާ ގޮތުގައި މަދަރުސާއެއްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 12 އިންސައްތަ އާއި 22 އިންސައްތައާ ދެމެދުގެ ދަރިވަރުންނަކީ ސިކުނޑީގެ ނުކުޅެދުންތެރިކަމާއި، ޖަޒުބާތީ ނުކުޅެދުންތެރިކަމާއި، އަޙްލާޤީ ނުކުޅެދުންތެރިކަމުގެ ސަބަބުން ސިއްޙީ އަދި ސިކުނޑީގެ އެކިއެކި މައްސަލަތައް ކުރިމަތިވެ އެކަމުގެ އުނދަގޫ ތަހައްމަލު ކުރަންޖެހިފައިވާ ދަރިވަރުން ކަމަށެވެ. ދަ އެސޯސިއޭޝަން އޮފް ސްކޫލު ކައުންސެލަރސްގައިވާ ގޮތުގައި ކޮންމެ ފަސް ދަރިވަރުންގެ ތެރެއިން 1 ދަރިވަރަކީ ޚާއްޞަ އެހީ ނުވަތަ ހާއްސަ ސަމާލުކަމަށް ބޭނުންވެ އެކަމަށް ފަރުވާ ހޯދަން ޖެހޭ ހާލަތުގައިވާ ދަރިވަރުންނެވެ (ޑަން އަދި ބަރކަރ، 2002). މިއީ، ދިވެހި ރާއްޖޭގައި އަދި މިހާތަނަން ފުޅާ ދާއިރާއެއްގައި ދިރާސާކުރެވިފައި ނުވާ ދާއިރާ އެއްކަމުން، މި ރާއްޖޭގައި މިފަދަ ދަރިވަރުން ތިބި ނިސްބަތް ކަނޑައެޅިގެން ބުނެދޭން ދައްޗެވެ. ކުލާސް ރޫމުތަކުން ފެންނަ ބައެއް ދަރިވަރުންގެ އުޅުމާއި ސުލޫކަށް ބަލާއިރު، ރާއްޖޭގައި ވެސް މި ނިސްބަތް ވަކިން މަދެއް ނުވާނެ އެވެ. މިފަދަ ދަރިވަރުންނަށް ކިޔަވައިދިނުމާއި އުނގަނައިދިނުމަށް ބޭނުންކުރަން ޖެހެނީ ތަފާތު އުޞޫލުތަކެކެވެ. ތަފާތު ގޮތްތަކެކެވެ. ނަމަވެސް، ދިވެހިރާއްޖޭގައި މުދައްރިސުން ތަމުރީނުކުރާ މަރުކަޒުތަކުން މުދައްރިސުން ތަމުރީނު ކުރާއިރު، މި ފަދަ ކަންކަމަށް މިހައިތަނަށް ދެވިފައިވަނީ ވަރަށް ކުޑަ ސަމާލުކަމެކެވެ. މިފަދަ ދަރިވަރުންނަށް މުވާސަލާތްކުރާނެ ގޮތުގެ މައުލޫމާތާއި، އެފަދަ ކުދިންނަށް ކިޔަވައިދޭނެ ގޮތާއި އެފަދަ ދަރިވަރުން ދެނެގަންނާނެ ގޮތުގެ މާގިނަ މައުލޫމާތުތައްދީ އެކަމަށް މުދައްރިސުން އަހުލުވެރި ނުކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން، ތަފާތު އުނގެނުމުގެ ނަޒަރިއްޔާތަކަށް މުދައްރިސުން އަހުލުވެރިވީ ނަމަވެސް، އެ ގޮތްތައް ތަންފީޒުކުރުމަށް ކުލާހަށްދާއިރު، އިސްވެ ބަޔާންކުރެވުނު ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ސަބަބުން އެކަންކަން ކާމިޔާބު ނުވެ ފިލާވަޅު ރޭވިގޮތް ދޫކޮށްލާ ތަފާތު އުނގެނުމުގެ ގޮތްތައް، ބޭނުންކުރަން ކުރާ މަސައްކަތްތަކަށް މާޔޫސްކަން ލިބެ އެވެ.
