Wednesday, October 23, 2019

ސްކްރީނަށް ބަރޯސާވުމުގެ ބަލި: އާއްމުވަމުންދާ ނުރައްކާތެރި ވަބާއެއް


                             =ފަތުޙުﷲ އަޙްމަދު(2019)=


"މިހާރު އެއްގޮތަކަށް ވެސް ގެއިން ބޭރަކަށް ނުދޭ. ހަމަ ކޮޓަރީގައި އޮންނަނީ."، "ރައްޓެހި ކުދީންނާއެކު ބޭރުގައި އުޅުން އިތުރުވާން ފެށުމުން ބައްޕަ ގަނެދިނީ ޓެބްލެޓެއް. އެހިސާބުން އެކަން ހައްލުވެއްޖެ." މިއީ މިހާރަކަށް އައިސް އިވެމުންދާ އަޑުތަކެވެ. މިފަދަ އަޑުތައް އިވެމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. ހަގީގަތަކީ މަގެއް ބަންދު ކުރުމަށްފަހު ގޯސް މަގެއް ހުޅުވައިދެވުނު ކަމެވެ. ލޯމަތީ ފެންނަ ހިސާބުގައި ދަރިފުޅު އިން ނަމަވެސް އޭނާގެ ޚިޔާލާއި ފިކުރުތައް އުދުހެމުން ދަނީ މާދުރުގައި ކަމެވެ. އިނގިލިތަކުން ހުޅުވަމުން، ވަންނަމުން ދަނީ ގޮތް ނޭނގޭ އެތައް ކިއްލާއަކަށް ކަމެވެ. މައިންބަފައިންގެ ލޯމަތީ ދަރިފުޅު ފެންނާތީ ހިތްހަމަ ޖެހުން އެއީ ހައްލަކަށް ނުވަނީ އެހެންވީމައެވެ.

