އެތަނަށް ވަދެވުމާއެކު ލޮލުގައި އަޅައިގަތީ ސާފިން ބޯޑުތައް ކިހިލި ޖަހައިލައިގެން ހޭލަމޭލަވުން ދިޔަ ދެ ޖިންސުގެ ޒުވާނުންނެވެ. ރާޅުތަކުގެ ހޮޅި މެދުން ހިނިތުންވެލައިގެން ހޯބޯ ލަވަމުންދާ ދިވެހީންގެ އަޑުން މުޅި ތަން އޮތީ އެއް އަޑު ކިޔައިލަ ކިޔައިލައެވެ.
އާއެކެވެ. މި ދައްކަނީ ފަނަރަ ސަތޭކައެއްހާ މީހުންގެ
އާބާދީއެއް އޮތް، ފަތުރުވެރިކަމަށް މުޅި އިޤްތިޞާދު ބަރޯސާކުރަމުންދާ ރ. ރިކިލިފަރުގައި ބިނާކޮށްފައިވާ އާދަޔާ ޚިލާފު ތަނެއްގެ ވާހަކައެވެ. ފަތުރުވެރިކަމުގެ މަރުކާއެއް ޤާއިމު
ކުރުމުގެ ބޭނުމުގައި އެ ރަށު ކައުންސިލުން އިސްނަގައިގެން، 2023ވަނަ ރަށުގެ މެދުން
ތިން ހެކްޓަރުގެ ބޮޑު ސަރަހައްދެއް ކޮނެ "ރިކިރި ރާޅު"ގެ ނަމުގައި
ރާޅާއެޅުމަށް އުފެއްދި ޚާއްޞަ މައިޒާނުގެ ވާހަކައެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު ކުރެވުނު ކާމިޔާބު މަސައްކަތެއް.
އެންމެ ބޮޑަށް އުނދަގޫވީ ރަށުން ބައެއް ކޮންނަން ހުއްދަ ލިބުން ލަސްވުމުން. ނަމަވެސް ކުރެވުނު ބުރަ މަސައްކަތްތަކުން މިކަން ކޮޅެއްގައި ޖެހެން ވެސް ދެ
އަހަރެއް ވަރު ނެގި. އޭރު ހެދިފައި ހުރި ގާނޫނު ތަކަށް ބަދަލުތަކެއް ގެންނަން
ޖެހުނީ. އެކަމަށް އެހައި ވަގުތު ނެގީ ވެސް." އެ ރަށު ކައުންސިލްގެ ރައީސް،
މުޙައްމަދު ވާފިރު ކިޔައިދިނެވެ.
ވާފިރުގެ ވާހަކައިން އެނގުނު ގޮތުގައި މި ފަދަ މަސައްކަތްތަކަށް އަދި ރާއްޖެ
ފައްކަލެއް ނުވެއެވެ. ޤާނޫނުތަކުން ފެށިގެން ޤަވާއިދުތައް ވެސް ހުރީ އެކަމަށް
ފަހިވާ ގޮތަކަށް ނޫނެވެ. ރައްޔިތުންގެ ވިސްނުމާއި ފިކުރު ވެސް މުޅީން ތަފާތެވެ.
"ވަރަށް ފާޑުކިޔުން ވެސް އަމާޒުވި. ވަށައިގެން މޫދު އޮއްވާ ރާޅާއަޅަން
ރަށު މެދު ކޮންނާތީ. މަސްނޫއީ ރާޅު އުފައްދަން އުޅޭތީ. އެކަކަށް ވެސް ބަލައި
ނުގަނެވުނު މިކަމެއް. އެކަމަކު ރަށު މެދު ޚިޔާރުކުރީ ވަރަށް ބޮޑަށް
ދިރާސާކޮށްފަ." މުޅި ރާއްޖޭގައި ވެސް އަލަށް ހުޅުވި ރާޅާއެޅުމަށް ޚާއްޞަ
މައިޒާން ވުޖޫދުކުރުމުގައި ރިކިލިފަޅު ކައުންސިލްގެ ވިސްނުން ހުރި ގޮތް
ހިއްސާކުރަމުން ކައުންސިލްގެ ނައިބު ރައީސް،ހަސަން ސިރާޖު، 45، ހިއްސާކުރިއެވެ.
