ސަމާސާ އަދަބު
(މިއީ ފައިބެ އަހަރު(2012)ގެ
ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރުން މަޝްހޫރު ރަށެއްގައި ހިނގި
ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ސަމާސާ އަދަބެކެވެ.)
ފަތުޙުﷲ އަހްމަދު/ހއ.
އިހަވަންދޫ
ޒުވާން ދެމަފިރިންނެވެ. ފިރިހެން މީހާއަކީ މަދަނީ ޚިދުމަތުގައި އަވަދި ނެތި
އުޅެމުންދާ ހީވާގި ޒުވާނެކެވެ. އަންހެންމީހާ އަކީ ގެވެހި އަނތްބެކެވެ.
ދެމަފިރިންގެ އަލަތު ދަރިފުޅަށް ތިން މަސް ފުރިހަމަ ނުވެ އެވެ. ވިހެއުމާއެކު
އަނބިމީހާއަށް ތަފާތު އެކިކަހަލަ ކަންތައްތައް ދިމާވަމުން ދިޔަ އެވެ. ވިހެއުމާ
ގުޅިގެން ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުންނެވެ. އެކި ފަހަރު
އެކި އުނދަގުލެވެ. ބޯއެނބުރުމުގެ އުދަނގުލެވެ. މޫނު މައްޗަށް އަނދިރިވުން ފަދަ
ކަންކަމެވެ.
ދެމަފިރިން ނިންމީ އިތުރަށް ގޯސް ނުވަނީސް ޑޮކްޓަރަށް ދިޔުމަށެވެ. ދަރިފުޅު ފިރިމީހާގެ
މަންމައާ ހަވާލު ކުރުމަށްފަހު، ސިއްޚީ މަރުކަޒަށް މިސްރާބު ޖެހިއެވެ. ކަންކަން
ކުރަންވީ ތަރުތީބުން ހުރިހާ ކަމެއް ނިންމާލުމަށްފަހު، ޑޮކްޓަރާ ބައްދަލުވާގޮތްވީ
މަރުކަޒަށް ދިޔަތާ ގަޑިއެއްހާ އިރު ފަހަނައަޅާ ދިޔަފަހުންނެވެ. ޑޮކްޓަރު
ސުވާލުކޮށްލި އެވެ. ބަސްދޭހަކުރަން އިނީ ކިރުތުނބުން ނުފިލާވަރުގެ ޅަ ނަރުހެކެވެ.
ޑޮކްޓަރުގެ ވާހަކަތައް ދިވެހިބަހުން އިވެމުން ދިޔަ އެވެ.
"ކިހިނެއްވަނީ..؟"
"މޫނު މައްޗަށް އަނދިރިއަރާ ބޮލުގައި ރިއްސަނީ"
"ކިހައި ދުވަހެއް ވެދާނެ؟"
"ދުވަސްކޮޅެއް ވެއްޖެ؟"
"ވިހެއުމަށް ފަހުތަ؟"
"ހޫނ!"
ސުވާލުގެ ޒަލްޒަލާ ނިމި ތަން ހިމޭންވުމުން ޑޮކްޓަރު ހައިރާންކަމާ އެކު
އަންހެން މީހާގެ މޫނަށް ބަލައިލި އެވެ. އެ ބަލައިލުމުގައި އެތަކެއް މާނައެއް
އެކުލެވިގެން ވާފަދަ އަކުންނެވެ. ނަރުސް ކުއްޖާ އަވަދިނެތި ޑޮކްޓަރުގެ ބޭސް
ސިޓީގައި ލިޔަމުންދިޔަ ވާހަކަތައް ފޮތަކަށް ކޮޕީކުރަމުން ދިޔަ އެވެ.
"މި ބޭސް ނަގައި އުނގުޅާ! އޭރުން ރަނގަޅުވާނެ! ރަނގަޅު ނުވަންޏާ އާދޭ!
އޯކޭ ދިޔަޔަސް" ނަރުސް ކުއްޖާ ހިނިތުންވެލި އެވެ.
ޑޮކްޓަރަށް ޝުކުރު އަދާކުރުމަށްފަހު ދެމަފިރިން އެކުގައި ޑޮކްޓަރުގެ ކޮޓަރިން
ނިކުތެވެ. މިސްރާބު ޖެހީ މަރުކަޒާ އިންވެގެން ހުރި ބޭސް ފިހާރަ އަށެވެ. ބޭނުންވަނީ
އަވަސް ކޮށްލައިގެން ގެއަށް ދިޔުމެވެ. ކުޑަމީހާގެ ހާލެއް ނޭނގި ގަޑިއެއްހާ އިރު
ވުމުންނެވެ. ބޭސް ފިހާރައަށް ނުވަދެވެނީސް ފިރިމީހާއަށް ކޯލެއް އައުމުން އޭނާ
ނުކުތީ ބޭރަށެވެ. އަނބިމީހާ ބޭސް ސިޓީ ހިފައިގެން އެތެރެއަށް ވަނެވެ. އައިޑީ
ކާޑާއެކު ބޭސް ސިޓީ ސޭޓާ ހަވާލުކޮށްލި އެވެ. ސޭޓް ބޭސް ސިޓީއަށް ނަޒަރު ހުއްޓާލި
އެވެ.
"މި ވައްތަރު ހުންނަ ބޭސް އާސަންދައަކުން ނުލިބޭ ހުންނަނީ!" ކޮށި
ދިވެހިބަހުން ސޭޓް މުޚާތަބު ކުރަމުން ދިޔަ އެވެ.