ކުރެވިފައިވާ ދިރާސާތަކަށް ބުރަވެ ބްރޯފީ (1996) އަދި ބްރޯފީ & އެމްސީ ސެލިން (1992) ހާމަކުރައްވާ ގޮތުގައި އެންމެ ކާމިޔާބު މުދައްރިސުންނަކީ ކުލާހުގެ ހުރިހާ ދަރިވަރުންނަކީ ޤާބިލުކަމުގެ ގޮތުން ބަލައި އެކި ކުދިންނަށް އެކި ގޮތްގޮތަށް ސަމާލުކަންދޭ މުދައްރިސުން ކަމަށެވެ. މިގޮތުން، މޮޅެތި ދަރިވަރުންނަށް މަތީ ނަޒަރަކުން ބަލައި، މެދުފަންތީގެ ދަރިވަރުންނަށް މެންފަތީގެ ނަޒަރުން ބަލައި، އެންމެ ދަށު ފަންތީގެ ދަރިވަރުންނަށް އެކުދިންގެ ބޭނުންތަކާ ގުޅޭގޮތުން ވިސްނާ އެ ދަރިވަރުންނާ ގުޅޭގޮތަށް އަޅައިލާ ކިޔަވައިދިނުމަށް ސަމާލުވެ އެ އުޞޫލުން ކިޔަވައިދޭ މުދައްރިސަކީ އެންމެ އުފެއްދުންތެރި މުދައްރިސެވެ (މަރްޒަނޯ އާރު، ޖޭ އަދި މަރްޒޯނާ ޖޭ އެސް، 2003). އަޅުގަނޑުމެންގެ ކުލާސްރޫމުތަކުގައި މުދައްރިސުންނަށް މި ފަދައިން ޢަމަލުކުރެވެނީ މަދު ފަހަރެއްގަ އެވެ. މިކަމަށް ބޮޑެތި ގޮންޖެހުންތަކެއްވެސް ހުރުމުގެ ސަބަބުންނެވެ. ވަގުތުގެ ދަތިތަކާ، ވަސީލަތްތަކާއި، ތަނާއި މާހައުލުގެ ދަތިތަކާއި އެއްބާރުލުން ފުރިހަމައަށް ނުލިބޭ ނުލިބުން މިއީ މިކަންކަން ކާމިޔާބު ކުރުމަށް ހުރި ބޮޑެތި ގޮންޖެހުންތަކެވެ.
ކިޔަވާ ކުދިންގެ އުމުރުގެ އެކި ހިސާބުގައި ތަފާތު އެކިކަހަލަ ނަފުސާނީ އަދި އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ކިޔެވުމުގެ މާހައުލުން އެކަހެރިވެވޭ ތަން އާދެ އެވެ. މިގޮތުން، ކުރެވިފައިވާ ދިރާސަތަކުން ނުކުތް ބުރުހާނުތަކަށް ބަލާއިރު، ދަރިވަރުން ފުރާވަރަށް އަޅައިގެން އަންނަހިނދު، ނުވަތަ އެ އުމުރު، (އާއްމުކޮށް ގްރޭޑް 7ގައި އުޅޭއިރު)ކިޔެވުން ދަށަށް ދާކަމަށް ދައްކަ އެވެ (ކާނިއެޖް ކައުންސިލް އޮން އެޑްލެސެންޓް ޑިވެލޮޕްމަންޓް، 1995). މި ދަނޑިވަޅުގައި ދަރިވަރުންނަށް އެންމެ ބޭނުންވާނީ އެހީތެރިކަމާއި އޯގާތެރިކަމުގެ އިތުރުން، މަގުދައްކުވައިދީ ވިސްނައިދޭނެ ރަހުމަތްތެރިންތަކެކެވެ. އެކުވެރި މުދައްރިސެކެވެ. ކިޔެވުމަށް ފޫހިވެ، އަމިއްލަ ނަފުސަން އަޅައިނުލެވި ޝައުޤުވެރިކަން ގެއްލިފައިވާ ދަރިވަރުން ހަމަ މަގަށް އެޅުވުމަށް އެންމެ ބޮޑު އެހީއަކަށް މުދައްރިސަކަށް ކޮށްދެވޭނެ ކަމަކީ ކުލާހުގެ ޤަވާއިދުތައް ހަރުދަނާވުން ކަމަށް އެންޑަރމަން މައެހަރ & މިޖްލޭ (1999) ހާމަކުރައްވަ އެވެ. ދިވެހިރާއްޖޭގެ ގިނަ މަދަރުސާތަކަށް ބަލާއިރު މިދެންނެވި އުމުރުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ގިނައިން ތިބެނީ ބިދޭސީ މުދައްރިސުންނެވެ. އެބޭފުޅުންނަކީ ގިނަފަހަރަށް، ވަޒީފާ އަދާކޮށްލުމުގެ ނިޔަތުގައި ރާއްޖެ އައިސް ތިބޭ ބައެކެވެ. ނަތީޖާއަކަށް ވަނީ ކުދިންނަށް އަންނަ ބަދަލުތައް ފާހަގަ ކުރެވުނަސް އެކަމަށް އިޙްނމާލު ވެވުމެވެ. އަޅާ ނުލުމެވެ. މާބޮޑުކަމަކަށް ނުހެދުމެވެ. މިކަމުގެ ސަބަބުން ކުދިންނާ މުދައްރިސްގެ ގުޅުން ހީނަރުވެ އެވެ. އަދި އެކުދިންނަށް ދިމާވެފައިވާ ނަފުސާނީ ނުވަތަ އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ނުލިބި ހަޔާތުގެ ބާކީބައި ފޫހިކަމާއެކު އެއްވެސް އުރަތްޕެއް ނެތް ގޮތަކަށް ވޭތުކޮށްލެވުމެވެ.
ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ޒަމާނީ އުޞޫލުތަކާއި ޒަމާނީ ގޮތްތަކަށް މުދައްރިސުން އަހުލުވެރި ނުވުމަކީ އުނގަނައިދިނުމުގައި އެއް އުޞޫލެއް ބޭނުންކުރުމަށް މެދުވެރިވާ ސަބަބެކެވެ. "ބޯދާ" އުޞޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުން ކުދިންނަށް ވިސްނޭ މިންވަރާއި "ޒަމާނީ" އުޞޫލުތަކަށް ކިޔަވައިދިނުމުން ކުދިންނަށް ވިސްނޭ މިންވަރުގެ ތަފާތުކަމަށް މުދައްރިސުން އަހުލުވެރި ނުވުމަކީ މިކަން މެދުވެރިވުމަށް މެދުވެރިވާ ސަބަބެވެ. އެހެނީ، އުނގަނައިދިނުމުގައި ބޭނުންކުރާ އުޞޫލުތަކުން އުނގަނައިދޭން ބޭނުންވާ މިންވަރު ކުދިންގެ ސިކުނޑިއަށް ދޭހަވަނީ ނުވަތަ ފަހުމުވަނީ އެކި އުޞޫލުތަކުން އެކި މިންވަރަށެވެ. ކުރެވިފައިވާ ދިރާސާތަކަށް ބުރަވެ ބްރޫކްސް ޖޭ އަދި ބްރޫކްސް އެމް (1993) ހާމަކުރައްވަނީ ތަޤްރީރުގެ އެހީގައި ކިޔަވައިދިނުމުން ކުދިންނަށް ފަހްމުވަނީ ތަޤްރީރުގެ 5% ކަމަށާއި، ކިޔުމުގެ ތެރެއިން ފަހުމުވަނީ 10% ކަމަށާއި، އަޑުއެހުމާއި ބެލުމުގެ ހަރަކާތްތަކުން ފަހުމުވަނީ 20% ކަމަށާއި، އެއްޗެއްގެ ނަމޫނާދައްކުވައިގެން ފަހުމުވަނީ 30% ކަމަށާއި، ގުރޫޕު މަޝްވަރާތަކުން 50% ފަހުމުވާއިރު، އަމިއްލައަށް މަސައްކަތްކޮށްގެން 75% ފަހުމުވާކަމަށާއި، އެހެންމީހުންނަށް ކަމެއް ހިނގާގޮތް ކިޔައިދީގެން ނުވަތަ ކިޔަވައިދީގެން 90% ފަހުމު ވާކަމަށެވެ. ވީމާ، މިކަންކަމަށް މުދައްރިސުން ހޭލުންތެރި ކުރުވަން ޖެހެ އެވެ. އަދި ފިލާވަޅުތައް ރާވާއިރު މި އުޞޫލުތައް ބޭނުން ކުރަން ޖެހެ އެވެ. އަޅުގަނޑުމެންގެ މަދަރުސާތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނަށް ކިޔަވައިދިނުމުގައި ބޭނުންކުރާ އުޞޫލުތަކުން ކުދިންނަށް އެނގޭ މިންވަރު ވަޒަން ނުކުރެވޭކަން ފާހަގަކުރެވެ އެވެ. އިސްވެ ބަޔާންކުރެވުނު ފަދަ ޙަރަކާތްތައް ބޭނުންކުރާ މިންވަރު މަދުކަން ފާހަގަކުރެވެ އެވެ.    