2023 ޖޫން 28ގައި ހުޅުވި ރިކިލިރާޅުގެ ސަބަބުން އެ ރަށުގެ އިޤްތިޞާދު ހިނިތުންވެލިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކައުންސިލުގެ ބަޖެޓުން ދެ މިލިއަނެއްހާ ރުފިޔާގެ އިތުރުން ސްޕޮންސަރުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެން ބިނާކުރި މި މައިޒާނުގެ ސަބަބުން އުމުރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް ރަށުގެ ވެށްޓަށް އަންނަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.
"މުޅި
ރަށް މިކަމަށް ބަރޯސާވަމުން މިދަނީ. ގެސްޓުހައުސްތައް އިތުރުވޭ އެބަ. ވިޔަފާރިތައް
ހޮޓާ ރެސްޓޯރެންޓުތައް ގިނަވެއްޖެ. ވަޒީފާއަށް މި ރަށަށް އަންނަ ޒުވާނުން
އިތުރުވެއްޖެ. މާލޭގެ ބޮޑެތި ވިޔަފާރިވެރިން ވެސް އެބަ ބިން ގަނޭ. މި ރަށަށް އެބަ
ޝައުޤުވެރިވޭ." ނައިބު ރައީސް ސިރާޖު ބުންޏެވެ.
ދެން އޮތީ މި ތަނަށް
ޒުވާނުން ޝައުޤުވެރިވޭތޯ އުފެދޭ ސުވާލެވެ. މި ތަން ތަޖުރިބާކޮށްލަން މި ކުރި
ޒިޔާރަތުން އެކަން ލޮލަށް ހާމަވެއްޖެއެވެ. ޒުވާނުންގެ މޫނުމަތިން އެ ފެންނަ
ހިނިތުންވުމުން އެކަން އެބަ އަންގައިދެއެވެ.
"ވަރަށް ސަޅި
މިތަން. މޫދު ވީމަ އެހައި ސުމޫތެއް ނޫން ރާޅު ހުންނަ ގޮތެއް. ދެން ވޭވުގެ
ކޮލިޓީ ވެސް އެހާއެއް ނޫންދޯ! އަނެއްކާ ޔަގީންކަމެއް ނޯވޭ ރާޅު ހުންނާނެ ކަމެއް.
އެކަމަކު މިތަނުގައި އެއް ކޮލެޓީއެއްގައި ރާޅުތައް އެބަހުރޭ. ދެން ބޭނުން
ސްޕީޑަކަށް ރާޅު ކޮންޓްރޯލު ވެސް ކުރެވޭ. އެކި އޭރިޔާގަ އެކި ވަރަށް އެބަ
މެއިންޓެއިންކުރެވޭ. އެ އެންމެ ސަޅި ކަމަކީ." ރިކިރިރާޅު މައިޒާނުގައި
ރާޅާއަޅަން އުޅުނު ޒުވާނެއް ކަމަށްވާ ޔައީޝާ ނާޒިރު، 20، ފޯރީގައި ބުނެލިއެވެ.
ޔައިޝާއަކީ ރ.
އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ އުނގޫފުށީ ޒުވާނެކެވެ. އޭނާއާއެކު
ރައްޓެހިންގެ ބޮޑު ގުރޫޕެއް ހަމަކޮންމެ ދުވަހަކު ޑިއުޓީ ނިންމައިފަ އެ ތަނަށް
ރާޅާއަޅަން އަންނަކަމަށް ބުންޏެވެ.