"ކީއްވެ؟ އާސަންދަ ހުސްވީތަ؟" އަންހެން މީހާ ހައިރާންވި އެވެ.
"ފްރެންޑް މިވައްތަރު މީ ރީތިވާ ވައްތަރު! އަސްލު ބޭސް ނޫން! މިވައްތަރު
ހުންނަނީމަ ނުލިބޭ އާސަންދަ!"
"އެހެންތަ ދީ ބަ ސިޓީ! ކޮން ނަމެއް ކިޔާ ބޭހެއްތަ އޮތީ"
އަނބިމީހާ ލަސްވުމުން
ފިރިމީހާވެސް ފިހާރަ ތެރެއަށް ބޯދިއްކޮށްލި އެވެ.
"އާދެ ބަ ނިކަން ބަލައިބަ މިއޮށް ކަމެއް" ފިރިމީހާއަށް
އިޝާރަތްކޮށްލަމުން ބޭސް ސިޓީ ދައްކާލި އެވެ.
"ކިހިނެއްވީ؟" ފިރިމީހާ އެތެރެއަށް ވަންނަމުން ބޭސް ސިޓީއަށް
ބަލައިލި އެވެ.
"މެލް ކެއަރ... ކީއްވެ މެލްކެއަރ... މި ދެން ތަންކޮޅެއް ބޮޑުވަރުދޯ!
މިއައީ ފޭޝަލް ހައްދާކަށް ނޫންވިއްޔަ! މޮޔަ ޑޮކްޓަރެއްތަ މިއީ؟ ބޮލުގަ ރިއްސާ މޫނު
މައްޗަށް އަނދިރިވާ ވާހަކަ ބުނީމަ މޫނުގަ އުނގުޅަށް އެދިނީ މެލް ކެއަރ
ފުޅިއެއް؟" ފިރިމީހާއަށް ރުޅި އިސްކުރެވުނެވެ.
"ސިޓީގައި ހުންނަނީ ފޭސް ޑާކްނެސް އެންޑް ހެޑޭކް... އެހެންވީމަ
އެވައްތަރު ބޭސް ދޭ ހުންނަނީ" ބޭސް ސިޓީ ގައި އޮތް އެއްޗެއް ތަފްސީލުކޮށް
ދެމުން ފިހާރައިގެ ސޭޓް އޮޅުން ފިލުވައިދިނެވެ.
"ހޫނ! މަށަށް ވިސްނިއްޖެ! އެ ނަރުސް ކުއްޖާ ބުނީ އެހެން! މަ މޫނު
މައްޗަށް އަނދިރިވެއޭ ބުނީމަ އެބުނީ ފޭސް ޑާކްނެސް އޭ! ބޮލުގަ ރިއްސައޭ ބުނީމަ...
ކީކޭ ބުނާނީދޯ... މިކަހަލަ ކިތައް ލަނޑު މީހުންނަށް ލިބިފަ ހުންނާނެ!
އަހަރުމެންވެސް ސިޓީ ކިޔައި ނުލީމަ ވީގޮތްމީ! އެކަމަކު ދެން މަ ނެތް އެ ޑޮކްޓަރަށް
ދައްކަން ދާ ހިތެއް" އަނބިމީހާއަށްވެސް އިސްކުރެވުނީ ރުޅި އެވެ. އެހާ
ގިނައިރު މަޑުކޮށް ޑޮކްޓަރަށް ދެއްކުމުން އެފަދަ ލަނޑެއް ލިބުމުންނެވެ.
"އެހެންވީމަ ޑޮކްޓަރު އެ މާނަ ކުރީ ތީނަ މޫނު ކަޅުވާތީ އެކަމާ ވިސްނާތީ
ބޮލުގަ ރިއްސަނީކަމަށްދޯ! މިހިރީ ބޮޑު މުސާރަ ނަގައިގެން ތިބޭ ނަރުހުން
މީހުންނަށްދޭ ލަނޑު... ބުނާ އެއްޗެއް އިނގިރޭސި ބަހުން ބުނަން ނޭނގޭނަމަ އެތަނަށް
ނުވަދީމަވީދޯ... އަހަރުމެންވެސް ނާންނާނެދޯ މެލްކެއަރ ފުޅިއެއް ގަންނާކަށް
ޑޮކްޓަރަށް ދައްކާކަށް... ހިނގައިދާން ކުޑަމީހާ މަސަލަސް ނުވެގެން މަންމަ
އެގުޅީވެސް..." ފިރިމީހާގެ އިޝާރާތަށް އަނބިމީހާވެސް ބޭސްފިހާރައިން ނުކުމެ
މަރުކަޒަށް ނުނިޔަތަކުން ބަލައިލި އެވެ. މޫނުމަތި ކުނިކޮށްލަމުންނެވެ.
އެންމެފަހުން ދެމަފިރިން ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ބޮލުގަ ރިއްސާ
މޫނު މައްޗަށް ކިތައްމެ އަނދިރިވިޔަސް އެ ނަރުސް ކުއްޖާ ބަސްދޭހަކޮށްދޭން އިންހާ
ހިނދަކު އެ މަރުކަޒަށް ޑޮކްޓަރަށް ދައްކަން ދިޔުން ހަރާންކޮށްފަ އެވެ.
narus kujjaage massala eh nei...
ReplyDelete