ކުލާސްތަކުގައި ކިޔަވައިދިނުމުގެ ތަފާތު އުޞޫލުތައް ބޭނުން ނުކުރަނީ ކީއްވެތޯ ސުވާލުކޮށްލުމުން، ގާތް ރަހްމަތްތެރި މުދައްރިސެއް ދެއްވި ޖަވާބަކީ "މި ދާއިރާއަށް އޮތް އުއްމީދު ގެއްލި މުޅިން ޑީމޯޓިވޭޓް ވީމަ" ކަމަށެވެ. މިގޮތުން، އެހެން ދާއިރާތަކަށްވުރެ މުސާރަ ކުޑަވުމާއި، ފަހަކަށް އައިސް އިތުރުގަޑީ މަސައްކަތްކުރުން ހިލޭސާބަހަށް ކުރާކަމަށް ވުމާއި، މުދައްރިސުން ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރުން މިއީ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. ޚާއްޞަކޮށް މުދައްރިސުން ކޮށްދެއްވާ މަސައްކަތުގެ އަގުވަޒަންކުރުމަށް ތިބޭ ފަރާތްތައް؛ ބެލެނިވެރިންނާއި މަދަރުސާތަކުގެ މެނޭޖްމަންޓާއި ސަރުކާރުގެ ފަރާތުން ރުހުމުގެ ބަހެއް ނުލިބޭ ނުލިބުން އެއީ ޝައުޤުވެރިކަން ގެއްލުމުގެ އަސްލުކަމަށްވެސް ޚިޔާލު ފާޅުކުރެއްވި އެވެ. ޝަޢުޤުވެރިކަން ގެއްލުމުން ދެން ބޭނުންވަނީ އާދައިގެ ގޮތަކަށް "ގަޑި ފުރާލާ" ވަޒީފާ އަދަކޮށްލުމަށެވެ. ވީމާ، ކިޔަވައިދިނުމުގައި ތަފާތު އުޞޫލުތައް ބޭނުންކުރާ މާހައުލެއް އުފައްދަންބޭނުންނަމަ، މުދައްރިސުން މި ދާއިރާއަށް ޝައުޤުވެރިކުރުވުމަށްޓަކައި ތަފާތު އުޞޫލުތަކެއް ބޭނުންކުރަންޖެހެ އެވެ. ކަމަކަށް ބަޔަކު ޝައުޤުވެރިކުރެވޭނެ އެންމެ ފަސޭހަގޮތަކީ އަގުވަޒަންކުރުމެވެ (ކިއެސީ ޑީ އަދި ބޭޓްސް އެމް، 1978). އަގުވަޒަންކުރުމުގައި މިހާރު ގެންގުޅޭ އުޞޫލުތައް އިސްލާޙްކޮށްލައި ހަރުދަނާ ގޮތްތަކެއް އެކަށައެޅުމީ މިކަމަށް މަގުފަހިވާނެ ކަންކަމެވެ.