"ފަސޭހައިން
އައިސް ދެވޭނެހެން ފެރީ އޮވޭ. މިތަން ޑެވެލޮޕްކޮށްފަ މި އޮތީ ރާޅާއެޅުމަށްފަހު
ފެންވަރައިގެން ކޮފީ ބޮވޭ ކަހަލަ ގޮތަކަށް. ދެން ގެސްޓުންނަށް ސަން ބަރތިން އޭރިއާ
އެއްވެސް އެބަ އޮވޭ. ލޯކަލް ގެސްޓުންނަށް ވަކި އޭރިއާއެއް ބޭރު މީހުންނަށް ވަކި
އޭރިޔާއެއް އޮތީމަ ވަރަށް ހިތްހަމަޖެހޭ." ޔައީޝާ ހިނިތުންވެލަމުން އެ ތަނުގެ
ތަންތަން ދައްކާލަދިނެވެ.
މި ސަރަހައްދުގައި ތަފާތު
ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ޤާއިމުކޮށްފައެވެ. ކެފޭ، ރެސްޓޯރެންޓުގެ އިތުރުން
އެކި އުމުރުފުރާތަކަށް ޚާއްޞަ ސަހައްދުތައް ވެސް ކަނޑައަޅައިފައި ހުރެއެވެ. ތަން
ވަށައިގެން ވަނީ ގެސްޓު ހައުސްތަކެވެ.
"އުޅޭނެ
ޕްރޮފެޝަނަލް އިންސްޓްރަކުޓަރުންގެ ގޮތުގައި 15 ދިވެހިން. ދެން މެއިންޓެންސް އޮފިސަރުންގެ
ގޮތުން ވިހި ސްޓާފުން. ރޫމް ބޯއީންނާއި ތަން ސާފުކޮށް ބެލެހެއްޓުމުގެ
މަސައްކަތަށާއި ގަރޑަނިންގެ މަސައްކަތްތައް ކަހަލަ މަސައްކަތްތަކަށް، ޖުމުލަ
ދުއިސައްތައެއްހާ މުވައްޒަފުން." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ކައުންސިލުން ނިންމީ
މިތަނުގެ ފައިދާ މުޅި ރަށަށް ލިބޭނެހެން ވަޒީފާތަކަށް މީހުން ނަގަން. އެހެންވެ
ނިންމީ ކޮންމެ ގޭބިސީއަކުން މަދުވެގެން އެކަކު ހުންނަންވާނޭ މިތަނުގެ
މުވައްޒަފެއްގެ ގޮތުގައި. ދެން މުސާރަ ވެސް ހަމަ ރަނގަޅުވާނެ. އެންމެ ދަށް
މުސާރައަކަށް ވެސް ލިބޭނެ ވިހިހާސް." ކައުންސިލްގެ ނައިބު، ސިރާޖު
ކިޔައިދިނެވެ.
މުވައްޒަފުންނަށް އެހައި
ބޮޑު މުސާރައެއްދީގެން ތަން ބެލެހެއްޓުމާއި ޚަރަދުބަރަދު ކެނޑުމަށްފަހު ރަނގަޅު
އާމުދަނީއެއް ލިބޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ނަމަވެސް، އެކަން ބޭއްވީ
ސިއްރެއްގެ ގޮތުގައެވެ.
"އަސްލު
މިކަހަލަ އިންވެސްޓްމަންޓަކުން ލިބޭ މަންފާ އަގުމަގު ކުރާކަށް ނޭނގޭނެ. އާމުދަނީގެ
ބައި ދެން ވިޔަފާރި ސިއްރެއްގެ ގޮތުގައި ބާއްވަމާ ދޯ. އަޅުގަނޑުމެން މިތަން
ހެދުމަށް ނެގި ލޯނު އަހަރެއްގެ ތެރޭގައި ދައްކާ ޚަލާސްކޮށްފިން. ދެން އަމިއްލައަށް
ހިސާބު ޖައްސަވާ." ކައުންސިލްގެ ރައީސް ހިނިތުންވެލަމުން ބުނެލިއެވެ.
"ރައީސް އެ
ވިދާޅުވާހެން އެބަ އާދޭ ހަމަ ކަމާ ކަންފަށާ މިތަނަށް، މި އަތޮޅުގެ ރަށްރަށުގެ
ޒުވާނުން. ފަތުރުވެރިން. މި ރަށުގެ ހުރިހާ ގެސްޓު ހައުހެއް އެ ހުންނަނީ ފުލްކޮށް.