މިދަންނަވަނީ ޒަމާނާއެކު ބޯމަތި ކުރަމުންދާ ކަޅުވިލާގަނޑެއްގެ ވާހަކައެވެ. ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދަރިފުޅު ބަލި ކުއްޖަކަށް ހަދައިލެވޭ ވާހަކައެވެ. އިސްކުރީނަށް ބަރޯސާވުމުގެ ބަލި ނުވަތަ 'ސްކުރީން ޑިޕެންޑެންސީ ޑިސްއޯޑަރ'އަށް މަގުފަހި ކޮށްދެވޭ ވާހަކައެވެ. ލޯބިން ގަނެދިން ސްމާޓު ފޯނު ނުވަތަ ޓެބްލެޓު ނޫން ނަމަ އައިޕެޑުގެ ޒަރިއްޔާއިންނެވެ. ނޫން ނަމަ ގެއަށް ވެއްދުނު އިންޓަރނެޓުގެ ސަބަބުންނެވެ. ސްކުރީނަށް ބަރޯސާވުމަކީ ތަފާތު އެކިއެކި ހަރަކާތްތަކާއި އެކި ކަންކަމުގައި ސްކުރީނަށް ބަލަހައްޓައިގެން ތިބުމުގެ ސަބަބުން އުފެދެމުންދާ ނުސިޔާނު ކަންކަމަށް ކިޔާ ނަމެކެވެ. މިގޮތުން، ތަޅާފޮޅުމާއި ނުރަނގަޅު އާދަތަކަށް ހިތްވަރު ލިބޭ ގޭމުތައް ކުޅުމާއި އެފަދަ މަންޒަރުތައް ބެލުމުގައި ވަގުތު ހޭދަކުރުމާއި، އޮންލައިން ގޭމުކުޅުމާއި، މަގުސަދެއް ނެތި އެތައް އިރެއް ވަންދެން ޗެޓުކުރުމާއި، ބޭނުމެއް ނެތް ގޮތަށް އިންޓަރނެޓުގައި ހޭދަކުރުމުގައި އެތައް ވަގުތެއް ހޭދަކުރުމުގެ ނަތީޖާއަކަށްވަނީ ސްކުރީނަށް ދެވި ހިފުމެވެ. އާޚިރު ނަތީޖާއަކީ ކުއްޖާގެ ވިސްނުމުގެ ގާބިލުކަން ގެއްލުމެވެ. އިޖުތިމާއީ ސިފަތައް ކުއްޖާގެ ކިބައިން ނެތިގެން ދިޔުމެވެ.
ލަންޑަނުގައި ބޭއްވި ތައުލީމީ ސިންތާއެއްގައި ވާހަކަ ދައްކަވަމުން ތައުލީމާއި ފަންނިއްޔާތުގެ ދާއިރާގެ ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށްވާ މަންޑީ ސަލިގަރީ ބުނެފައިވަނީ ސްމާޓް ވަސީލަތްތަކުގައި ހިމެނޭ އެޕްލިކޭޝަން ބޭނުންކޮށްގެން ރައްޓެހިންނަށް މެސެޖުކުރުމަކީ ކުއްޖާ މަސްތުވާ ތަކެތި ބޭނުންކުރުމާ އެއްފަދަ ނުރައްކާތެރި ކަމެއް ކަމެވެ. އަދި މިކަމަކީ ފަރުވާކުރަން ޖެހޭނެ ކަމެއް ކަމުގައެވެ. ބޮޑެތިވަމުން އަންނަ ކުދިން ކޮމްޕިއުޓަރު ގޭމް އަދި އޮންލައިން ކޮށް އެއްޗެހި ބަލަން ފެށުމުން އެ ކުދިން އެއަށް ދެވިހިފާ އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރެއެވެ. އަދި ކުއްޖާ ހެދި ބޮޑުވުމަށް ހުރަސް އެޅެއެވެ. ބެލެނިވެރިން ކުދިން އަތަށް ފޯނާއި ޓެބްލެޓް ފަދަ އާލަތްތައް ދޫކޮށްލުމުގެ ސަބަބުން ޅަދުވަހު ކުއްޖާއާއި ބެލެނިވެރިންނާ މެދު އޮންނަންވާ ގުޅުން ހީނަރުވެ ކުއްޖާގެ ޝައުގުވެރިކަމާއި މައިންބަފައިންގެ ފަރާތުން ބޭނުންވާނެ ސަމާލުކަން، އިލެކްޓުރޯނިކް އާލަތްތަކުން ހޯދުމަށް މަސައްކަތް ކުރުމަށް މަގުފަހި ވެއެވެ. ކުދިންގެ އުމުރާ ނުގުޅޭ ފޮޓޯ އާއި ވީޑިއޯ ބެލުމުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމާއި ނުބައްދަލު ވިސްނުމާ ކުއްޖާއާއި ކުރިމަތިވެއެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު މިއީ ދިވެހި މައިންނާއި ބަފައިން ވެސް ވިސްނަން ޖެހިފައިވާ ހައްސާސީ މައްސަލައެކެވެ.
ސްކުރީނަށް ބަރޯސާވުމުގެ ބައްޔަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމުވަމުން އަންނަ ބައްޔެކެވެ. މިކަމުގެ ސަބަބުން ކުދީން ތަފާތު ބަލިތަކަށް ހުށަހެޅޭ މިންވަރުން މި ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ކުޑަކުދީންނަށް ފަރުވާ ދެއްވާ ޑޮކުޓަރުންނާއި އެ ދާއިރާގެ ނަފުސާނީ ޢިލްމުވެރިންވަނީ ކުދީންނަށް ސްކުރީނު ބެލުމުގައި ހޭދަކުރަންވީ ވަގުތުތަކާ ގުޅޭ ގޮތުން ޚިޔާލުތައް ހުށަހަޅާދީފައެވެ. ކުރެހުން 1 ގައި އެވަނީ އެކި އުމުރުގެ ކުދީން ސްކްރީނު ބެލުމަށް ވަގުތު ހޭދަން ކުރަންވީ މިންވަރާ ގުޅޭގޮތުން އެމެރިކާގެ ކުޑަކުދިންނާ ގުޅޭ ވިދާރާއިން އާއްމުކޮށްފައިވާ މައުލޫމާތުތަކެވެ.