އާދައިގެ ގޮތަކަށް ކުލާސްތަކުގެ ގަޑިތައް "ފުރާލަން" ޖެހޭ މައިގަނޑު ސަބަބަކީ ބޭނުންވާ މިންވަރަށް، ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ލިބެންނުހުރުމެވެ. ރާއްޖޭގެ ގިނަ މަދަރުސާތަކަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭ ފެންވަރަށް ތަރައްޤީކުރެވިފާ މަދަރުސާތަކެއް ނޫނެވެ. ކުޑަމިނުން ކުލާސްތަކުގައި އޯޑިއޯ ވީޑިއޯ ފިލާވަޅެއް ކުރިއަށް ގެންދިއުމަށްބޭނުންވާ އަސާސީ ތަކެތި ނުހުރެ އެވެ. މީގެއިތުރުން، ރާއްޖޭގެ ސްކޫލުތަކަކީ ބަޖެޓްގެ ގޮތުން ތާށިކަން ތަހައްމަލުކުރަން ޖެހޭ ސްކޫލުތަކެވެ. މިކަމުގެ ސަބަބުން ކިޔަވައިދިނުމަށް ބޭނުންވާ އަސާސީ ބައެއް ސާމާނު؛ ކުލަކޮށް ޕްރިންޓްކުރުން، ބޭނުންވާ މިންވަރަށް ޕްރިންޓްކުރުން، ބޭނުންވާ ޒާތުގެ ސްޓޭޝަނަރީޒް ފަދަ ތަކެތި ލިބުންވަނީ ދަތި އުނދަގޫ ކަމަކަށެވެ. މިފަދަ ފިލާވަޅެއް ރާވައިފި ނަމަ އެތަކެތި ހޯދުމަށް މުދައްރިސަށް އެތަކެއް ތަކުލީފެއް އުފުލަން ޖެހެ އެވެ. އަނެއްކޮޅުން، "ފީލްޑް ޓްރިޕް"ތަކަށް ދިއުމަށް ހަރަކާތެއް ރޭވުންވަނީ ދަތި އުނދަގޫ ކަމަކަށެވެ. ސަބަބީ ދަރިވަރުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންވަރަށް ބެލެނިވެރިންނާއި މުދައްރިސުން ބޭނުންވުމެވެ. މައްސަލައަކީ، މުދައްރިސުން ބޭނުންކުރާނަމަ، އިތުރުގަޑި ދިނުމަށް ޤާނޫނު ބާރުއަޅާ އިސްވެރިން ދައްކާ ބަހަނާތަކެވެ. މިހުރިހާ ދަތިތަކެއް މިގޮތަށް ތަހައްމަލުކޮށް ފިލާވަޅުތަކެއް ރޭވުމަކީ އެއްވެސް މީހަކަށް ފަސޭހަކަމެއް ނޫނެވެ. އުނގަނައިދިނުމުގެ ތަފާތު ގޮތްތަކާއި ވައްޓަފާޅިތައް ބޭނުންކުރުމަށް މުދައްރިސުން ބޭނުންވީ ނަމަވެސް ދިވެހިރާއްޖޭގެ ގިނަ ސުކޫލު މަދަރުސާތައް އެކަމަށް "ތަޞައްރަފު ނުފުދޭތީ" އަދިވެސް ކިޔަވައިދިނުމުގައި ގެންގުޅެން ޖެހެނީ އާދައި "ކަޑަ" ގޮތްތަކެވެ. މުދައްރިސް ކިތައްމެ ޤާބިލަސް ސްކޫލުތައް ނާޤާބިލުކަމުންނެވެ.  
އިންސާނީ ޠަބީއަތުގައި ހިމެނޭ އެންމެ ބަލިކަށި ކަމަކީ ކަން ފަސޭހަކޮށްލެވުމާއި ފަރުވާކުޑަކޮށްލެވެމެވެ. މުދައްރިސުންނަކީ ވެސް އިންސާނުންނަށްވީތީ، މުދައްރިސުންގެ ޠަބީއަތުގައިވެސް މި ބަލިކަށިކަން ހުންނާނެ އެވެ. މުދައްރިސުންގެ ޒިންމާއަކީ އުނގަނައިދިނުމެވެ. ދަސްކޮށްދިނުމެވެ. ކިޔަވައިދީ އަހުލުވެރިކުރުވުމެވެ. ޝަޚްޞުން ބިނާކުރުމެވެ. ހެވާއި ނުބައި ބުނެދީ ތަރުބިއްޔަތުކުރުމެވެ. މުދައްރިސުންގެ މަތިން މަސައްކަތްކުރާނެ އިސްފަރާތްތަކީ ލީޑިންގް ޓީޗަރުން ނުވަތަ ސުޕަވައިޒަރުންނެވެ. އެފަރާތްތަކުގެ މަތިން އެކިއެކި