Thursday, April 27, 2023

މޮޅު ލިޔުންތެރިއަކަށް ވުމަށް ޢަމަލުކުރެވިދާނެ ގޮތް

އިރުޝާދުދޭ ލިޔުން: 


ލިޔުންތެރިކަމުގެ ދާއިރާއިން ކުރިއަށް ދިޔުމަކީ ވަރަށް ގިނަ ދަރިވަރުން ބޭނުންވާ ކަމެކެވެ. ނަމަވެސް، މިއީ ގިނަ ދަރިވަރުންނަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމެކެވެ. އެހެންކަމުން، ހުނަރުވެރި މޮޅު ލިޔުންތެރިޔަކަށް ވުމަށް ޢަމަލު ކުރެވިދާނެ ގޮތުގެ ބައެއް އިރުޝާދުތައް ހިއްސާކޮށްލާނަމެވެ. 

ހުނަރުވެރި މޮޅު ލިޔުންތެރިޔަކަށް ވުމަށް ޓަކައި ކިޔުންތެރިޔަކަށްވާށެވެ. ތަފާތު އެކި ބަސްބަހުން، މޮޅެތި ލިޔުންތެރީން ލިޔެފައި ހުންނަ އެކި ޜޯންރާގެ ލިޔުންތައް ގިނަގިނައިން ކިޔާށެވެ. މިގޮތުން، މައުލޫމާތު ހިމެނޭ ފޮތްތަކާއި އެކުމާފާނުތައް ކިޔާށެވެ. ތަފާތު ރިޕޯޓުތަކާއި މަޒުމޫނުތައް ކިޔާށެވެ. އެކި ބޭނުންތަކަށް ލިޔެފައި ހުންނަ ލިޔުންތައް ކިޔާށެވެ. މުނިފޫހިފިލުވުމަށް ލިޔެފައި ހުންނަ ލިޔުންތަކާއި ދުވަހީ ޚަބަރުތައް ކިޔާން އާދަކުރާށެވެ. އަދި މިފަދަ ލިޔުންތައް ލިޔެފައި ހުންނަ ގޮތާމެދު ވިސްނާށެވެ. އޭރުން، މައުލޫމާތު މުއްސަނދިވުމާއެކު އެކި ބާވަތް ބާވަތުގެ ލިޔުންތަކުގައި ހުންނަ ފަރަގުތައް އެނގިގެންދާނެއެވެ.

ލިޔުންތެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުން އަމިއްލައަށް ލިޔުންތައް އުފައްދާށެވެ. ލިޔުންތައް ލިޔާނެ ގޮތް ނޭނގޭނަމަ، އެފަދަ ލިޔުންތައް ލިޔާން ދަންނަ ހުނަރުވެރީންގެ ގާތުން އަހައިގެން ދަސްކުރާށެވެ. ނުވަތަ ލިޔުންތައް ލިޔުމާ ގުޅޭގޮތުން ފޮތްތަކާއި އިންޓަރނެޓުގައި އާއްމުކޮށްފައި ހުންނަ ޓިއުޓޯރިއަލްތައް ބަލައިގެން މައުލޫމާތު ހޯދާށެވެ. މިގޮތުން، ލިބޭ މައުލޫމާތު ބޭނުންކޮށްގެން އެކި މައުޟޫއުތަކަށް ލިޔުންތައް އެކުލަވައިލާށެވެ. ނަތީޖާއެއްގެ ގޮތުން، ތަފާތު ލިޔުންތައް ލިޔުމަށް ދަސްވާނެއެވެ.

ކުޅަދާނަ ފަންނުވެރި ލިޔުންތެރިއަކަށް ވުމަށް ޓަކައި ތިމާގެ ލިޔުންތަކާ މެދު އެހެން މީހުންގެ ޚިޔާލު ހޯދާށެވެ. ތިމާގެ ލިޔުންތައް އެހެންމީހުންނަށް ދައްކާށެވެ. އެމީހުންގެ ލަފާ ހޯދާށެވެ. މިކަން ކުރުމަށް ޓަކައި ލިޔުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހަކު ހޯދުމަށް ސަމާލުކަންދޭށެވެ. އެފަދަ މީހަކު ނުވެއްޖެނަމަ ބަސްކިޔަވައިދޭ މުދައްރިސެއްގެ އެހީތެރިކަން ހޯދާށެވެ. އަދި ލިޔުންތަކާ ގުޅޭގޮތުން ހިއްސާކުރާ ކަންކަން ބަލައިގަނެ، މައްސަލަތައް ހައްލުކުރުމަށް ސަމާލުކަންދޭށެވެ. މިގޮތަށް ކަންކުރުމުން، ތިމާ ލިޔާ ލިޔުންތަކުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް މަތިވެގެންދާނެއެވެ.

ހުނަރުވެރި މޮޅު ލިޔުންތެރިޔަކަށް ވުމަށް ކިޔުންތެރިކަމަށް ސަމާލުކަންދީ އަމިއްލައަށް ލިޔުންތައް އެކުލަވައިލައި، އެ ލިޔުންތަކާ މެދު އެހެން މީހުންގެ ޚިޔާލުތައް ހޯދާށެވެ. މި އިރުޝާދު ތަކާ އެއްގޮތަށް ހުރިހާ ދަރިވަރުން ވެސް ޢަމަލުކުރުމުން ލިޔުންތެރިކަމުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ފަސޭހަވެގެންދާނެއެވެ. އޭރުން، މީހުން ބަލައިގަންނަ ފަދަ ހުނަރުވެރި މޮޅު ލިޔުންތެރިއަކަށް ވޭވޭނެއެވެ. 

  

No comments:

Post a Comment