ދިވެހިރާއްޖޭގައި 448 ހާސް މީހުން ސުމޭކީ އެކި ވަސީލަތްތައް ބޭނުން ކުރާކަމަށް ހޫޓު ސުއިޓުން އާއްމުކޮށްފައިވާ 'ޑިޖިޓަލް 2019: ގްލޯބަލް އޯވަރ ވިއު ރިޕޯޓު 2019'ގައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންމެ ދިވެހި އާބާދީގެ 370 ހާސް މީހުން މީސް މީޑިއާގެ އެކި މަންސަތައް ބޭނުންކުރާ ކަމަށް 2019 ޖަނަވަރީ މަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެއެވެ. މި އާބާދީގެ ތެރެއިން 350 ހާސް މީހުން މީސް މީޑިއާ ބޭނުން ކުރުމަށް މޯބައިލް ފޯނު ބޭނުންކުރާ ކަން ވެސް މި ދެންނެވި ތަފާސް ހިސާބުތަކުން ހާމަވެއެވެ. ކުރެހުން 2ގައި އެވަނީ 2019 ވަނަ އަހަރު ދިވެހިރާއްޖޭގައި ސުމޭކީ ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތުގެ މައުލޫމާތެވެ. މިދެންނެވި ރިޕޯޓުގައިވާ ގޮތުން ޔޫޓިއުބު މެދުވެރިކޮށް ދިވެހިން އެންމެ ގިނައިން ބަލައިފައިވަނީ ލަވައާއި ފިލްމެވެ. ތިންވަނައަށް އެންމެ ގިނައިން ބަލައިފައިވަނީ ކުޑަކުދީންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. މިކަމުން ހާމަވަނީ ދިވެހި މައިންބަފައިން ކުޑަކުދީން މަސަލަސް ކުރުމަށާއި ކުދީންގެ ހަރަކާތްތައް އޮބަހައްޓަން ބޭނުންކުރާ ހަތިޔާރަކަށް ޔޫޓިއުބު ވަމުން އަންނަކަމެވެ. ކުދީންގެ ޅައުމުރުގައި ނޭނގި ނަމަވެސް ބެލެނިވެރިންނަށް މި އަޅައިލެވެނީ ނުރަނގަޅު ބިންގަލެކެވެ.