ނަންނަމުގައި ހަރަކާތްތެރިވާ އިސްވެރިންނެވެ. މިއީ އުނގަނައިދިނުމުގެ ޗޭނެވެ. ޗޭނުގެ ބޮޅުތަކެވެ. މި ޗޭނުގައި ހިމެނޭ އެއްވެސް ފަރާތަކުން އެއްވެސް މިންވަރަކަށް އިޙްމާލެއް ވެއްޖެނަމަ އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެޗޭނެއް އޮތުމުގެ މުހުތާދުކަމުގައިވާ ދަރިވަރުންނަށެވެ. ދަރިވަރުންނާ ހަމައަށް އެކަންދާނީ މުދައްރިސުންނާ ހަމައިންނެވެ. ވީމާ، އުނގަނައިދިނުމުގެ ޗޭނުގައި ހިމެނޭ ހުރިހާ ބޮޅުތަކެއް ގުޅިލާމެހިގެން މެނުވީ ހަރުދަނާ ކަމާއެކު ދަރިންތަރުބިއްޔަތެއް ނުކުރެވޭނެ އެވެ. މިކަމަށްޓަކައި އެއްބަޔަކު އަނެއް ބަޔަކަށް ފާރަވެރިވަންޖެހެ އެވެ. ފާރަވެރިވުމުގެ ނިޒާމު ހަރުދަނާކުރަން ޖެހެ އެވެ. ރާއްޖޭގެ ސުކޫލު މަދަރުސާތަކުގައި ފާރަވެރިވުމުގެ ނިޒާމު 'ދޯހަޅިވެފައި' އެނިޒާމުން ފާހަގަވާ ބޮޑެތި 'ބައިގަނޑުތައް' ގިނައީ އެވެ. އެކަމުގެ ސަބަބުން، ކިޔަވައިދިނުމަށް މުދައްރިސުން އެކިއެކި ގޮތްތައް ބޭނުންކުރާ މިންވަރު މަދުވަނީ އެވެ. ކާމިޔާބު ފިލާވަޅުތަކަށް ބޭނުންވާ އަސާސީ އުންސުރުތައް ފިލާވަޅުތަކުން ނުފެންނަނީ އެވެ.
އާދައިގެ ގޮތަކަށް ގަޑިފުރާލައިލާ ކަންފަސޭހަކޮށްލުމަށް މުދައްރިސުންނަށް މެދުވެރިވާ އަނެއް ސަބަބަކީ މަސައްކަތުގައި އަވަދި ނެތި އުޅެން ޖެހެމެވެ. ހަރަކާތްތެރި ބައެއް ސުކޫލުތަކުގައި ކިޔަވައިދިނުމަށް ހޭދަކުރާ ވަގުތަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހެނީ އިތުރުހަރަކާތްތައް ހިންގުމަށެވެ. މަންހަޖުން ބާރުއަރާޅާފައިވާ ކަންކަން ފުރިހަމަ ކުޅައުމަށް ބޭނުންވާ ކަންކަމަށް ހިންގޭ ހަރަކާތްތަކަށް ދަރިވަރުން ފަރިތަކުރުވާ އެކަމަށް އަހުލުވެރި ކުރުވުމުގަ އެވެ. މިކަމުގެ ސަބަބުން ދޭތެރެ މެދުން ލިބޭ ބަންދާއި ހަފުތާ ބަންދަށް ލިބޭ ހުސްވަގުތުތަކާއި އެހެނިހެން ގަޑިތަކުގައިވެސް އަބަދުވެސް މުދައްރިސްގެ ސިކުނޑި ހުންނަނީ އެކަންކަމަށް އަމާޒުކުރެވިފަ އެވެ. ނަތީޖާއަކަށްވަނީ، ކިޔަވައިދިނުމަށް މޮޅެތި ޚިޔާލުތަކާއި ތަފާތު އުކުޅުތައް ރޭވުމަށް ބޭނުންވާ މިންވަރަށް ވަގުތު ނުލިބުމެވެ. ނަތީޖާއަކަށްވަނީ ކުލާހަށް ގަޑިފުރާލުމަށް ދިއުމެވެ. އެހެންކަމުން، ކާމިޔާބު ފިލާވަޅުތަކެއް ރާވާ ކުލާހުގައި އެކަންކަން ތަޖުރިބާކުރަން ބޭނުންނަމަ، އިތުރު ހަރަކާތްތައް އިންތިޒާމީ އުޞޫލަކަށް ފައްތައިގެން ހަމަހަމަ ކަމާއެކު ކުރިއަށް ގެންދޭވޭ ކަންކަމަށް ހެދުން އެއީ، ކިޔަވައިދިނުމަށް ތަފާތު އުކުޅުތައް މުދައްރިސުން ތަޖުރިބާ ކުރުމަށް ކޮށާލެވޭ މަގަކަށް ވެގެންދާނެ އެވެ.