ސަތޭކަ ފަންސާސް ގެސްޓު ހައުސް. ޖުމުލަ އެނދަށްބަލާއިރު ފަސް ސަތޭކައެއްހާ
އެނދު." ރައީސްގެ ވާހަކައަށް ނައިބު ރައީސް އިތުރުކޮށްލިއެވެ.
ސާފިން ބޯޑެއް އަތަށް ދިއްކޮށްލަމުން ކައުންސިލްގެ ރައީސް މައިޒާނަށް އިޝާރާތްކޮށްލިއެވެ. އޭރު ވެސް މައިޒާނުގައި ނަގަމުންދިޔަ ބިޔަ ރާޅުތަކުގެ ހޮޅިމެދުންނާއި އަރިއަރިމަތިން ޒުވާނުން ރާޅާއަޅަމުން ދިޔަ ހިތްގައިމު މަންޒަރު ފެންނަމުން ދިޔައެވެ. ފުޅަނގިތަކެއް ފަދައިން ރާޅުމަތިންނާއި ތިރިންނާއި މެދުން އުދުހެމުންނެވެ. ބަލަން ހުއްޓާ ކައުންސިލްގެ ރައީސް ވެސް ރާޅެއްގެ ހޮޅިއަށް ވަދެ ގެއްލުނެވެ. ހިތަށް އެރީ މިއީ ހަމަ ދިވެހިންގެ ވިސްނުންބާވައެވެ. އީޖާދީ ވިސްނުމާއެކު ކޮންމެ ރަށެއްގެ މެދުން ވެސް މިފަދަ އައު އުފެއްދުންތެރި ވިސްނުމެއް ނެރެވިދާނެ ނޫން ބާއެވެ. ހަގީގަތުގައި ވެސް ރިކިލިރާޅު ތަފާތެވެ. މިތަނުންގެ ރަށަށް، ޤައުމަށް ދިރުން ގެނުވައެވެ.
*********************************************************************
ނޯޓު: މިއީ ތިރީގައިވާ ސުވާލަށް އަމާޒުކޮށް (އެޗް އެސް ސީ ދަރިވަރުންނަށް އަމާޒުކޮށް) ލިޔެފައިވާ ޚިޔާލީ ފީޗަރ އާޓިކަލް އެކެވެ.
ތިރީގައިވާ ސުވާލަށް 25 ފޮޅުވަތާ 30 ފޮޅުވަތާ ދެމެދުގެ ފީޗަރ އާޓިކަލެއް ލިޔާށެވެ.
(15 މާކުސް)
ރ. ރިކިލިފަރު ކައުންސިލްގެ ފަރާތުން އެ ރަށުގައި ވަނީ "ރިކިލި ރާޅު"ގެ ނަމުގައި ރާޅާއެޅުމަށް ޚާއްޞަ މައިޒާނެއް ތައްޔާރުކޮށްފައެވެ. ރަށުގެ މެދުން ބޮޑު ސަރަހައްދެއް ކޮނެ، މަސްނޫއީ ރާޅު އުފަންވާގޮތަށް އުފައްދާފައިވާ މި މައިޒާން ވެފައިވަނީ ފަތުރުވެރިންނާއި އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ވެސް މަޤުބޫލު ތަނަކަށެވެ. އެ މައިޒާނުގައި ރާޅާއެޅުމަށް ވަރަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު އެ ރަށަށް ޒިޔާރަތްކުރަމުންދެއެވެ. އެކަމުގެ ސަބަބުން ރަށަށް އިޖުތިމާއީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ތަފާތު މަންފާތަކެއް ލިބެމުންދާކަމަށް ކައުންސިލާ ބައްދަލުކުރުމުން ދުވަހުނޫސް 'އަސްލު' ނޫހުގެ ނޫސްވެރިޔާ ހައްވާ އިފާޝާއަށް ލިބުނެވެ. ތިޔައީ ހައްވާ އިފާޝާކަމުގައި ދެކިގެން ރިކިލި ރާޅު މައިޒާނާ ގުޅޭގޮތުން ފީޗަރ އާޓިކަލެއް ލިޔާށެވެ.
No comments:
Post a Comment