ޅަފަތުގެ ކުދީން ސްކުރީނަށް ބަރޯސާވާ މިންވަރު އިތުރުވުމުން ތަފާތު އެތައް މައްސަލައެއް އެކުދީންނަށް ކުރިމަތިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. މިގޮތުން، ސްކްރީނަށް ބެލުމުގައި ގިނަ ވަގުތު ހޭދަކުރާން ފެށުމުން ތިމާގެ ތޫނުފިލިކަން ދަށްވެ ސިކުނޑި ތަރައްގީވާ މިންވަރު ދަށްވާކަމަށް ދިރާސާތަކުން ދައްކައެވެ. އޮންލައިން ގޭމުތައް ކުޅުމަށް ސްކުރީން ބޭނުންކުރުން އިތުރުވެއްޖެ ނަމަ ސިކުނޑީގައިވާ ނާރުތައް ބަލިކަށިވުމަށް ފަށާކަމަށް ޖަރނަލް އޮފް ދަ އިންޓަރނޭޝަނަލް ޗައިލްޑް ނިއުރޮލޮޖީ އެސޯސިއޭޝަނުން 2017 ވަނަ އަހަރު އާއްމުކޮށަފައިވާ ދިރާސާއިން ހާމަވެއެވެ. އެގޮތަށް ދިމާވަނީ އޮންލައިން ގޭމުގައި ހިމެނޭ ކަންކަމަށް މީހާގެ ސިކުނޑީގެ ލަގަން އެކުގައި ދޫކޮށްލެވުމުން، ސިކުނޑީގައި ހިމޭނޭ ނާރުތަކުން އަބަދުމެ އުފައްދާނީ އެއްކަހަލަ ސިގުނަލްތަކެއް ކަމަށް ވުމުން އެ ނާރުތަކަށް ބާރުބޮޑު ވާތީއެވެ. ނަތީޖާއެއްގެ ގޮތުން، ސިކުނޑީގެ ބައެއް ނާރުތަކަށް ބާރުބޮޑުވެ އަނެއްބައި ނާރުތަކުގެ ބާރުދަށްވެ ތޫނުފިލިކަން ކުޑަވެގެންދެއެވެ. މިކަމުގެ ސަބަބުން ޖިސްމާނީ އައިބުތަކަށް ޒުވާން އުމުރުގައި މީހާ ހުށަހެޅުމަށް މަގުފަހިވެއެވެ.
ކިޔަވާ ކުދީން ސްކުރީނަށް ބަރޯސާވާ މިންވަރު އިތުރުވުމުން ދެން ކުރިމަތިވާ އަނެއް މައްސަލައަކީ ކިޔެވުމަށް ހޭދަކުރާން ޖެހޭ ވަގުތު ސްކުރީނަށް ހޭދަކުރެވުމެވެ. ކިޔަވާކުދީންނަކީ ކިޔެވުމަށް ވަރަށް ގިނަ ވަގުތު ހޭދަކުރާން ޖެހޭ ބައެކެވެ. ކޮންމެ ކިޔަވާ ކުއްޖަކީ ވެސް މަދުވެގެން އަށް މާއްދާ ކިޔަވަމުންދާ ކުއްޖެކެވެ. ކޮންމެ މާއްދާއަކުން ކިޔެވުމަށާއި ގޭގައި ނިންމުމަށް އެތައް މަސައްކަތްތަކެއް ހަވާލުކުރެއެވެ. މީގެއިތުން ކޮންމެ ދުވަހަކު ނަގައިދޭ ފިލާވަޅުތައް ދުވަހުން ދުވަހަށް މުޠާލިއާ ކުރާން ޖެހެއެވެ. މިއީ ސްކޫލުގެ މަސައްކަތްތަކުގެ ވާހަކައެވެ. މީގެއިތުރުން، ޓިޔުޝަން ނެގުމާއި، ޤުރުއާން ކުލާސްތަކާއި، ކުޅިވަރުގެ ހަރަކާތްތަކާއި އަދަބީ ހަރަކާތްތަކުން ކިޔަވާ ކުދީންގެ ވަގުތު ތާވަލު އޮންނަނީ ފުރިބާރުވެފައެވެ. މިކަންކަމަށް ހުސްކުރާން ޖެހޭ ވަގުތުތައް ސްކުރީނަށް ހޭދަކުރާން ފެށުމުން ދުވަހީ ތާވަލު އޮންނާނީ ގަޑުބަޑުވެފައެވެ. އިސްކަންދޭންވީ ކަމެއް ނޭނގި ތަރުތީބު ގެއްލިފައެވެ.
ދަރިފުޅު ދެކެ ލޯބިން ގަނެދެވޭ ސްކުރީނުތަކަށް ބެލެނިވެރިން ސަމާލުކަން ދޭން ޖެހޭ މިންވަރު މިވަނީ އިތުރުވެފައެވެ. މިއަދު ސްކުރީނެއްގެ ގޮތުގައި ގޭގެ ހަތަރުފާރުން އެތެރެއަށް ވެއްދެނީ މުޅި ދުނިޔެއެވެ. ދުނިޔޭގައި ވާހާ ކަމެކެވެ. ރަނގަޅު ކަންތަކާއި ނުރަނގަޅު ކަންކަމެވެ. ސްކުރީނުގެ ދޮރުން ކުދީން ވަންނަނީ ހަމައެކަނި ފިނިފެންމަލުގެ ބަގީޗާތަކަކަށް ނޫނެވެ. ތިމާގެ ދަރިފުޅަކީ ކިތައްމެ ހަރުދަނާ އަގީދާއެއްގެ މަތީގައި ތަރުބިއްޔަތު ކުރަމުންދާ ކުއްޖެއް ނަމަވެސް، އިންޓަރނެޓުގެ ޒަރިއްޔާއިން ކުއްޖާ މަގު އޮޅުވާލާކަށް ފަޅި ސިކުންތެއް ވެސް ނުނަގަފާނެއެވެ. ބެލެނިވެރިންގެ ކޮންޓްރޯލަށް ސުކުރީންތައް ގެންނާން ޖެހެނީ އެހެންވީމައެވެ. އެކަމަށް ޚާއްޞަ އެޕްލިކޭޝަންތައް އުފައްދާފައިވަނީ އެހެންވީމައެވެ. ކުއްޖާއަތުން ސްކުރީނުތައް އަތުލުމަކީ ވެސް ހައްލެއް ނޫނެވެ. އެހެނީ، ސްކުރީނުތަކަކީ ވަޅިއެއް ފަދަ އެއްޗެކެވެ. އެހެންކަމުން، ސްކުރީނަށް ބަރޯސާވުމުގެ ބަލީގެ ޝިކާރައަކަށް ތިމާ ނުވަތަ ތިމާގެ ދަރިފުޅު ވުމުގެ ކުރީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމެވެ.



No comments:

Post a Comment