މުދައްރިސުންގެ ކުރިއެރުމާއި ތަރައްޤީއަށް ހިންގޭ ހަރަކާތްތަކާއި މުދައްރިސުން ތާޒާ ކުރުމަށް ހިންގޭ ތަފާތު ހަރަކާތްތައް ހިންގޭ މިންވަރު މަދުވުމަކީ މުދައްރިސުންގެ ކާމިޔާބީއަށް ހުރަސް އެޅުމަށް މެދުވެރިވާ ސަބަބެކެވެ. އާ ޚިޔާލުތަކާއި އާ ކަންކަމަކީ ކުރެވޭ ތަޖުރިބާ ތަކާއި ލިބޭ މަޢުލޫމާތުތަކުގެ ތެރެއިން އުފަންވާ ކަންކަމެވެ. އެހެންކަމުން، ޚިދުމަތުގައި ތިއްބެވި މުދައްރިސުން އެއް މުދައްރިސް އަނެއް މުދައްރިސަށް މައުލޫމާތު ހިއްސާކުރުމާއި މައުލޫމާތާއި ތަޖުރިބާ ބަދަލު ކުރުމަކީ އާ ޚިޔާލުތަކަށް ހުޅުވާލެވޭ ދޮރަކަށް ނޫނީ ނުވާނެ އެވެ. ފަންނީ ގޮތުން މަދަނީ ޚިދުމަތްތަކަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ޕްރޮގުރާމުތަކުގެ ތެރެއިން، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ރަށުފެންވަރުން ފެށިގެން، އަތޮޅުފެންވަރު ފަހަނައަޅައި ސަރަޙައްދީ ފެންވަރުން ޤައުމީ ފެންވަރަށް ދެމިގެންދާނެ ފަދަ މަޝްވަރާކުރުން ތަކާއި 'ސައްލާގެ މާދިރީތައް" ބޭއްވުމަކީ މިކަންކަމަށް ހުރި މަގުތަކެވެ. ނަމަވެސް، ދިވެހިރާއްޖޭގައި ރަސްމީގޮތެއްގައި އެދެވޭ ހެޔޮ މަންފާހުރި ކަންކަން ރާވާ ހިންގޭ މިންވަރު މަދީ އެވެ. އެފަދަ ޙަރަކާތެއް މަދަރުސާތަކުގެ ފެންވަރުގައި ހިންގަން ބޭނުންވީ ނަމަވެސް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން ނާކާމިޔާބުވާ މިންވަރު އިތުރީ އެވެ. ޒަމާނީ ޓެކްނޮލޮޖީގެ މި ބަވަނަ ދުނިޔޭގައި މިކަން ކަމަށް ހިންގޭ ކަންކަން ހުރި އިރުވެސް، އެކަންކަމަށް އަހުލުވެރިވީ ނަމަވެސް އެކަމަށް ކަމާ ބެހޭ ވުޒާރާތަކުން ކަންކަން ހިންގުމަށްވެސް ހުރި ގޮން ޖެހުންތައް އިތުރީ އެވެ. އެހެންކަމުން، މުދައްރިސުންގެ ފެންވަރާއި ހުނަރު މަތި ކުރުމަށް މުޅިރާއްޖެއަށް އަމާޒުކުރެވިގެން އެކި އެކި މަސައްކަތު ބައްދަލުވުންތަކާއި ފަންނީ ޚިޔާލާއި ސައްލާގެ މާދިރީތައް ހިންގުމަށް ފުރުޞަތުތައް ހުޅުވާލެވިއްޖެ ނަމަ ކާމިޔާބު މުދައްރިސުންގެ އަދަދު އިތުވެގެން ދާނެ ކަމަށް ޤަބޫލުކުރެވެ އެވެ.
        "ކާމިޔާބު މުދައްރިސް" އަކީ އެއްމެ ރެއެއްގެ އަލިވިލެންވާ އިރަށް ބިނާ ކުރެވޭނެ ނުވަތަ އުފެއްދޭނެ ހުނަރުވެރިކަމެއް ނޫނެވެ. "ކާމިޔާބު މުދައްރިސް" އަކީ އެތަކެއް ތަޖުރިބާތަކަކާއި ޢިލްމީ އެކިއެކި ފަންނީ މައުލޫމާތުތަކުން އުފެދޭނެ ޤާބިލުކަމެކެވެ. މިކަމަށް މަގުފަހިވާގޮތަށް ރާއްޖޭގައި ހުރި ފުރުޞަތުތައް މަދުވެފައި، މިހައިތަނަށް ހުރި ފުރުޞަތުތަކަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަންކަމަށްވާތީ ފިލާވަޅުތައް ނަގައިދިނުމުގައި މުދައްރިސުން "އާދައިގެ އުޞޫލުތަކެއް" ބޭނުންކުރަނީ އެވެ. މިކަމުން، މުދައްރިސުން އަރައިގަނެ "ކާމިޔާބު މުދައްރިސް"ގެ މަފްހޫމުގައި ހިމެނޭ އުންސުރުތަކުގެ އެހީގައި ފިލާވަޅުތަކުން ކުލާސްތައް ތަރުބީކުރެވޭނީ މިކަމަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރެވިގެންނެވެ. ކުލާސްތަކުގެ މާހައުލުންފެށިގެން އެއްބާރުލުމާއި، ޝަޢުޤުވެރިކުރުމަށް ހިންގޭ ހަރަކާތްތަކާއި، އުޖޫރައިގެ އިތުރުން، އިތުރު ހަރަކާތްތަކާއި، ޒިންމާ އަދާކުރުމަށް އަހުލުވެރިކޮށްގެންނެވެ. އެކަންކަން ތަރުތީބުކޮށް ނިޒާމީ ހަމަޖެހުމަކަށް ގެނުވިގެންނެވެ. ހަމަހަމަކަމާއި މަސަލަސްކަން ޤާއިމުކުރެވިގެންނެވެ. އޭރުން، "ކާމިޔާބު މުދައްރިސުން" ކުލާސްތަކުގައި ކިޔަވައިދޭނީ "ކާމިޔާބު ފިލާވަޅުތަކެކެވެ." އެހިނދުން، ދިވެހި މަދަރުސާތަކުން ނުކުންނަ ކޮންމެ ދަރިއެއްގެ ސަބަބުން ދިވެހިން ޖީލުތައް ހިނިތުންވެލާނެ އެވެ. މުނިދަރިންނަށް ނަމޫނާ ދައްކާނެ ދަރިންތަކަށް އެދަރިން ވެގެންދާނެ އެވެ.
ޙަވާލާތައް
ހަބަރމަން، އެމް. (1995). ސްޓަރ ޓީޗަރސް އޮފް ޕަވަރޓީ. ބްލޫމިންގްޓަން، އިން:ކައްޕަ ޑެލްޓާ ޕައި.
ވޯލްކް، އެސް. (2003).ހާޓް އެންޑް މައިންޑްސް، އެޑިޔުކޭޝަނަލް ލީޑަރޝިޕް، 61 (1)، ޞ. 14 -18.
މޭރިއަ ޓީ، މުސްތަފާ އެސް. (2009). ޕްރެކްޓިކަލް އެޑިޔުކޭޝަނ، މަސްކެޓް، އޮމާން: މިނިސްޓްރީ އޮފް އެޑިޔުކޭޝަން.
Source: Carr A, Jonassen H, Lit zinger E, Marra M 1998. Good news to foment educational revolution: The role of systemic change in advancing situated learning, constructivism, and feminist pedagogy. Adelman, H. S., & Taylor, L. (2002). School counselors and school reform: New directions. Professional School Counseling, 5, 235–248.
Dunn, N. A., & Baker, S. B. (2002). Readiness to serve students with disabilities: A survey of elementary school counselors. Professional School Counseling, 5, 277–284.
Brophy, J. E. (1996). Teaching problem students. New York: Guilford.
Brophy, J. E., & McCaslin, N. (1992). Teachers' reports of how they perceive and cope with problem students. Elementary School Journal, 93(1), 63–68.
Marzano, R. J., & Marzano, J. S. (2003). The key to classroom management. Educational Leadership, 61(1), 6–13.
Anderman, E. M., Maehr, M., & Midgley, C. (1999). Declining motivation after the transition to middle school: Schools can make a difference. Journal of Research and Development in Education, 32(3), 131–147.
Carnegie Council on Adolescent Development. (1995). Great transitions: Preparing adolescents for a new century. Waldorf, MD: Carnegie Corporation of New York.
(Ref: Brooks, J. and Brooks, M. (1993). In Search of Understanding: The Case for Constructivist Classrooms, ASCD) Keirsey, D. and Bates, M (1978) Please Understand Me: Character and temperament types.Prometheus Nemesis Books, Delmar CA. (Third Edition).




No comments:

Post a Comment